އިލެކްޝަންސްގެ އިތުބާރު ގެއްލޭ އެއްވެސް ވާހަކައެއް ބުނެފައެއް ނޯންނާނެ: މައުމޫން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ގެއްލޭ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވީ ނަމަވެސް، އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވަގުތީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންތިހާބުތަކުގެ ނަތީޖާ ނުކުންނަނީ ރައްޔިތުން ވޯޓުލާ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނު ޕީޕީއެމްގެ ޖަލްސާގައި ވިދާޅުވީ "ޒިންމާދާރުކަން ކުޑަ" ގޮތަކަށް ކަމަށް ބުނެ ސީރިއަސްކޮށް އެ މައްސަލަ ބަލާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަނުން އެ މައްސަލަ ބަލަން ފަށައި، މައުމޫން ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލު ހާމަކޮށްދެއްވުމަށް އެދި އިއްޔެ ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީއާ ހަވާލާ ދެއްވައި އިލެކްޝަންސް އަށް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ މިހާރު ރާއްޖޭގެ ކަންތައް ހުރި ގޮތުން ރައްޔިތުން ވޯޓުލާ ގޮތަށް ނަތީޖާ ނުނިކުންނަނީ އިލެކްޝަނުން ކަންތައް ކުރާ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނޯންނާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ބުނި އެއްޗެއް މަނިކުފާނު ބޭނުންފުޅުވިހާ ގޮތަކަށް މާނަކުރައްވައިގެން އެއީ އަޅުގަނޑު ޒިންމާދާރުކަން ކުޑަ ގޮތަކަށް ބުނި ބުނުމެއް ކަމަށް ވިދާޅުވެ އަޅުގަނޑާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް މީޑިއާގައި ވާހަކަ ދައްކަވައި އަދި ހަމައެ ވާހަކަ އެގޮތަށް އިސްވެ ދެންނެވި މަނިކުފާނުގެ ސިޓީގައި ވިދާޅުވެފައިވާތީ ވަރަށް ބޮޑަށް ހިތާމަކުރަމެވެ،" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ނިސްބަތްކުރައްވައި، ސިޓީގައި ވިދާޅުވެފައިވެ އެވެ.ޕީޕީއެމަށް މަޖިލިހުން ޖާގަ ހޯއްދަވައިދެއްވުމުގެ ގޮތުން އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިސްތިއުފާ ދެއްވާ އަދި އަލުން އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން އެ ރޭ ވިދާޅުވީ ޕީޕީއެމް އިން އަބްދުއްރަހީމް ނުކުންނަވައިފި ނަމަ ބޮޑު އަޣުލަބިއްޔަތަކުން ޕީޕީއެމް އަށް ގޮނޑި ކާމިޔާބުވާނެ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި ކަންތައް ހުރި ގޮތުން "އިންތިހާބުގެ ނަތީޖާ ނުކުންނާނީ ވޯޓު ދޭ ގޮތަކަށް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންތިހާބުތައް މިހާރު ކުރިއަށް ދަނީ ކުރިއާ ހިލާފަށް ދެ ފުށް ފެންނަ ގޮތަކަށް ކަމަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށް ފުއާދު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވެފައިވަނީ މައުމޫންގެ ވެރިކަމުގައި ހުންނެވި އިރު ވޯޓުގެ ކަންތައްތައް ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާތީތޯ ސިޓީގައި ސުވާލުކުރައްވާފައިވެ އެވެ.
"އެހެންކަމުގައި ވަނީ ނަމަ އެއީ ކާކު، ކޮން އިންތިހާބެއްގައި، ކިހިނެތް ހަދައިގެންތޯ އޮޅުން ފިއްލަވައިދެއްވުން އެދޭ ވާހަކަ ވެސް ދެންނެވީމެވެ،" މައުމޫންގެ ސިޓީފުޅުގައިވެ އެވެ.
އިލެކްޝަނާ ގުޅޭ ގޮތުން މައުމޫން ދެއްކެވި ވާހަކަފުޅުތަކާ މެދު އިލެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ، މައުމޫންގެ ވާހަކަފުޅުގެ ހަގީގަތް އޮޅޭ ގޮތަށް އިލެކްޝަނުން މާނަކޮށްފައި ވާތީ އެ ޕާޓީން ހިތާމަކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އިލެކްޝަނަށް ނިސްބަތްކޮށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު އެކަމަށް ފިޔަވަޅެއް ނާޅައި މައުމޫންގެ ވާހަކަތަކަށް ފިޔަވަޅު އަޅަން ނިންމުމުން ހައިރާންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އިލެކްޝަންސް ކޮމިޝަނުގެ އިތުބާރާއި އިހްލާސްތެރިކަން ދެމެހެއްޓުމަކީ މިނިވަން މުއައްސަސާއެއްގެ ގޮތުން ކޮމިޝަނުގެ އަމިއްލަ ޒިންމާއެކެވެ. އެއީ ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއް ކަމަކަށް އޭރު ވެސް މިހާރު ވެސް މި ޕާޓީއަކުން ނުދެކެމެވެ. އަދި އިލެކްޝަނުގެ މި އަމަލުން ވެސް ޕީޕީއެމާ މެދު ޒާތީ ގޮތުން ކަންތައްތަކެއް ކޮމިޝަނުން ކުރައްވާފައިވާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ވެސް އިތުރުވާ ވާހަކަ ދަންނަވަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެ ކޮމިޝަނުގެ ތެރޭގައި ހުރި ކަންތައްތައް އިސްލާހުކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ފުއާދު ވިދާޅުވެފައިވަނީ އިންތިހާބުތަކާ ގުޅޭ ގޮތުން އެއްވެސް ބަޔަކަށް
ތުހުމަތެއް ނުކުރެވޭވަރަށް އެ ކޮމިޝަނުގެ މަސައްކަތްތައް
އިންތިޒާމްކޮށްގެން ކުރިއަށް ގެންދާއިރު ރައީސް މައުމޫން އެ ކޮމިޝަނުގެ
އިތުބާރާ މެދު ސުވާލު އުފެއްދެވުމުން ރައްޔިތުން ވެސް ކަންބޮޑުވާނެ
ކަމަށެވެ.
"އަޅުގަނޑުމެން ހައިރާންވެ ކަންބޮޑުވާން ޖެހުނު ވާހަކަފުޅަކަށް އެ
ވާހަކަ ފުޅުވީ. އާދައިގެ މީހަކު އެކަހަލަ އެއްޗެއް ބުންޏަސް ހައިރާނެއް
ނުވާނެ. އެކި މީހުން އެކި ކަންތައް ނަގާނީ އެކި ގޮތަށް. އެހެން ނަމަވެސް
30 އަހަރު ވެރިކަން ކުރެއްވި އަދި ކުރިން ޑީއާރްޕީގެ ޒައީމްކަން ވެސް
ކުރައްވައި އަދި މިހާރު ވެސް ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ރައީސް
ކަމަށް ހުންނެވި ބޭފުޅެއް ކަމަށް ވާތީ އަޅުގަނޑު ދެކޭ ގޮތުގައި އެފަދަ
ވާހަކަފުޅެއް ދައްކަވަން ޖެހޭނީ ވަރަށް ޒިންމާދާރުކަމާ އެކުގައި،" ފުއާދު
ހޮނިހިރުދުވަހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ