ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާއިރު ބަންޑާރަ ނާއިބު އަބްދުﷲ މުއިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ މަންދޫބު ހުސެއިން އިބްރާހީމް ތަނާޒިލްވާން ޖެހޭނެ ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީގެ ވަކީލު އިބްރާހިމް ރިޒާ އެ ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ. 
މި ސިޓީގައި ރިޒާ ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީގައި ކުރާ އެއްވެސް މަޝްވަރާއެއްގައި، "ގާނޫނީ ނިޒާމުން ގެއްލުވާލުމުގައި ހަރަކާތްތެރިވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެންމެ މަތީ ވެރިޔާގެ މަންދޫބެއް" ބައިވެރިވުމަކީ އެ ބޭފުޅާގެ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި އެހެންވެ އަމިއްލައަށް ތަނާޒިލްވާންޖެހޭނެ ކަމަށެވެ. 
"ހަމަ އެފަދައިން ދައުލަތުގެ ބަންޑާރަ ނާއިބު އޭނާގެ މަގާމުގައި ދެމި ހުންނަވަނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިހުތިޔާރުގައި ނިންމަވާ ނިންމެވުމަށް ބަރޯސާވެ ވަޑައިގަންނަވައިގެން ކަމަށް ވީހިނދު، އަޅުގަނޑުގެ މުވައްކިލާ މެދު ތިޔަ ކޮމިޝަނުން އެޅިދާނެ އެއްވެސް ފިޔަވަޅަކާ މެދު ކުރެވޭ އެއްވެސް މަޝްވަރާއެއްގައި އެ މަނިކުފާނު އަމިއްލަފުޅަށް ތަނާޒުލުވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ނުވަތަ ކޮމިޝަނުން އެ މަނިކުފާނު މިފަދަ ބައްދަލުވުންތަކުން އެކަހެރި ކުރުމަކީ ތިޔަ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކެމެވެ،" ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާގެ ސިޓީގައިވެ އެވެ. 
ޖޭއެސްސީގެ ގާނޫނުގެ  26 ވަނަ މާއްދާއާ ހަވާލާދީ ރިޒާ ވިދާޅުވީ، އެ ކޮމިޝަނުން ބަލާ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާނަމަ، އަޑު އެހުން ތާވަލްކޮށްފައިވާ ގަޑި އާއި ތަން އަންގަން ޖެހޭ ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުމުގައި ޝަހުސީ ގޮތުން ނުވަތަ ގާނޫނީ ވަކީލެއްގެ އެހީގައި ދިފާއު ހުށަހެޅުމާއި ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު އެ މާއްދާގައި ދީފައިވާއިރު، މީގެ ކުރިން އަބްދުﷲ ގާޒީގެ މައްސަލަ އެ ކޮމިޝަންގައި ކުރިއަށް ގެންދިޔައިރު އެ ހައްގު ލިބިދީފައި ނެތް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
    
    އަބްދުﷲ ގާޒީގެ މައްސަލަ ޖޭއެސްސީން ބަލާއިރު ބަންޑާރަ ނާއިބު ތަނާޒިލްވާން ގާޒީގެ ވަކީލު ހުށަހަޅުއްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            