މީގެ ކުރިން މުޒާހަރާތަކުން ނުފެންނަ ބޭފުޅެއް ކަމަށްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ގާޒީ އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް ގޮވާލާ މުޒާހަރާގައި، ސަރުކާރާ ދެކޮޅަށް ހަރުކަށި އިބާރާތްތަކުން ގާނޫނީ ހަމަލާތައް މިރޭ އޮއްސާލައްވައިފި އެވެ.
ގާނޫނީ އެތައް ޕޮއިންޓެއް ނެންގެވުމަށް ފަހު، އަދި މީގެ ކުރިން ސަރުކާރުން ސުޕްރީމް ކޯޓުގެ ބައެއް ހުކުމްތަކަށް އަމަލްކޮށްފައިވާ ގޮތުގެ ނަމޫނާ ދައްކަވަމުން، ގާނޫނީ ވަކީލު ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލާގައި ސަރުކާރުން އަމަލްކުރަނީ ޣައިރު ގާނޫނީ އަދި ގާނޫނު އަސާސީއާ ވެސް މުޅިން ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ރައްކާތެރިކޮށްދީފައިވާ އެތައް ހައްގުތަކެއް އަބްދުﷲ ގާޒީގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށާއި އޭނާ ހައްޔަރުކުރި ރެއިން ފެށިގެން މިރެއާ ހަމައަށް ވެސް ކަންކުރަމުން ދަނީ އެ މަގުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ މުހައްމަދު ވަނީ "ޝަރުއީ ނިޒާމުން ގެއްލުވާލާފައި. ހައްޔަރުކޮށްފައެއް ނޫން، ގެއްލުވާލާފައި،" ނަޝީދު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ "ގެއްލުވާލުމުގެ" ކުށުގެ ތެރެއަށް ފެތޭނެ ހުރިހާ ޝަރުތެއް ހަމަވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެގާނޫނުގައި ބުނާ "ހައްޔަރުކުރުން، ބަންދުކުރުން ނުވަތަ ރަހީނުކުރުން" މިކަން ސިފައިން ގޮސް އަބްދުﷲ ގާޒީ ގެންދިޔަ ގެންދިއުމުގެ ތެރޭގައި ހިމެނޭ ކަމަށާއި ދެ ވަނަ ކަމަކަށް އެގޮތަށް ކަންތައް ކުރީ ދައުލަތުގެ ބާރު ލިބިފައިވާ ފަރާތަކުން ކަމަށް ބުނާ ޝަރުތު ވެސް ހަމަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު މިދަންނަވަނީ އެރޭ ވެސް އެކަން ކުރީ "ގޯސްކޮށޭ، އެރެއާ ވިދިގެން ވެސް އެކަން ކުރީ ގޯސްކޮށޭ، މިރެއާ ހަމައަށް ވެސް ގޯސްކޮށޭ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކަޓަރު އެޅުމާއި މީހުން މެރުމާއި ކުޑަކުދިން މަރާލާފައި ދަޅަށް ލާ ގޮނޑަށް އެއްލާލުން ފަދަ ބޮޑެތި ކުށްތައް ކުރާ މީހުންނާ މެދު ވެސް ކަންތައް ކުރަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށް ވިދާޅުވެ އޭނާ ދެން ސުވާލުކުރެއްވީ "އަބްދުﷲ ގާޒީ ނުރައްކާވެގެން މި އުޅެނީ ކޮން ކަމަކާ ގުޅިގެންތޯ" އެވެ.
"އަޅުގަނޑަށް މައްސަލައެއް ނެތޭ ކުށެއް ކޮށްގެން ރަނގަޅު ގޮތުގައި ތާއަބަދަށް ޖަލަށް ލާފައި ބެހެއްޓިޔަސް. ފުލުހުންނާއި ސިފައިން ގާނޫނާ އެއްގޮތުގެ މަތިން، ހައްގުތައް ލިބިދީފައިކަން ޔަގީންވާހާ ހިނދަކު ޝަކުވާއެއް ނެތޭ،" ނަޝީދު ވިދާޅުވި އެވެ. "އެހެންނަމަވެސް މިދެންނެވި ހުރިހާ ކުށްވެރިންނާ ދޭތެރޭގައި ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި ކަން ކުރެވޭ ހިނދު އަދި މީހުން މަރާ މީހުންނާއި ކުދިން މަރާ މީހުންނާއި ]އެނޫން ވެސް ބޮޑެތި ކުށްތައް ކުރާ މީހުންނަށް[ ހައްގުތައް ލިބޭ އިރު އަބްދުﷲ ގާޒީ އަށް މި އަދަބު ލިބެނީ ކޮން ގާނޫނަކުންތޯ؟ ކޮން ކުށެއް ކޮށްގެންތޯ."
ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވި ރޭ، ރައީސް މުހައްމަދު ނަޝީދަށް ކުރި ފުން އަސަރު، މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނެތް ގޮތަކަށް، ނަޝީދު މިރޭ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކު އޭނާއަށް ފޯނުކުރައްވާ އެރޭ ވިދާޅުވި ކަމަށް ވަނީ ހުކުމާ އެކު "ރައީސް ނަޝީދުގެ ލޯފުޅުން ކަރުނަ އައި" ކަމަށެވެ. އޭރު ރައީސް ނަޝީދު ހުންނެވީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގަ އެވެ.
"ހަތް ވަޒީރުންގެ މަގާމު ގެއްލުނު ހިނދު ވެސް [ރައީސް ނަޝީދު] އިޚުތިޔާރު ކުރެއްވީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ދާށޭ،" ނަޝީދު ވިދާޅުވި އެވެ. ދެން އޭނާ ސުވާލުކުރެއްވީ، އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާ އިރު، ރައީސަށް "މިއަދު އެގޮތަށް އެކަން ނުކުރެއްވެނީ ކީއްވެ" ބާވައޭ ވިދާޅުވެ އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ހިތްހަމަނުޖެހޭ ގޮތަށް އަދި އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހޭ ގޮތަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްތައް އައިސްފައިވާ ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ގެނެސް، ސުވާލުކުރަން ބޭނުންވިޔަސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެގޮތަށް މަޖިލިހުން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރުޅިއައިސް ސުޕްރީމް ކޯޓަކަށް ނުދަން،" ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީއާ މެދު ސަރުކާރުން މިހާރު ކަންތައްކުރަނީ މަގުމަތީގައި ބަނޑުހައިވެފައި އޮތް ބުޅަލަކާ ދޭތެރޭ ޒުވާނަކު އަމަލްކުރި ގޮތަށް ވުރެ ވެސް ދަށު ދަރަޖައެއްގައި ކަމަށް ނަޝީދު ސިފަކުރެއްވި އެވެ. އެމިސާލު އޭނާ ނެންގެވީ އޭނާ އަށް ފެނިވަޑައިގެންނެވި މަންޒަރަކަށް ނިސްބަތްކުރައްވަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސައިކަލްގައި ބާރަށް ދުއްވާފައި ދިޔަ ޒުވާނަކު، މަގުމަތީ ގުނޑާނުލެވި އޮތް ބުޅާ ފެނިފައި އޭނާ ސައިކަލް މަޑުކުރި އެވެ. އެހެން ނޫން ނަމަ ސައިކަލް ދާނީ ބުޅާ ޗިސްކޮށްލާފައި ކަމަށް ވިދާޅުވި އެވެ.
އެ ޒުވާނާ "އެ ސޮރަށް ކުރި އިހުތިރާމް ވެސް، އަބްދުﷲ މުހައްމަދަށް ކުރެވޭ ތަނެއް ނުފެނޭ މިއަދު،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނު ހަދަނީ ހުރިހާ ހާލަތެއްގައި، ހުރިހާ އެންމެން ތަބާވާން ލާޒިމްވާ ގޮތަށް. ތަބާނުވާ މީހުންނަށް ]އަދަބު ލިބޭ ގޮތަށް[. ފަނޑިޔާރުންގެ ތެރޭގައި، ފަނޑިޔާރުގޭގެ ނިޒާމުގެ ތެރޭގައި ]ތުހުމަތުކުރެވޭ މީހަކު[ ހުރި ކަމަށް ވިޔަސް މުޅި ފަނޑިޔާރުގެ ގުޑުވާލަން މި ހާލަތަކު ނުޖެހޭ."
ނަޝީދު ވަނީ މުޒާހަރާގައި ބައިވެރިވެވަޑައިގެން އެގޮތަށް ވާހަކަ ދެއްކެވުމުން އޭނާ އަށް ނުރައްކާ އޮތްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު މިހާލަތަށް ގައުމުގެ ކަންތައް ދިއުމުން މުޒާހަރާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވީ ކޮންމެ ކަމެއް ކުރިމަތިވިޔަސް ވަރިހަމަވެގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކަހަލަ މުޒާހަރާގައި ވާހަކަ ނުދައްކާ މީހާ ވެސް މިކަމުގައި ނުހުރެވޭނެ. ]އެނގޭ[ މިކަމުގެ ނުރައްކާ ވަރަށް ހިތިކޮށް އަންނާނެކަން،" ހުރިހާ ވަޒީރުންގެ ބޮޑު އިސްތިއުފާ އަށް ފަހު ލީކުވި އޯޑިއޯތަކުގައި ހިމެނޭ އޭނާ އާއި ގާސިމް އިބްރާހިމާ ދެމެދު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އަށް އިޝާރަތްކުރައްވާ ވިދާޅުވި އެވެ. "މިހާލަތުގައި މި މައްސަލާގައި، އަޅުގަނޑު ފެލާލިޔަސް، ކޮށާލިޔަސް، ކޮންމެ ގޮތެއް ހެދިޔަސް، ޗިސްކޮށްލިޔަސް، ކޮންމެ ލޭތިއްކެއް ވެސް ބުނަނީ އަބްދުﷲ މުހައްމަދު އެހެރީ ޣައިރު ގާނޫނީ، ގާނޫނު އަސާސީއާ ޚިލާފަށް ހައްޔަރުކޮށްފައޭ. ގާނޫނުން ބޭރުގައި ތިބި މީހުން ގާނޫނުގެ ތެރެއަށް ވަންނާށޭ."
އަބްދުﷲ ގާޒީގެ މައްސަލާގައި ނަޝީދުގެ ހަމަލާތައް އޮއްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ