އާ ސަރުކާރަކީ ގާނޫނީ ސަރުކާރެއް: މައުމޫން

ކުއަލަލަމްޕޫރު )ފެބްރުއަރީ 10( - ރާއްޖޭގައި އުފެދިފައިވާ އާ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން އިއްޔެ ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައި ވަނީ ގާނޫނީ ސަރުކާރެއް ކަމަށާއި ބަޣާވާތެއް ގެންނަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާނެ ކަމަށެވެ.
"ވަހީދަކީ ޑިމޮކްރެޓިކްކޮށް އިންތިހާބުކޮށްފައިވާ ރައީސެއް، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑު އޭނާއަށް މަރުހަބާ ކިޔަން،" ކުއަލަލަމްޕޫރުގައި ހުންނަވައިގެން ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އަންގާރަ ދުވަހު ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ އާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ މަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ ސިފައިން މަޖުބޫރުކޮށްގެން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ވަނީ ވެރިކަން ބަދަލުކުރުމުގައި އެ މަނިކުފާނު ވެސް މަސައްކަތްކުރެއްވި ކަމަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
"ނޫން. އަޅުގަނޑު އެއްވެސް ބައިވެރިވުމެއް އެކަމުގައި ނޯންނާނެ. އިންގިލާބެއް ގެންނަން އަޅުގަނޑު އެއްވެސް ގޮތަކުން ބައިވެރިވެފައެއްނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ]ވެރިކަމަށް އައުމާ މެދު[ އަދި ގޮތެއް ނުނިންމަން. އެކަން ނިންމާނީ އެހާ ހަލާތަކާ ގުޅޭ ގޮތުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި އަބަދު ހަމަނުޖެހުން އުފެދޭނަމަ ބޭރުގެ އިންވެސްޓަރުންނާއި ޓޫރިސްޓުންގެ އިތުބާރު ވެސް ގެއްލޭނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މީޑިއާތަކުން އެއްފަރާތަކަށް ޖެހި، ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ވެސް ރައީސް މައުމޫން އޭއެފްޕީ އަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ