ރިޔާސީ އިންތިހާބުގައި އަންނި ވާދަކުރައްވަން ގަސްދުކުރައްވާ ކަމާއި އޭނާގެ ރަނިން މޭޓަކަށް ވުމަށް އަޅުގަނޑަށް ހުށަހެޅުއްވި: ޑރ. ހަސަން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު )އަންނި( ވާދަކުރައްވަން ގަސްދުކުރައްވާ ކަމަށާއި އޭނާގެ ރަނިން މޭޓަކަށް ވުމަށް ހުށަހެޅުއްވި ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނޭކަން އިއުލާންކުރައްވައިފައިވާ ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި ޑީއާރުޕީގެ ނާއިބު ޒައީމެއްގެ ގޮތުގައި ވެސް ކުރިން ހުންނެވި ޑރ. ހަސަން މިއަދު ވިދާޅުވީ އަންނިގެ ރަނިން މޭޓަކަށްވުމަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ފަހުކޮޅު ކަމަށެވެ.
ޕާޓީތައް ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި ބައިވެރިވެފައިވާއިރު މި ވަގުތު ފައިދާވާނީ އިއްތިހާދުގެ ތެރެއިން ކެންޑީޑޭޓަކު ނެރުން ކަމަށާއި ރަނިން މޭޓެއް ކަނޑައެޅުމަކީ އޭގެ ފަހުގެ ކަމެއް ކަމަށް އަންނި އަށް ދެންނެވި ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
ނަމަވެސް އަންނި މިއަދު ވިދާޅުވީ، ޑރ. ހަސަނާ ބައްދަލުކުރައްވައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ވާހަކަ ނުދައްކަވާ ކަމަށާއި އަދި ރަނިން މޭޓަކަށް ވުމަށް ވެސް ހުށަނާޅުއްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ޑރ. ހަސަނަށް ހުށަހެޅުއްވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުގެ ދައުވަތު ކަމަށް އަންނި ވިދާޅުވި އެވެ.
"އެ ދައުވަތު ޑރ. ހަސަން ގަބޫލެއް ނުކުރައްވާ،" އަންނި ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުން ވެސް އޭނާ އަށް ދައުވަތު ލިބިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މި ވަގުތު ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވީ "ޕާޓީއަށްވުރެ މުހިންމީ އިސްލާހު ގެނައުން" ކަމަށް ވާތީ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ވާދަކުރައްވާނެތޯ ދެންނެވުމުން އަންނި ވިދާޅުވީ "އެކަން އެނގޭނީ އިއުލާންކުރުމުން" ކަމަށެވެ.
"މިހާތަނަށް މަސައްކަތް މި ކުރީ ސިޔާސީ ޕާޓީތައް އުފެއްދުމަށް. އެހެންވުމުން ޕާޓީތެރެއިން ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން،" އަންނި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ