މާލޭގައި މިދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު އިންތިހާ އަށް އިތުރުވެ، އިންޖީނުތައް އޯވާލޯޑްވެގެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިޔަށް އޮތް ދެތިން ހަފުތާ ތެރޭގައި ހައްލުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވީ މިދުވަސްވަރު މާލެ އަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެގެން އުޅެނީ އެ ކުންފުނިން ހިންގާ ފޯތު ޕަވާ ޕްރޮޖެކްޓް ނުނިމި ލަސްވުމުގެ ސަބަބުން ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ހުންނާނެ ކަރަންޓް ލޯޑު މަތިވަމުންދާ ދުވަސްވަރާ ދިމާކޮށް އިމަޖެންސީ ޕްރޮޖެކްޓްތަކެއް ހިންގާފައި. ނަމަވެސް މިފަހަރު މި މައްސަލަ ދިމާވީ އަޅުގަނޑުމެން ފަށައިގެން އުޅޭ ޕްރޮޖެކްޓް ނުނިމި ލަސްވުމުން،" އޭނާ ވިދާޅުވި އެވެ.
ޑރ. ޒައިދު ވިދާޅުވީ މިހާރު ދިމާވެފައި ކެޕޭސިޓީ ނެތުމުގެ މައްސަލަ ހައްލުވާނީ ކުރިއަށް ދާ މަޝްރޫއު ނިމިގެން ކަމަށެވެ.
"އެކަން ކުރިޔަށް އޮތް ދެތިން ހަފުތާ ތެރޭގައި ނިމޭނެ. އަޅުގަނޑުމެން ގަބޫލުކުރަން ކަރަންޓް ކަނޑަން ޖެހުމުން ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވާނެކަން. އެކަން ކުރިއާލައި މާ ރަނގަޅަށް ނޭންގި ވެސް ކަނޑަން ޖެހޭ. އެކަމަކު އަޅުގަނޑުމެން ބަލަނީ އެއް ގަޑިއިރަށް ވުރެ އިތުރުނުވޭތޯ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޒައިދު ވިދާޅުވީ މިހާރު މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓް ދިނުމަށް ސްޓެލްކޯގެ ހުރިހާ ޖަނަރޭޓަރުތައް ވެސް ހިންގަން ޖެހޭ ކަމަށެވެ.
މާލެ އަށް ކަރަންޓް ދޭން ބޭނުންކުރާ އެންމެ ބޮޑު އެއް ޖަނަރޭޓަރު ފެއިލްވެގެން ދެ ގަޑިއެއްހާއިރަށް ކަރަންޓް ކަނޑާލަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ޒައިދު ވިދާޅުވީ ކަރަންޓްގެ ޚިދުމަތް ތަރައްގީކުރަން ފެށި ހަތަރު ވަނަ މަޝްރޫއު ނިމުން ލަސްވުމުން ކޮންޓްރެކްޓަރާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން ލަފާކޮށްފައި ވަނީ އެންމެ ލަސްވެގެން މިދިޔަ ޑިސެމްބަރަށް މަސައްކަތް ނިމޭނެ ކަމަށް. މުއްދަތު ފެބްރުއަރީ މަހަށް އިތުރުކޮށްދީގެން ވެސް މަސައްކަތް ނުނިމުނު. އަދި އޭގެ ފަހުން މިހާރު މިވަނީ އަންނަ މަހުގެ އެކަކަށް މުއްދަތު އިތުރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ސީނިއާ އިންޖިނިއަ އިބްރާހިމް ނާޒިމް ވިދާޅުވީ އެތަނުގައި ހުރި 17 ޖަނަރޭޓަރު މިހާރު ހިންގަނީ 100 ޕަސެންޓް ލޯޑުގައި ކަމަށެވެ.
"އެ މިންވަރަށް ހިންގަން ޖެހެނީ މާލެ އަށް ބޭނުންވާ މިންވަރު އިތުރުވަމުންދާތީ. މިވަގުތަށް މާލެ އަށް އެބަ ބޭނުންވޭ 41 މެގަވޮޓްގެ ކަރަންޓް. އެކަމަކު އަޅުގަނޑުމެންނަށް އުފެއްދެނީ އެންމެ ގިނަވެގެން 37 މެގަވޮޓްގެ ކަރަންޓް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އާއްމުން މިދުވަސްވަރު ވަރަށް ބޮޑު ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން އެއާކޯން ބޭނުންކުރުން މަދުކުރުމާއި ކޮންމެހެން ދިއްލަން ނުޖެހޭ ބޮކިތައް ނުދިއްލުމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޑައިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ ކަރަންޓް ކަނޑާލާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭ ތަންތަނުގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ހިމެނޭ ކަމަށެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ހުންނަ ސަރަހައްދުތަކުން ރޭގަނޑު ކަރަންޓް ކަނޑާލަން ޖެހިދާނެ ވާހަކަ މިހާރު އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އިންޖިނިއަރު އަހުމަދު ސައިފް ވިދާޅުވީ މިހާރު ހިންގާ މަޝްރޫއުގެ ދަށުން ބަހައްޓާ އަށް މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހަށް ބޭނުންވާ ކަރަންޓް އުފެއްދޭނެ ކަމަށެވެ.
"މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު 12 ޕަސެންޓްވަރު އިތުރުވޭ. އެހެންކަމުން އަޅުގަނޑުމެން ލަފާކުރަނީ މިހާރު އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހަށް ބޭނުންވާ ކަރަންޓް އުފެއްދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އަލަށް ބެހެއްޓި ދެ ޖަނަރޭޓަރު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
މަޝްރޫއުގެ ކޮންސަލްޓެންޓަކު ވިދާޅުވީ އެ މަސައްކަތް ނިމުން ލަސްވީ އިންޖީނު ބަހައްޓަން ހެދި އިމާރާތުގެ ބިންގަނޑުގައި ހުރި ބާރުމިން ދެނެގަނެ ޕްރޮޖެކްޓް ޑިޒައިންކުރުން ލަސްވެގެން ކަމަށެވެ.
"ވަރަށް ބައިވަރު ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވީ. އެންމެ ބޮޑު މައްސަލަ އަކީ އިމާރާތް އަޅާފައިވާ ސަރަހައްދުގެ ބިމުގެ ބާރުމިން ދެނެގަނެ ޑިޒައިންކުރުން. އަދި އިމާރާތް ވަރުގަދަކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
ކޮންސަލްޓެންޓް ވިދާޅުވީ މިހާރު އަޅާފައިވަނީ މިވަގުތު މާލޭގައި ހުރި އެންމެ ވަރުގަދަ އިމާރާތް ކަމަށެވެ. އަދި އެތަނުގައި ބެހެއްޓީ މުޅިން އަލަށް އުފައްދައިގެން ގެނައި ޖަނަރޭޓަރުތަކެއް ކަމަށާއި މިހާރު އެ އެއްޗެހި ޓެސްޓްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 28 މިލިއަން ޔޫރޯ ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ މަސައްކަތްކުރަނީ ޑެންމާކާއި ޖަރުމަނުގެ ޖޮއިންޓްވެންޗާ ކުންފުންޏަކުންނެވެ.
ކަރަންޓް އޯވާލޯޑުވުމުގެ މައްސަލަ ދެތިން ހަފުތާ ތެރޭ ހައްލުވާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ