ކަރަންޓް ސަބްސިޑީ އާއި ތެލުގެ ސާޗާޖު ސަރުކާރުން ދޭން ފެށުމުން މިދިޔަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ 500 އަށް ވުރެ ގިނަ ގޭގެ ކަރަންޓު ބިލު ދައްކަން ނުޖެހޭ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ގެތަކަކީ ކަރަންޓަށް އާންމުކޮށް 100 ޔުނިޓަށް ވުރެ މަދުން އަރާ ގެތައް ކަމަށެވެ.
"މިދިޔަ ދެ މަހުގެ ސަބްސިޑީ ނުދީ އޮތުމުން އެ ދެ މަހުގެ ސަބްސިޑީ އެއްކޮށް ދިނުމުން އެ ގެތަކުން އެއްވެސް އެއްޗެއް ދައްކަން ނުޖެހުނީ. އެ ގެތަކަށް ސަބްސިޑީގެ އިތުރުން ފިއުލް ސާޗާޖު ވެސް ސަރުކާރުން ވަނީ ދައްކައިދީފައި،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ މިދިޔަ މަހު މާލެއިން ކަރަންޓް ބިލު ދައްކަން ނުޖެހުނީ ޖުމްލަ 525 ގެއިން ކަމަށެވެ. އަދި އޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަދު ގެއަކުން ވެސް މިދިޔަ މަހު ކަރަންޓް ބިލު ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ބައެއް ގޭގެ ކަރަންޓް ބިލު ކުޑަވި ނަމަވެސް މި މަހު ކަރަންޓް ބިލު ދާއިރު ކުރިޔަށް ވުރެ ބޮޑުވާނެތީ އެކަން ސާފުކޮށްދެމުން ޓީވީއެމްގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު އަދުނާނު އިބްރާހިމް ވިދާޅުވީ މިދިޔަ މަހުގެ ބިލު ކުޑަވެފައިވަނީ އޭގެ ކުރީ ދެ މަހުގެ ސަބްސިޑީ ހިމެނުމުން ކަމަށެވެ.
"ބިލުގައި އޮންނާނެ ކްރެޑިޓް އެމައުންޓެއް. އެއީ ކުރީގަ ލިބެންޖެހޭ ސަބްސިޑީ މިފަހަރުގެ ބިލުން އެހެރީ ކްރެޑިޓްކޮށްފައި. މާނައަކީ ކުރިން ލިބޭ ޖެހޭ އެއްޗެއް އެހެރީ އުނިކޮށްފައޭ. އޭތި އުނިކޮށްފައި ބާކީ އޮންނަ އެމައުންޓް ސްޓެލްކޯ އަށް ދައްކަން ޖެހޭ އަދަދަކީ. މިގޮތަށް ބަހާލިއިރު ސަބްސިޑީ ނުލިބި ދިޔަ ދެ މަހުގެ އެމައުންޓް ކްރެޑިޓްކުރަން. އޭ ފަހުން ލިބޭނީ ނޯމަލް ސަބްސިޑީ،" އޭނާ ވިދާޅުވި އެވެ.
އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ ސަރުކާރުން ކަރަންޓް ސަބްސިޑީގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 5.5 މިލިއަން ރުފިޔާ ސްޓެލްކޯ އަށް ދައްކާ ކަމަށެވެ. އަދި މި އަހަރުގެ ނިމޭއިރު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ވަރު ސްޓެލްކޯ އަށް ސަބްސިޑީގެ ގޮތުގައި ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ކަރަންޓް ސަބްސިޑީ ދެމުންގެންދަނީ 400 ޔުނިޓާ ހަމަޔަށެވެ.
މާލޭގެ 500 އަށްވުރެ ގިނަ ގެއިން މިދިޔަ މަހު ކަރަންޓް ބިލު ދައްކާކަށް ނުޖެހުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ