ތަސްމީނަށް ތާއީދުކުރައްވާނެ ކަމަށް މައުމޫން އަލުން ވިދާޅުވެދާނެ ކަމާ މެދު މިހާރު ސުވާލު އުފެދޭ: މަހުލޫފް

ޑީއާރުޕީގެ ލީޑަޝިޕް އަހުމަދު ތަސްމީން އަލީއާ ހަވާލުކުރެއްވުމަށް ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ނިންމެވީ ވަރަށް ބޮޑު އުއްމީދަކާ އެކު ކަމަށާއި އެކަމަކު އެ އުއްމީދު މިހާރު ފުނޑުފުނޑުވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު މަހުލޫފު ތަސްމީނަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފު ވިދާޅުވީ ޑީއާރުޕީ ތެރޭގައި ބައިބައިވުން އުފެދި މިހާ ހިސާބަށް ކަންތައް ދިޔައީ އެ އުއްމީދު ތަސްމީން ފުނޑުފުނޑު ކޮށްލެއްވުމުން ކަމަށެވެ.
"މިއަދު އަޅުގަނޑަށް އެބަ ސުވާލު އުފެދޭ އަލުން ޒައީމް ހަމަ ވިދާޅުވެފާނެ ބާވައޭ ތިމަންނަ އަދިވެސް ސަޕޯޓްކުރަނީ ތަސްމީނަށޭ. އެއީ ހަގީގަތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ [މައުމޫނަށް] އަތް ދޫކޮށްލެވުނީއޭ މާ ބޮޑަށް. ޒައީމް އެކަހެރިވެވަޑައިގެން ވަގުތުގައި އެއްވެސް މީހަކަށް ނަހަދައި ހިޔާލެއް ނުހޯދައި މި ގޮތަށް ކަންތައް ކުރަން ހެދީމަ އަދި ޕާޓީ ތެރޭގައި އަންޑިމޮކްރެޓިކް ގޮތަށް ޕާޓީގެ މަސައްކަތް ކުރިއަށް ދިއުމާއި މި ހުރިހާ ކަމަކާ ހެދި އަޅުގަނޑު ބައެއް ފަހަރު ޓީވީ ބަލަން އިންނައިރު ހިތަށްއަރާ އެ ދުވަހު ޒައީމް ތިމަންނާ އެންމެ ތާއީދުކުރަނީ ތަސްމީނަށޭ ވިދާޅުވި ކަމުގައި ވިޔަސް ރިޔާސީ އިންތިހާބު އަންނައިރު ޒައީމް އެހެން ވިދާޅުވެދާނެ ބާވައޭ،" މައުމޫނަށް ތާއީދު ކުރައްވާ މަހުލޫފު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމުމާ ގުޅިގެން ޕާޓީގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް އެކަމަށް ފާޑުކިޔުމުގެ ފުރުސަތު ނެތް ކަމަށް ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނެފައިވާތީ އެއަށް ރައްދު ދެއްވައި މަހުލޫފު ވިދާޅުވީ މައުމޫނާ ދެކޮޅަށް އެފަދަ ބަޔާންތައް ނެރުމަކީ މައުމޫން "ނިކަމެތިކޮށްލުމުގެ" ހަރަކާތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީ އަށް ގެއްލުންވާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. ވަކިން ހާއްސަކޮށް ޒައީމް މަސައްކަތެއް ނުކުރައްވާނެ. އެހެންވީމަ އެ ގޮތަށް ޒައީމްގެ އަގު ވައްޓާލުމަށް ތަފާތު ވާހަކަތައް ދައްކައި ހެދުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. ހިތުހުރިހާ ގޮތަކަށް ޒައީމް އަންޑަމައިންކޮށްފައި ކަންތައްތައް ކުރައްވަން ނޫޅުއްވާށޭ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ޑީއާރުޕީގައި ރިޔާސީ ޕްރައިމަރީއެއް ބާއްވަން ކުރިން ތާއީދުނުކުރެއްވި ނަމަވެސް މިހާރު ޕްރައިމަރީ އަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އޮތް ސިޔާސީ ޕާޓީތަކާ ބެހޭ ބިލުގައި ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއަކަށް ދާން ޖެހޭނެ ކަމަށް ބުނާ ބައެއް ހިމަނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތަސްމީނަށް ތާއީދުކުރައްވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ މައުމޫންގެ ނަންފުޅު ވަކި ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ޕާޓީގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ އަކީ މައުމޫނާ ގުޅޭ ކަމެއް ނޫން ކަމަށާއި ބަޔަކު މީހުން އެމަނިކުފާނުގެ ޒައާމަތަށާއި ޝަރަފާއި އިއްޒަތަށް ހުތުރު އެރުވުމަށް މަސައްކަތް ކުރަނީ ކަމަށެވެ.
"އެއްވެސް ސިޔާސީ ޕާޓީއެއްގައި ... އެޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ބޭފުޅަކީ ޕާޓީގެ މަސްލަހަތު ދަމަހައްޓާ ބޭފުޅެއް ކަމުގައި ދެންނެވޭނެ ޖާގައެއް ނޯންނާނެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް އިންތިހާބެއް ކާމިޔާބެއް ނުކުރެއްވޭނެ އެ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ނުވަތަ އެ ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލާ ކެންޑިޑޭޓަކަށް ބެކް ނުކުރާ ބަޔަކު އެ ޕާޓީއެއްގައި ތިބެގެން. އެއީ ޕާޓީއެއް ހިނގާނެ ގޮތެއް ނޫން. ހިންގޭނެ ގޮތެއް ވެސް ނޫން،" ކުރިން އެމްޑީޕީގެ އިސް ސަފުގައި އުޅުއްވި ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ކުރާ މަސައްކަތަކީ ޕާޓީގެ މަސްލަހަތު ކުރިއެރުވުމަށް ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ ކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
"ޕާޓީއެއްގެ ތެރޭގައި ވިއްޔާ އޮންނަންވާނެ ހައިރާކީއަކާއި ގަވާއިދުތަކަކާއި އުސޫލުތަކަކާއި ހަމަތަކެއް. [އެހެން ނޫނީ] ރައީސް ނަޝީދުގެ ޕާޓީ ހިންގުމެކޭ އަޅުގަނޑުމެންގެ ޕާޓީއެކޭ އެއްގޮތް. އަޅުގަނޑުމެން ވެސް ބުނަމުން މިދަނީ މިއީ ދިވެހި ރައްޔިތުންގެ ޕާޓީއޭ. މިއީ ވަކި މީހެއް ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން. އަޅުގަނޑުމެންނާ ދިމާލަށް ވަރަށް ބާރަށް މީހުން އިނގިލި ދިއްކުރޭ ތިޔައީ ގަބީލާއެކޭ. އެ ގަބީލާއެއްގައި އުޅެވޭނީ ގަބީލާގެ ގޮތަށޭ. މިކަހަލަ އެކިއުޒޭޝަން އަޅުގަނޑުމެންނާ ދިމާލަށް ރައްދުވާން ޖެހޭ ސަބަބުތަކެއް އޮވެގެން ކަމަށް މިހާރު އަޅުގަނޑު ގަބޫލުކުރަނީ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޑީއާރުޕީގެ ތެރޭގައި އުޅޭ ބައިބައިވުމުގެ ސަބަބުން ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކުގައި ޕާޓީ އަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ޑީއާރުޕީގެ މަގާމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކަށް ވެސް، އެއީ މައުމޫން ކަމަށް ވިޔަސް، ތާއީދު ކުރައްވާނެ އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމަށް ވުރެ ބޮޑަށް ޕާޓީގެ އިސް ބައެއް ބޭފުޅުންނަށް މަސައްކަތް ކުރެއްވެނީ ޕާޓީގެ ލީޑަޝިޕް އަންޑަމައިން ކުރުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ ރައީސް މައުމޫން ވެސް އަލުން ސިޔާސީ މައިދާނަށް ވަދެވަޑައިގަންނަވަންޏާ ވިދާޅުވާންވީ. އެމަނިކުފާނު އަމިއްލަފުޅަށް ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން މިވެނި މީހަކާ ޒައާމަތު ހަވާލުކުރައްވައި މި އިންނެވީއޭ ތިމަންނަ ތާއީދު ކުރައްވާ ބޭފުޅަކީ ވިދާޅުވީ. އެހެންވީމަ މިކަން މިހެން އޮތް އިރުގައި އެކަން އެ ގޮތަށް ކުރުމަށް ފަހުގައި ތިމަންމެން [ތަސްމީން] ގަބޫލެއް ނޫނޭ އެއްވެސް ސަބަބެއް ނެތި ވިދާޅުވާ ވިދާޅުވުން ގަބޫލެއްނުކުރަން،" ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ