ޝާހިދާއި ތަސްމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް: ޕްރެސް ސެކްރެޓަރީ

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ބުނެ ދައްކަމުން ގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވި އެވެ.
"އޮނަރަބްލް އަބްދުﷲ ޝާހިދާއި އޮނަރަބްލް އަހުމަދު ތަސްމީން އަލީ އަކީ ދައުލަތަށް ވަފާތެރި ލީޑަރުންތަކެއް. އެ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް ކަމުގައި ވިޔަސް އެންމެ ފަހުން ވަފާތެރިވެ ވަޑައިގަންނަވާނީ ދައުލަތަށް. އެއީ ވާދަވެރި ޕާޓީއެއްގައި ތިއްބަވައިގެން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް. އެފަދަ ބޭފުޅުންތަކެއްގެ މައްޗަށް ރިޝްވަތުގެ ތުހުމަތެއް ކުރުމަކީ ސީރިއަސް މައްސަލައެއް. އެކަމާ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ދާދިފަހުން ތަސްމީނާއި ޝާހިދު ލަންކާ މަގުން އިންޑިޔާގެ ނިއުދިއްލީ އަށް ވަޑައިގެން ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެއިން ކޮންމެ ބޭފުޅަކަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް މީޑިއާތަކުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އިސްވެރިންނާ މިހާތަނަށް ދުވަހަކު ވެސް ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ތަސްމީނާއި ޝާހިދު ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވިތޯ އާއި ރިޝްވަތުގެ އެއްވެސް ކަމެއް ހިންގަވާފައިވޭތޯ އެ ކުންފުނީގެ އިތުރުން އިންޑިއަން ހައި ކޮމިޝަނާ ގުޅުއްވައި ބެއްލެވި ކަމަށެވެ.
"އެ ބޭފުޅުން ވެސް ވިދާޅުވަނީ އެފަދަ ކަމެއް ހިންގާފައި ނެތް ކަމަށް. ޖީއެމްއާރުގެ އިސްވެރިންނާ އޮނަރަބްލް ތަސްމީނާއި އޮނަރަބްލް ޝާހިދު ބައްދަލު ކުރައްވާފައި ނެތް ކަމަށް އެއްވެސް ހައިސިއްޔަތަކުން. ފޯނުން ވެސް ވާހަކަފުޅު ދައްކަވާފައި ނެތް ކަމަށް އެ ތަންތަނުން ވިދާޅުވަނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. "އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެ ދެ ބޭފުޅުން އެފަދަ ކަމެއް ކުރައްވާނެ ކަމަކަށް."
ތަސްމީނާއި ޝާހިދުގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން، ރޭ މާފުށީގައި ޑީއާރުޕީން ބޭއްވި އާންމު ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ގޮވާލައްވާފައި ވަނީ އެފަދަ ތުހުމަތެއް ކުރެވޭނަމަ ޕާޓީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން އެ މައްސަލަތައް ބެލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ