ފިޔޯރީ ބަނދަރުގެ މައްސަލަ: ރައްޔިތުން ބޭނުންވާ ޖަވާބު ސަރުކާރުން ނުދިނުމުން އަނެއްކާ ވެސް އޮފީސް ބަންދުކޮށްފި

ގދ. ފިޔޯރީ ބަނދަރު ހަދައިނުދީގެން ބަންދުކޮށްފައި ހުރި ރަށު އޮފީސް ވަގުތީ ގޮތުން ހުޅުވި މުއްދަތުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ޖަވާބު ސަރުކާރުން ނުދިނުމުން މިއަދު އަނެއްކާ ވެސް އޮފީސް ބަންދުކޮށްފި އެވެ.
ރައްޔިތުން ނުކުމެ މިދިޔަ ހަފުތާގައި ބަންދުކުރި އޮފީސް ވަގުތީ ގޮތުން ހުޅުވީ ބަނދަރުގެ މައްސަލައިގައި ސަރުކާރާއެކު މަޝްވަރާކޮށް، ބަނދަރު ހަދައިދޭނެ ތާރީހެއް ލިޔުމުން ހޯދުމަށެވެ.
ބަނދަރުގެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު މިއަދު ބުނީ، ރައްޔިތުންގެ ކޮމެޓީއަކުން ސަރުކާރާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ލިޔުމެއް ދިން ނަމަވެސް އެ ލިޔުމުގައި ބަނދަރު ހަދައިދޭނެ ތާރީހެއް ނެތް ކަމަށެވެ. އޭނާ ބުނީ ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަސްލަމާ އެކު ބޭއްވި ބައްދަލުވުމުގައި، ބަޖެޓު ލިބުނު އަވަހަކަށް ބަނދަރު ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
"އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ކުރިން ވެސް އެ ޖަވާބު ލިބުނު. އަޅުގަނޑުމެންނަށް އެބަފެނޭ ބެޖެޓް ނެތި އެހެން މަޝްރޫއުތައް ވެސް އަންނަ އަހަރު ފަށަން ނިންމިތަން. އެހެން ރަށްރަށުގެ ގޮވުންތަކަށް ބަޖެޓް ނެތަސް ސަރުކާރުން އެބަ އިޖާބަދޭ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ރަށުގެ 200 އެއްހާ މީހުން އެއްވެ، ރަށު އޮފީސް ދެ ވަނަ ފަހަރަށް މިއަދު ބަންދުކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އޮފީސް ހުޅުވުމުގެ ވިސްނުމެއް ވެސް ރައްޔިތުން މިހާރު ނުގެންގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފެއްދޭ އޮފީހެއް ހުޅުވައިފައި ބެހެއްޓުމުގެ ބޭނުމެއް ނެތް،" އޭނާ ބުންޏެވެ.
ފިޔޯރީ ކަތީބު އަހުމަދު އަޝްފާގު މިއަދު ވިދާޅުވީ، ސަރުކާރަށް ދިން މުއްދަތުގައި ރައްޔިތުން ބޭނުންވާ ޖަވާބު ނުލިބުމުން ރައްޔިތުން ފުރަތަމަ ނިންމީ އިއްޔެ އޮފީސް ބަންދު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް މުހަންމަދު ނަޝީދު އިއްޔެ ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންދެއްވުމަށް ރައްޔިތުން އެދިފައި އޮތުމުން އުއްމީދުކޮށްގެން ތިބީ ރައީސް ވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.
"އޮފީސް ދޮށަށް އެއްވި މީހުން މިއަދު ފުރަތަމަ ގޮވީ އޮފީހުން ނުކުތުމަށް. ރައްޔިތުން ގޮވަމުން ދިޔައީ ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ސަރުކާރެއްގެ އޮފީހެއް ހުޅުވައިފައި ބެހެއްޓުމުގެ ބޭނުމެއް ނެތޭ. އެގޮތަށް އިންޒާރު ދޭން ފެށުމުން އަތޮޅު އޮފީހާ ވާހަކަ ދެއްކުމަށް ފަހު، އަޅުގަނޑުމެން (އޮފީހުން) ނުކުތީ،" އާބާދީގައި 1،350 މީހުން ހިމެނޭ ރަށުގެ ކަތީބު ވިދާޅުވި އެވެ. "އޮފީހުގެ މުވައްޒަފުން އަދި އޮފީހަކަށް ވެސް އެއްވެސް ގޯނާއެއް ނުކުރޭ. މުވައްޒަފުން ނުކުތީމަ އޮފީހުގައި ތަޅުލައި ތަޅުދަނޑި ހަވާލުކުރީ ކަތީބު ސައީދާ."
އޭނާ ވިދާޅުވީ އޮފީސް ދޮށަށް އެއްވި ރައްޔިތުން ބުނަމުންދިޔައީ އެ ރަށުގެ އޮފީސް ދެން ނުހުޅުވާނެ ކަމަށެވެ. ބަޖެޓް ނެތި ގދ. މަޑަވެއްޔާއި ގައްދު އާއި ތިނަދޫގެ ވެސް މަޝްރޫއުތަކެއް އަންނަ އަހަރު ފަށާނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު ފިޔޯރީ އަށް ސަރުކާރުން އަޅާނުލާކަމަށް އެއްވެފައި ތިބި މީހުން ގޮވަމުންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ