މަޖިލީހުގެ ނިންމުން ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ: ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށްޓަކައި ކޮންމެހެން ފާސްކުރަންޖެހޭ ދެ ގާނޫނެއް އޮއްވާ މަޖިލީހުން ޗުއްޓީ ދިނުމަށް ފާސްކުރުމުން އެ ނިންމުން ބާތިލް ކުރުމަށް މަޝްހޫރު ވަކީލުންތަކެއް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދާއި ކުރީގެ ލޯ ރިފޯމް ކޮމިޝަނަރު މުހައްމަދު އަނިލް އާއި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދާއި އުވިދިޔަ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގުޅިވަޑައިގެން ހުށަހެޅުއްވި އެ މައްސަލަ ހައިކޯޓުން ބަލައިނުގަތީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަންޖެހޭނީ ދަށު ކޯޓަށް ކަމަށް ބުނެ އެވެ.
މައްސަލަ ހުށަހެޅުއްވި ޓީމުގެ ފަރާތުން އަނިލް މިއަދު ވިދާޅުވީ، ހައި ކޯޓުގެ ނިންމުމާ އެއްގޮތަށް އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުއްވުމަށް ފުރަތަމަ ނިންމެވި ނަމަވެސް ފަހުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވުން ބަދަލުކުރެއްވީ ކަމަށެވެ.
އަނިލް ވިދާޅުވީ، އެ މައްސަލަ ހުށަހަޅަންޖެހޭނީ ދަށު ކޯޓަށް ކަމަށް ހައިކޯޓުން ނިންމީ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް އައްޔަން ކުރެއްވި މެންބަރުން އާ ރައީސް ވަކި ކުރެއްވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ އިޖްރާއީ ގޮތުން ނިންމި ގޮތަށް ރިއާޔަތްކޮށްފައި ކަމަށެވެ. އެ ދެ މައްސަލައަކީ ވެސް އެއް ބާވަތެއްގެ ދެ މައްސަލައެއް ކަމަށް ހައި ކޯޓުން ބުނެފައިވީ ނަމަވެސް އަނިލް ވިދާޅުވީ އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ މުޅިން ތަފާތު ދެ ބާވަތެއްގެ ދެ މައްސަލައެއް ކަމަށެވެ.
"އެ ބޭފުޅުން (އަށް މެންބަރުންގެ މައްސަލައިގައި ދައުވާ ކުރެއްވި ބޭފުޅުން) މައްސަލަ ހުށަހެޅުއްވީ އެ ބޭފުޅުންގެ އަމިއްލަ ޕާސަނަލް އިންޓްރަސްޓެއް އޮވެގެން، އަޅުގަނޑުމެން މައްސަލަ ހުށަހަޅައިގެން މިއުޅެނީ ޕަބްލިކް އިންޓްރަސްޓުގައި،" އަނިލް ވިދާޅުވި އެވެ.
އަނިލް އިތުރަށް ވިދާޅުވީ، އެ ބޭފުޅުންގެ އެދުމަކީ ކޯޓުން ވަކި ގޮތަކަށް އެ މައްސަލަ ނިންމަންދެން މަޑު ނުކޮށް މަޖިލީހުން ފާސްނުކޮށް އޮތް ދެ ބިލު ފާސްކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން ކަމަށެވެ.
"ގެއްލޭ ކޮންމެ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އެޅޭ ހުރަހެއް، އެހެންވެ އަޅުގަނޑުމެންގެ އެދުމަކީ ކޯޓުން މައްސަލަ ނިންމަންދެން ނުތިއްބަވާ ފާސްނުކޮށް އޮތް ދެ ބިލް ފާސްކޮށްދެއްވުން،" ޒުވާން ގާނޫނީ ވަކީލު ވިދާޅުވި އެވެ.
އެ ޓީމުގެ ފަރާތުން ސުއޫދު ވިދާޅުވީ، މިއަދު މެންދުރާ ހަމައަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތް ކަމެއް އަންގައިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ