ހއ. ދިއްދޫން އަހުމަދު އަބްދުﷲ ސައީދު
ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. ދިއްދު އަށް ވަޑައިގެންފި އެވެ.  
މިއަދު ހެނދުނު  11.30 ގައި ޒައީމް މައުމޫން ދިއްދުއަށް ވަޑައިގެންނެވިއިރު ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ ތިއްބެވެ. އަދި އިދިކޮޅު ޝުއޫރު ފާޅުކުރުމަށް  15 ވަރަކަށް މީހުން ވެސް ބަނދަރު ސަރަހައްދަށް އެއްވެ ތިއްބެވެ. ޒައީމް މައުމޫން ދިއްދު އަށް ފައިބާވަޑައިގަތުމާ އެކު ރަށުގެ ފިރިހެނުންގެ ފަރާތުން ދަނޑިޖެހުމުގެ ސަގާފީ ނެށުމެއް ހުށަހަޅައިދިނެވެ. އެއަށް ފަހު މިއަދު މެންދުރު ދިއްދޫ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލެއްވީ ކޮންމެ ސަބަބަކާ ހުރެ ކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހާސިލު ކޮށްދެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. 
ޒައީމް މައުމޫން މިއަދު މެންދުރު ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ދެން ވަޑައިގަތީ ހދ. މަކުނުދުއަށެވެ. އެއަށްފަހު މިރޭ ހދ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 
މައުމޫން ދިއްދޫން ފުރާވަޑައިގަތުމަށް ބަނދަރުމައްޗަށް ވަޑައިގެންނެވިއިރު އެ ތަނުގައި ވެސް އިދިކޮޅު ފަނަރަވަރަކަށް މީހުން ތިބެ މައުމޫންގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ. އަދި މައުމޫނަށް ތާއީދުކުރާ ފަރާތްތަކާ އިދިކޮޅު ފަރާތްތަކާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިލުން ވެސް ހިނގި އެވެ. 
ޑީއާރުޕީގެ މެމްބަރަކު ޖެޓީމަތީގައި ޒައީމް މައުމޫންގެ ފޮޓޯފުޅެއް ހިފައިގެން ހުއްޓާ އިދިކޮޅު މީހަކު އޭނާ މޫދަށް ކޮއްޕާ ވައްޓާލި އެވެ. އޭނަ ބުނެގެން ޑީއާރުޕީގެ މެމްބަރަކު އިދިކޮޅު މީހާ ވެސް މޫދަށް ވައްޓާލި އެވެ. އެއަށްފަހު އެތާނގައި ތިބި އިދިކޮޅު މީހުންނާ ފުލުހުންނާ ދެމެދު ވެސް ކުރިމަތިލުމެއް ހިނގި އެވެ. ނަމަވެސް މާރާމާރީއަކަށް ބަދަލު ނުވަނީސް އިދިކޮޅު ބައެއް މެމްބަރުން އެހިސާބުން ދުރަށް ދިޔައީ އެވެ.
    
    ރިޔާސީ އިންތިހާބު 2008: ޑީއާރުޕީގެ ޒައީމް މައުމޫން ހއ. ހދ. އަށް ކެމްޕޭން ދަތުރުފުޅެއް ފައްޓަވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            