ރައީސް ސިންގަޕޫރުގެ މުހިންމު ތިން ތަނަކަށް ޒިޔާރަތްކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫ.އާރް.އޭ.) އާއިހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑު (އެޗް.ޑީ.ބީ) އަދި ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މި ޒިޔާރަތުގައި ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ސިންގަޕޫރުގެ ދުރުރާސްތާގެ އާބަން ޕްލޭނިންގއާއި، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް ޤާއިމުކޮށް، ދެމެހެއްޓުމަށް ގެންގުޅޭ އުސޫލުތަކާބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އަގުހެޔޮ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސިންގަޕޫރު ސަރުކާރުން ހިންގާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިންގ މަޝްވަރާތަކުގައި ޢާންމުންގެ ބައިވެރިވުން ހިމެނުމާބެހޭގޮތުން ސުވާލުޖަވާބު ސެޝަނެއް ބާއްވާފައި ވެއެވެ.
ރައީސް ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތްކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގގެ މަރުޙަލާތަކާއި ދިމާވި ގޮންޖެހުންތަކާއި ޙައްލުކުރެވުނު ގޮތް ބައްލަވާލައްވާފައިވެއެވެ. ޔޫ.އާރް.އޭ.އަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީކުރުމަށް ޚާއްޞަ ކުންފުންޏެކެވެ.
މީގެ އިތުރުން ރައީސް ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އަދި ޕީ.އެސް.އޭ އިންޓަރނޭސަނަލްގެ ނައިބު ރައީސެވެ.
ޕޯޓުގެ ތަރައްޤީއާއި މަސައްކަތްތައް ހިއްސާކޮށް، ޕޯޓު ބައްލަވާލައްވައި، ކޮންޓްރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ. 2040 ގައި ޓުއަސް ޕޯޓު ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށެވެ.
29 ޖޫންގައި ރައީސް ސިންގަޕޫރަށް ފެއްޓިވި ދަތުރުފުޅު މިއަދު ނިންމަވާލައްވާނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ