މިހާރު އެންމެން ވެސް އިންތިޒާރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވި އެތަން ބޭނުން ކުރަން ފަށާނެ އިރަކަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ އާ ޓާމިނަލް ހުޅުވާއިރު މިއީ ރާއްޖޭގެ ބައި ގަރުނު ވީ ޓޫރިޒަމް އަށާއި އާންމު ރައްޔިތުންނަށް ވެސް ލިބޭ ފަހުރެކެވެ.
ރީތި ޑިޒައިނަކަށް، ރާއްޖޭގެ ރީތިކަމާއި ތާރީހު ވެސް ރަމްޒުވާނެހެން ތަރައްގީކުރި ޓާމިނަލަށް ގާތްގަނޑަކަށް 7 ބިލިއަނެއްހައި ރުފިޔާ ހޭދަކުރި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލާ ވެސް ގުޅިފައިވާ އިމާރާތެކެވެ.
އާ ޓާމިނަލާ އެކު ޓޫރިޒަމްގެ ޕީކް ސީޒަނުގައި އެއާޕޯޓުގައި އޮންނަ ތޮއްޖެހުމަށް، އާ ޓާމިނަލްއާ އެކު ނިމުން އަންނާނެ އެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރި ޓާމިނަލްއަކީ މިހާރު ބޭނުންކުރާ ޓާމިނަލާ އަޅާބަލާއިރު ޖާގަ ތަނަވަސް، ވަސީލަތްތައް ވެސް ގިނަ ތަނެކެވެ.
މިހާރުގެ ޓާމިނަލުން އެންމެ ފުރިހަމައަށް ހިދުމަތް ދެވެނީ ދުވާލަކު 2،700-3،000 ފަސިންޖަރުންނަށެވެ. ނަމަވެސް ޓޫރިޒަމް ޕީކް ސީޒަނުގައި ދުވާލަކު 12،000 އަށް ވުރެ ގިނަ ފަސިންޖަރުން އެ ޓާމިނަލް ބޭނުންކުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް
ޗެކް-އިން 47 ކައުންޓަރު
ސެލްފް ޗެކް-އިންގެ ހަ ކިއޮސްކު
20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު
ހަ ޕެސެންޖާ ބޯޑިން ގޭޓް
ފަސް ބެގޭޖު ކްލެއިމް ބެލްޓު؛ 1 އޯވާ ސައިޒް ބެގެޖް ބެލްޓު
28 އިމިގްރޭޝަން ކައުންޓަރު
މިހާރުގެ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ޖާގައިގެ ތަނަވަސްކަމެވެ. ދުނިޔޭގެ ޓޫރިޒަމްގެ މަތީ ފަންތީގައި އޮތް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއްވަނައިގެ ހިދުމަތްތައް އާ ޓާމިނަލުން ދެވޭނެ އެވެ. ފަސިންޖަރުން މިހާރު އެއާޕޯޓުގައި ކުރާ ތަޖުރިބާތައް ވެސް ތަފާތު ވާނެ އެވެ. ހިތްހަމަޖެހުން ލިބޭނެ އެވެ.
މިހާރު ބޭނުންކުރާ ޓާމިނަލަށް ވަންނައިރު ސެކިޔުރިޓީ ޗެކުކުރަން ޖެހުނު ނަމަވެސް އާ ޓާމިނަލްގައި އެ އުނދަގޫތަކެއް ނޯންނާނެ އެވެ. ދާ ގޮތަށް ޗެކިން ކައުންޓަރުތަކަށެވެ.
އާ ޓާމިނަލުގައި އިމިގްރޭޝަން ކައުންޓަރުތަކާއި ސެކިޔުރިޓީ ކްލިއަރެންސް ސްކޭން މެޝިންތައް ވެސް މިހާރަށް ވުރެ އިތުރުވާނެ އެވެ. މިއާ އެކު ފަސިންޖަރުން ކިޔުގައި ހޭދަކުރާ ވަގުތު ސަލާމަތްވާނެ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރި ޓާމިނަލްގައި ވޯކަލޭޓާސްތައް ވެސް ހުރެ އެވެ.
ޑިޕާޗާގެ އެންމެ ތިރި ހާއްސަކޮށްފައި ވަނީ ޗެކިންއަށް
ސެކިޔުރިޓީ އާއި އިމިގްރޭޝަން ކްލިއަރެންސްގެ ދެވަނަ ފަންގިފިލާގައި
ސެކިޔުރިޓީ ކްލިއަރެންސްއަށް ފަހު ޑިޔުޓީ ފްރީ އަދި އެފްއެންޑްބީ އައުޓްލެޓުތައް ހުންނާނެ
އާ ޓާމިނަލްގެ ބޯޑިން ގޭޓުތައް ވެސް މިހާރުގެ ޓާމިނަލްއާ އަޅާބަލާއިރު ތަފާތެވެ. ފަސިންޖަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ އެވެ. ކޮންމެ ގޮނޑިއެއްގެ ކައިރީ ފޯނު ޗާޖު ކުރެވޭނެ އައުޓްލެޓުތައް ހުރެ އެވެ. ބޯޑިން ގޭޓު ކައިރީ ތިބޭއިރު އެއާޕޯޓަށް މަތިންދާބޯޓް ޖައްސާ ފުރާ މަންޒަރު ރީތިކޮށް ފެނެ އެވެ.
އާ ޓާމިނަލްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއިރޯބްރިޖު ހުރީ ބަހައްޓައިފަ އެވެ. އެގޮތުން ޖުމްލަ 12 އެއިރޯ ބްރިޖު ބޭނުންކުރާއިރު މި ވަސީލަތްތަކާ އެކު ފަސިންޖަރުން ބޯޓަށް އެރުމާއި ފައިބަން ހޭދަވާ ވަގުތު ކުރުވާނެ އެވެ.
އެމްއޭސީއެލްއިން ބުނާ ގޮތުގައި މިހާރު ބޯޓެއް ޖެއްސުމާއި ދަތުރުވެރިން އެއިން ފައިބައިގެން ޓާމިނަލަށް ވަންނަން 28 މިނެޓު ހޭދަވެ އެވެ. އެއިރޯ ބްރިޖުތަކާ އެކު އެ ވަގުތު އަށް މިނެޓަށް ކުރުވާނެ އެވެ.
އާ ޓާމިނަލް ފުރަތަމަ ބޭނުންކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ. މިހާރު ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނެއް އާ ޓާމިނަލް ބޭނުންކުރަން ފަށާނީ ސެޕްޓެމްބަރުގަ އެވެ.
އާ ޓާމިނަލްގެ ސީލިންގައި މޫދުގެ ރާޅުބާނިތަކާއި ވިލާތަކުގެ ސިފަތަކެވެ. ޓާމިނަލްގެ މޫނުމަތީ އަސްކަނީގައި އިސްކަންދަރު ރަސްގެފާނުގެ ސިއްކަ ރަމްޒުވާ ޖާލިތަކެވެ. މިއީ ރީތި އިމާރާތެކެވެ. ޒަމާނީ ތަރައްގީގެ ފުރިހަމަ ނަމޫނާއެކެވެ. ވީއައިއޭއަށް އަންނަ އިތުރު ފުރިހަމަކަމެކެވެ.
ހުރިހާ ކަމެއްގައި ވެސް އާ ޓާމިނަލް ފެންނަނީ ތަފާތުކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ