ކޯޓުން ބޭރުގައި ނިހާންގެ ފައިސާގެ މައްސަލަ ނިންމައިފި

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، އޭރުގެ ޕީޕީއެމްގެ ޕީޖީ ލީޑަރު، އަހްމަދު ނިހާން ހުސެއިން މަނިކާ، އެސްޓީއޯއާ ދެމެދުވީ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުންޏަށް ނިހާން ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ނިންމައިފި އެވެ.މިއީ ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ނަންގަވައި އެ ތަނުގެ ކުލި އެސްޓީއޯ އަށް ނުދައްކައިގެން އެ ކުންފުނިން ނިހާން ދައުވާކުރި މައްސަލައެކެވެ.މި މައްސަލައިގައި އެސްޓީއޯ އިން ދައުވާ ކުރުމުން 2019 ގެ ފަހުކޮޅު ސިވިލް ކޯޓުން ވަނީ އެ ކުންފުންޏަށް ނިހާން 959،362ރ. ދައްކަން ހުކުމްކޮށްފައެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމް، އޭނަގެ ފަރާތުން އިސްތިއުނާފު ކުރަން 2020 ގައި ހުށަހެޅި އެވެ.ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި ގޮތެއް ނުނިމި އޮތުމަށް ފަހު ނިހާންގެ އެދުމަށް އެ މައްސަލަ ހައިކޯޓުން ބާތިލުކުރީ، އެސްޓީއޯއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމަކަށް ގޮސް، އެ އެއްބަސްވުން އެގްޒެކިއުޓްކޮށް ނިމިފައިވާތީ ކަމަށް މައްސަލަ ބާތިލު ކުރި ގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ ބާތިލުކުރީ މި މަހުގެ ކުރީކޮޅު އެވެ. ނިހާނަކީ މިހާރު ރައްޔިތުންގެ މަޖިލީހު އިދާރާގެ ބިއުރޯ ޗީފެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ