ހެޔޮ ބަަދަލުތަކުގެ އަސްލަކީ އެމްޑީޕީ؛ އަނެއްކާވެސް މިފެށީ ގައުމު ބަދަލުކުރަން: ފައްޔާޒު

ރާއްޖެއަށް ލިބުނު ކޮންމެ ހެޔޮ ބަދަލެއްގެ އަސްލަކީ އެމްޑީޕީ ކަމަށާއި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އެހެން މިސްރާބަކަށް ބަދަލުކުރުމުގެ މަސައްކަތް އަނެއްކާވެސް އެމްޑީޕީން ފަށާފައިވާ ކަމަށް، އުފެއްދިތާ 20 އަހަރު ފުރުން މިއަދު ފާހަގަކުރަމުން އަންނަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީން މިއަދު ފާހަގަކުރާ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ.
ފައްޔާޒު ވިދާޅުވީ، މީގެ 20 އަހަރު ކުރީގެ ރާއްޖެއާ މިއަދު ރާއްޖެ އޮތް ގޮތާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް އައިސްފައިވާ ކަމަށެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް މިވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ބާރުވެރިކަން މިއަދު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެ ކަންކަން ލިބުނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ މަސައްކަތުންނެވެ.
"20 އަހަރު ވަންދެން ދެމިއޮތް ޕާޓީއަކީ ވެސް އެމްޑީޕީ. މިކަންކަން މިހެންވުމުގައި، ގައުމު ބަދަލުކުރުމުގައި އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ މެމްބަރުންގެ ހިއްސާ ވަރަށް  ބޮޑު،" ފައްޔާޒު ވިދާޅުވި އެވެ.
އެ މަސައްކަތް އޭރު ކުރެއްވި ބައެއް ބޭބޭފުޅުން މިހާރު ވަކިވެގެން ގޮސްފައިވާ ކަމަށާއި އެކަމަކު ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކުރުމަށާއި ރާއްޖެއަށް ލިބިގެންދިޔަ ހެޔޮ ބަދަލުތައް ގެނައުމުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ ހަނދާންތައް އާލާކުރުމަކީ މިއަދު އެމްޑީޕީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ސަމާލުކަން އެންމެ ބޮޑަށް އަދިވެސް ހުއްޓެނީ އެމްޑީޕީއަށް ކަމަށާއި އެމްޑީޕީއަށް ނޫނީ ގައުމަށް ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ:
ވޭތުވެދިޔަ 20 އަހަރު ތެރޭ ޕާޓީގެ އެކިއެކި ކަންކަމަށް ބަދަލުތަކެއް އައިސްފައިވޭ 
ޕާޓީގެ އެތެރެއިން އެކިއެކި ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހިފައިވޭ 
އެކަމަކު މިއަދު މަސައްކަތް ފަށާފައިވަނީ އަނެއްކާވެސް ރާއްޖެ މިހާރު އޮތް މިސާރާބުން އެހެން މިސްރާބަކަށް ބަދަލުކުރުމަށް އެކުގައި ގަދަކޮށް ތިބެގެން 
"ކުރިއަށް އޮތް ތަނުގައި ތިބޭފުޅުންނަށް ފެންނާނީ އެމްޑީޕީގެ މަސައްކަތުން ގައުމު ހަމަ މަގަށް އަޅުވައި ދިވެހި ރައްޔިތުން އުންމީދުކުރާ ފަދަ ބޮޑެތި ބަދަލުތަކަކާ ދިމާލަށް މިގައުމު މިސްރާބު ކުރާތަން. އިރާދަފުޅުކުރެއްވިއްޔާ މިމަސައްކަތުގައި ޝާމިލުވެ، ގަދަކޮށް ކުރިއަށްދާނީ އެމްޑީޕީގެ އެކުވެރިކަމާ އާންމު ރައްޔިތުންގެ އެހީތެރިކަމާ އެކު،" ފައްޔާޒު ވިދާޅުވި އެވެ.
މި މުނާސަބަތުގައި ދެއްވި މެސެޖުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ ފަހުރުވެރިކަމާ އެކު، އެކަތިގަނޑެއްގެ ގޮތުގައި ތިބެ ކަމަށެވެ. އެމްޑީޕީއަކީ ރާއްޖެއަށް ބޭނުންވި ބަދަލުތައް ގެނެސްދީ، ސިޔާސީ ބޮޑެތި އިސްލާހުތަކެއް ގެނެސްދިން ޕާޓީއެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އެކަމަކު އެމްޑީޕީ ވެރިކަމުން ފައިބާ ކޮންމެ ފަހަރަކު އެ ހުރިހާ ބަދަލުތަކެއް ފަހަތަށް ސޮއްސާލައިގެން ދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހިތާމައަކީ އެމްޑީޕީ ވެރިކަމުން ބަދަލުވާ ކޮންމެ ފަހަރަކު ހޯދިފައިވާ ހުރިހާ ކުރިއެރުންތަކެއް ފަހަތަށް ސޮއްސާލާތީ. މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން. އަޅުގަނޑުމެންގެ ފަހަތުން ހިންގާ ސިޔާސީ ޕާޓީތައް އިސްލާހީ އެޖެންޑާ ކަނޑައަޅުއްވަނީ އަޅުގަނޑުމެންގެ އެޖެންޑާ ބައްލަވައިގެން. އެއީ އެމްޑީޕީއަށް ހޯދިފައިވާ އެންމެ ބޮޑު ކުރިއެރުން،" ޝާހިދު ވިދާޅުވި އެވެ.
އެނގުން މުހިންމު - މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް މިއަދު ވަނީ 20 އަހަރު ފުރިފަ އެވެ. އެކަން ފާހަގަކުރަން
މުޅި މި އަހަރަށް ދެމިގެންދާ ގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން ވަނީ ނިންމާފަ އެވެ.
އެ ހަރަކާތްތައް މިއަދު ފަށާފައިވަނީ ދިދަ ނެގުމުގެ ހަރަކާތަކުންނެވެ. ދިދަ ނެގުން މާލޭގައި ހުންނަ އެ ޕާޓީގެ ދަނޑިކޮށި ޖަގަހައިގައި މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ހަމަ އެގޮތަށް ބައެއް ރަށްރަށުގައި ވެސް ދިދަ ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެެވެ.
ދިދަ ނެގުމުގެ ހަރާކާތް ފެށުމުގެ ކުރިން އެ ޕާޓީގެ އާންމު މެމްބަރުންނާ އެކު ހެނދުނުގެ ސަޔެއް ކުރިއަށް ގެންދިޔަ އެވެ. އަދި ކޭކު ފެޅުން ވެސް އޮތެވެ. މި ހަރަކާތުގައި އެ ޕާޓީގެ ލީޑާޝިޕުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ކުރިއަށް ހުރި ހަރަކާތްތައް:
ޕާޓީގެ އެތެރޭގެ ފުޓްސަލް މުބާރާތެއް 
ޒުވާނުންގެ ރޫހުން ޕޮޑްކާސްޓެއް؛ މި ޕޮޑްކާސްޓު މިރޭ ފެށުމަށް ވަނީ ހަމަޖެހިފައި
ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޕާޓީގެ ޖަލްސާއެއް؛ ޖުލައި މަހު ފުރަތަމަ ޖަލްސާ އޮންނާނީ ހދ. ކުޅުދުއްފުށީގައި އަދި ޖަލްސާތައް ނިންމާލާނީ މާލެ އިން 
'ރަން ރީނދޫ'ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ދުވުމެއް 18 ޖުލައިގައި ފަށާނެ 
މިޔުޒިކް ޝޯއެއް
އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ބަދަލުތައް ފެންނާނެ ހަރަކާތެއް
ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ފަށާނެ
ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައްް ދެނެގަތުމަށް މަސައްކަތްތައް ފަށާނެ
ކުރެހުންތެރިންގެ މައުރަަޒެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ