ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކުރި އިންޑިއާ ކުންފުންޏަށް ބޭންކް ގެރެންޓީ ނުދެވުމުން ސައީދު ވިދާޅުވީ އެއީ ކަން ނުވާ ބައެއް ކަމަށް!

ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކުރަން ހަމަޖެހިފައިވާ އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑުން ސަރުކާރަށް ބޭންކް ގެރެންޓީ ދޭންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެކަން ނުވުުމުން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައިސް މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ ”ދިޔަރެސް“ އިން އެކަމާގުޅޭގޮތުން ޝާއިއު ކުރި ހަބަރެއް ހިއްސާ ކުރައްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުންޏަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބޭންކް ގެރެންޓީގެ ގޮތުގައި 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ. މިކަމާ ގުޅިގެން ސައީދު ގަބޫލު ކުރައްވާގޮތުގައި އެކުންފުންޏަށް އެކަމެއް ނުކުރެވޭނެއެވެ.
މެންބަރު ސައީދު ވިދާޅުވިގޮތުގައި އޭގެ އެއް މިސާކަލަކީ ނާދީ ބިމެވެ. އޯޑިއޯން ބިމާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅަން މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލު ކުރީ އިންޑިއާގެ ޓާޓާ ހައުސިންގ ކުންފުންޏާއެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގ ވެރިކަމުގައި އެ އެއްބަސްވުން އުވާލިއެވެ. ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލަން ނިންމީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެގެން، އިތުރަށް ދިން މުއްދަތުގެ ތެރޭގައިވެސް އެ މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ. އަދި އެއްބަސްބުން އުވާލާފައި ވަނިކޮށް އިންޑިއާގެ ޓާޓާ ކުންފުނިން ވަނީ ނުފޫޒު ބޭނުންކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2017 ވަނަ އަހަރުގެ ފެބުރުއަރީ އެ ދެބިމުގައި އިމާރާތްކުރާ ދެ އެޕާޓްމަންޓް ބިލްޑިންގުގެ ބިންގާ އެޅިއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކުރަން އުޅޭ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑަކީ އިންޑިއާއިން މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި ސިއްރިޔާތުގައި ހަދަމުންދާ އަސްކަރީ މަރުކަޒުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. އައްޑޫ ސިޓީ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލު ކުރީ އެ ކުންފުންޏާއެވެ.
އެފްކޮން އިންފްރާސްޓްރަކްޗަރ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެމްޕެއިންތަކަށް ފައިސާ ހަރަދު ކުރާ ކުންފުންޏެއް ކަމަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ބަދަލުގައި އެ ކުންފުނިން ގިނަ މަންފާތަކެއް މޯދީ މެދުވެރިކޮށް ހޯދާ ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ