ޣައްޒާގެ ހަ ސްކޫލެއް އިސްރާއިލުން ބަންދުކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން: ސަރުކާރު
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭން އުފައްދާފައިވާ އދ.ގެ އިދާރާ (އުންރުވާ)އިން ޣައްޒާގައި ހިންގަމުން އައި ހަ ސްކޫލެއް ބަންދު ކުރުމަށް އިސްރާއިލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. އިރުމަތީ ގުދުސް ސަރަހައްދުގައި އުންރުވާއިން ހިންގަމުން އައި ހަ ސްކޫލެއް ބަންދުކުރަން އިސްރާއިލު ސަރުކާރުން ވަނީ ނިންމައިފައެވެ. މިކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ، ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކުގެ ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ތައުލީމު އުނގެނުމުގެ ހައްގު ރާއްޖޭން ދިފާއު ކުރާނެ ކަމަށެވެ. އެހެން ކަމުން އުންރުވާއިން ހިންގާ ސްކޫލުތައް ބަންދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ބަލައިނުގަނެވޭ ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ. މި އަމަލުތަކުގެ ސަބަބުން ކުށެއް ނެތް އެތައް ކުދިންނެއްގެ މުސްތަގުބަލަށް ނުރައްކާވެ، ފަލަސްތީނުގެ އިންސާނީ އެހީތެރިކަމަށް އިތުރަށް ހުރަސްއެޅިގެންދާކަން ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އެ ބަޔާނުގައި ސަރުކާރުން ގޮވާލައިފައިވަނީ، އިސްރާއިލުގެ ނިންމުން ވަގުތުން ބަދަލުކުރުމަށާއި، ސްކޫލުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާތައް ނަގަހައްޓައި، އިސްރާއިލުން ޚިލާފުވެފައިވާ ދުނިޔޭގެ ގާނޫނުތަކަށް އެ ގައުމު ޒިންމާކުރުވުމަށް ވެސް ގޮވާލާފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖޭން އޮތް ކަމަށެވެ. އިސްރާއިލުން 2023ގައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހައިތަނަށް 50،900އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 116،045 މީހުން ޒަޚަމްވެފައިވެއެވެ. މި ހަނގުރާމައާ ގުޅިގެން އިސްރާއިލާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ނިންމައި، އެކަން އިއުލާން ކުރީ މި ސަރުކާރުންނެވެ. އެއާއެކު ބޮޑެތި ނޫސްތަކުގެ ސަމާލުކަން ވެސް އެކަމަށް ލިބުނެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެކަން ނުކުރާތީ ސަރުކާރަށާއި ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ