އިތުރު ވަގުތުގައި ވަލްވާޑޭ ޖަހައިދިން ލަނޑުން ރެއާލަށް މުހިންމު މޮޅެއް
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ރެއާލުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ބިލްބާއޯގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހުނެވެ. ދެވަނަ ހާފުގައި ރެއާލުން ހަމަލާތައް ވަރުގަދަކުރި ނަމަވެސް ބިލްބާއޯގެ ޑިފެންސާއި ކީޕަރު އުނާއި ސިމޯންގެ ހުށިޔާރުކަމުގެ ސަބަބުން ގިނަ ހަމަލާތައް ކާމިޔާބުވާގޮތެއް ނުވިއެވެ. މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ރެއާލަށް ލީޑު ނެގުނު ކަމަށް ހީވި ނަމަވެސް ވިނީޝިއަސް ޖޫނިއާ މި ބޯޅަ ވައްދާލިއިރު އެ ހަމަލާ އުފެއްދުމުގެ ތެރޭގައި އެންޑްރިކް އޮފް ސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ބަލައިގެންފައެއް ނުވެއެވެ. ވީއޭއާރުން މި އޮފްސައިޑް ބެލުމަށް ވަރަށް ގިނަ ވަގުތު ނެގިއެވެ. މެޗުގައި އަނެއްކާ މާޔޫސްކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހީވެފައިވަނިކޮށް މެޗުން އެ ޓީމު މޮކޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. މިއީ އޭނާ މި ސީޒަންގައި ރެއާލަށް ލީގުގައި ކާމިޔާބު ކޮށްދިން ހަވަނަ ލަނޑެވެ. މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ ކުޅުނު 32 މެޗުން ލިބިފައިވާ 69 ޕޮއިންޓާ އެކު ދެވަނައިގައެވެ. މިޙާރު ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތްއިރު ރެއާލް އޮތީ އެއްވަނައިގައި އޮތް ވާދަވެރި އެފްސީ ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. މެޗުން ރެއާލް ކިރިޔާ މޮޅުވިއިރު ބާސާއަށް މި ހަފުތާގައި މޮޅުވެވިފައިވަނީ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑަކުންނެވެ. އެހެންކަމުން ދެ ޓީމުގެ ވާދަވެރިކަން އެންމެ ފަހު މެޗާ ހަމައަށް ދިއުމަކީ ގާތް ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މެޗުން ބަލިވުމުން ބިލްބާއޯ އޮތީ 57 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އޮސަސޫނާއާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗު 3-2 އިން އޮސަސޫނާއިން ކާމިޔާބުކޮށްފައިވާއިރު ވިޔަރެއާލާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ. އަދި، ސެވިއްޔާއާއި އަލަވޭޒް ބައްދަލުކުރި މެޗު ވެސް 1-1 އިންވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ