ފަނޑިޔާރުންގެ ހައްގުތަކާއި މިނިވަންކަމަށް ސަރުކާރުން ވަނީ އަރައިގެންފައި: އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން ފަނޑިޔާރުންގެ ހައްގުތަކާއި މިނިވަންކަމަށް ސަރުކާރުން ވަނީ އަރައިގެންފައި: އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން

ބައިނަލްއަގުވާމީ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ މިނިވަންކަމާއި ހައްގުތަކަށް ދިވެހި ސަރުކާރުން އަރައިގެންފައިވާ ކަމަށް ގާނޫނީ ފަންނުގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިފަހުން ވަނީ ވަކިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ.
ފަނޑިޔާރުން ވަކިކުރުމުގައި ގާނޫނޫގައި ބަޔާންކޮށްފައިވާ މަރުހަލާތައް ކަޑައްތުކޮށްފައި ނުވާ ކަމަށް ބުނެ ކަންބޮޑުވުން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން ހިއުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރުއައި) އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
"ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ދުރުކުރި ގޮތަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހަގީގީ އަދި ކުއްލި ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް. ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މިންގަނޑުތައް ވަރަށް ސާފުކޮށް ބަޔާންވެފައި އޮތީ،" އައިބީއޭއެޗްއާރުއައި ކޯ ޗެއާ މާކް ސްޓެފަންސް ވިދާޅުވި އެވެ.
އެގޮތުން، ފަނޑިޔާރުން ވަކިކުރެވޭނީ އިންސާފުވެރިކޮށް، ހާމަކަން ބޮޑުކޮށް، ވަކިވަކި މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އެ ފިޔަވަޅުތަކަކީ އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ފަނޑިޔާރުންނަށް ދިނުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯލްޑް ބޭންކާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާ ބޮޑު ގުޅުމެއް އެބައޮތް. އިންވެސްޓަރުން، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އިގުތިސޯދަށް އިންވެސްޓް ކުރަން ފަސްޖެހޭނެ،" މާކް ސްޓެފަންސް ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނުނެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ. އެ ފުރުސަތު ދީފައެއް ނުވެ އެވެ.
ދެ ފަނޑިޔާރުން ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ވެސް ދިވެހި ސަރުކާރަށް ގޮވާލާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ