ރަމަޟާން މަހު ފަހު ދިހައިގަ ކުރެވިދާނެ 10 ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ  
 
އަޅުގަނޑުމެން ރަމަޟާން މަހުގެ ފަހު 10 ދުވަހާ ބައްދަލު ކުރާއިރު، އަޅުގަނޑުމެން ބައްދަލު ކުރަނީ އަހަރުގައި އަންނަ އެންމެ މާތް ދުވަސްތަކަށެވެ. އެންމެ މާތްވެގެންވާ ލައިލަތުލްޤަދްރިވިލޭރޭ އެރޭ ތަކުގައި ހިމެނިގެންވާތީއެވެ. 
މިދުވަސްތަކަކީ އަޅުގަނޑުމެންގެ ޙަޔާތުގައި ދެން އަންނަ ދުވަސްތައް ބަދަލުކޮށްލާ ފަދަ ދުވަސްތަކަކަށް ވާނެއެވެ. އަދި ލައިލަތުލް ޤަދްރި މިރޭތަކުގައިވެއެވެ. 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. ފާފަތައް ފުހެވިގެން ދާ ރެއެކެވެ. ދުޢާތައް އިޖާބަ ކުރެވިގެންވާ ރެއެކެވެ. އަދި ﷲ ގެ ރަޙްމަތުން ހިތްތައް ވެސް ސާފު ކުރެވިގެން ހެޔޮ ހިތަކައިގެން އަންނަ ރެއެކެވެ.
އެހެންކަމުން އަޅުގަނޑު މިއަދު 10 ކަމެއް ތިޔަބޭފުޅުންނާ ޙިއްސާ ކޮށްލާނަމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއެކު ﷲ ތަޢާލާގެ އިރާދަފުޅާއެކު މިކަމުގައި ދެމިހުރެވޭތޯ މަސައްކަތް ކުރާށެވެ.
އަޚުންނާއި އުޚްތުންނޭވެ. ތިޔަބައިމީހުން އެންމެ ފުރަތަމަ ކަމަކަށް ވިސްނަންވީ ކަމަކީ ރަމަޟާން މަހުގެ ފަހު 10 ގައި ދުވާލު ވަގުތުގައި ފާފަކުރުމުން ދުރުހެލިވުމެވެ. އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮންނަނީ އަޅުކަންތަކަކީ އަޅުގަނޑުމެން ކުރާ ހެޔޮ ކަންކަން ކަމެވެ. ނަމަވެސް ﷲ ތަޢާލާ ނުރުއްސަވާ ކަންކަން އަދި ފާފަތައް ކުރުމުން ދުރުހެލިވުމަކީ ވެސް އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވާލު ވަގުތުގައި ފާފަ ކުރާނަމަ ރޭގަނޑު ވަގުތުގައި އަޅުގަނޑުމެންނަށް ސުވަރުގޭގެ ދޮރުކޮޅުތައް ބަންދުވެގެން ހިނގައިދާނެއެވެ. އަދި ﷲ ތަޢާލާ ރުއްސަވާ މީހުންގެ ތެރޭގައި ހުންނަން ބޭނުން ނަމަ އަދި ލައިލަތުލް ޤަދްރި ހޯދަން އެދޭނަމަ ދުވާލު ގަޑީގައި ފާފަ ކުރުމުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކާއި ބައްދަލުކުރާއިރު ފާފަތަކުން ފުރިފައިވާ ޙާލުގައި ބައްދަލު ނުކުރާށެވެ. އޭގެ ސަބަބުން ތިޔަބައިމީހުންނަށް އަޅުކަންތައް ކުރުމުގައި ދަތިކަން ކުރިމަތިވެދާނެއެވެ. ވަކީން ޚާއްސަކޮށް ރަމްޟާން މަހުގެ ދުވަސްތަކުގައެވެ. 
ދެވަނަ ކަމަކަށް ބޭކާރު ޢަމަލްތަކުން ދުރުހެލިވާށެވެ. މިވަގުތަކީ ﷲ ތަޢާލާ އާއި ގާތްވުމަށް އޮތް ވަގުތެކެވެ. ބޭކާރު ވާހަކަ ދެއްކުމަށް އޮތް ވަގުތެއް ނޫނެވެ. އެގޮތުން މީހުންނާ ސޯޝަލައިޒްވެ، ތަރާވީސް ގަޑީގައި ކެއުންތަކާއި، މީހުންނާ އެކީގައި ބާއްވާ ކެއުންތަކުގެ ސަބަބުން މީހުންގެ މަސް ކެއުމަށް މަގުފަހިވެއެވެ. ބޭކާރު ވާހަކަތަކުގައި ވަގުތު ހޭދަވެ، އަގުހުރި ވަގުތު ބޭކާރުވެގެންދެއެވެ. ނަމަވެސް މި ފަހު 10 ގެ ރޭތައް ތަފާތުކުރާށެވެ. ﷲ ތަޢާލާ އާއި ތިބާ އާއި އޮންނަ ގުޅުން އިތުރު ކުރާށެވެ. އަދި އެކަމަށް ވަގުތު ހުސްކުރާށެވެ. ޛިކުރު ކުރުމުގެ މަޖިލިސްތަކަށް ޙާޟިރުވާށެވެ. ނަމާދުތަކަށް ޙާޟިރުވާށެވެ. ނަމަވެސް ބޭކާރު ވާހަކަތައް ދައްކާ މަޖިލިސްތަކާއި ގުޅުމުން ދުރުހެލިވާށެވެ. މިރޭތަކަކީ މީހުންނާ ބައްދަލުކުރުމަށް އޮންނަ ރޭތަކެއް ނޫނެވެ. މީ ﷲ ތަޢާލާ އާއި ތިބާ އާއި ގުޅުން ބަދަހިކުރުމަށް އޮންނަ ރޭތަކެވެ. 
ތިންވަނަ ކަމަކަށް ރަމަޟާން މަހުގެ ފަހު 10 ގައި ޘަވާބު ލިބޭނެ އެންމެ ބޮޑު ކަމަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވަނީ ޢިޝާ ނަމާދާ ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ މުޅި ރޭ ނަމާދުގައި ހޭދަކުރުމުގެ ޘަވާބު ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ރޭގަނޑު ނަމާދު ކުރުމަށް ނުހޭލެވުނު ކަމުގައި ވިޔަސް ޢިޝާ ނަމާދާ ފަތިސް ނަމާދު ޖަމާޢަތުގައި ކުރެވޭތޯ ބަލާށެވެ. 
ހަތަރުވަނަ ކަމަކަށް އިމާމާއެކު ތަރާވީޙް ނަމާދު ނިމެންދެން ކުރާށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ – رواه الترمذي (806) وصححه وأبو داود (1375) والنسائي (1605) وابن ماجه (1327) . وصححه الألباني في “صحيح الترمذي” .
މާނައީ: “އިމާމާއާއެކު އޭނާ ނިމެންދެން (ޖަމާޢަތުގައި) ނަމާދުކޮށްފިމީހާ އަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ލިޔުއްވޭ ހުއްޓެވެ.”
އެއީ އެންމެ ފުރަތަމަ ބައި ނުވަތަ ފަހު ބައި ކަމަށްވިޔަސްއެވެ. އިމާމާ ތަފާތުވިޔަސްމެއެވެ. ޘަވާބު ލިބުމުގައި ތަފާތުވުމެއް ނުވެއެވެ. ގިނަގިނައިން ނަމާދުގައި ބައިވެރިވާނަމަ ގިނަ ގިނައިން ޘަވާބު ލިބިގެންދާނެއެވެ.
ތިބާއަށް 20 ރަކްޢަތް އެއްކޮށް ކުރެވޭނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެވަރު ނުކުރެވޭނަމަ އިމާމާ އެކީގައި އެބައި ކިޔެވުމަށް މަސައްކަތް ކުރާށެވެ. ﷲ ތަޢާލާ ޘަވާބު ދެއްވާނެއެވެ. 
ފަސްވަނަ ކަމަކަށް އެހެން ދުވަސްތަކުގައި ކިޔަވާ ވަރަށް ވުރެ ގިނައިން ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި ކީރިތި ޤުރްއާން ކިޔަވާށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރައްވާ ކަމަށް އައިސްފައިވެއެވެ. އަދި އިމާމް ޝާފިޢީ އެކަލޭގެފާނު އެކަލޭގެފާނު ކޮންމެ ރެއަކު ވެސް ޤުރުއާން ފުރިހަމަކުރައްވާ ކަމަށްވެއެވެ. އެހެންކަމުން ތިޔަބައިމީހުން ގޯލް އެއް ނުވަތަ ވަކި މިންވަރެއް ކިޔަވަން ކަނޑައެޅި ނަމަވެސް އެ ޕްލޭން ކުރި ވަރަށް ވުރެ އިތުރަށް ކިޔެވޭތޯ ބަލާށެވެ. އެއީ ކީރިތި ޤުރްއާން ބާވައިލެއްވުނީ ރޯދަ މަހު ކަމުގައި ވާތީއެވެ. އަދި އެންމެ ފުރަތަމަ ބާއްވާލެއްވުނު ބަހަކީ ވެސް اقرأ ކިޔަވާށެވެ. އެހެންކަމުން ލޯތްބާއެކު ކީރިތި ޤުރްއާން ކިޔަވާށެވެ. ވިސްނައިގެން މަޑުމާތްތިތިކަމާއެކު ކިޔަވާށެވެ. 
ހަވަނަ ކަމަކަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޢާއިޝާ ރަޟިޔަ ﷲ ޢަންހާއަށް ދަސްކޮށްދެއްވި ދުޢާ ކިޔުމަށް ހަނދާންނައްތާނުލާށެވެ. ލައިލަތުލް ޤަދްރި އަތުވެއްޖެނަމަ ކިޔާނެ ދުޢާއެއް އެއްސެވުމުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޖަވާބު ދެއްވިއެވެ. اللَّهُمَّ إنَّكَ عَفُوٌّ كَرِيمٌ تُحِبُّ العَفْوَ فَاعْفُ عَنِّي (އަޅުގެ ވެރިރަސްކަލާނކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުުއްސަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފާފަފުއްސެވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. އެހެންކަމުން، މިއަޅާގެ ފާފަފުއްސަވައި ދެއްވާނދޭވެ!) މިދުޢާ ގިނަގިނައިން ތަކުރާރު ކުރާށެވެ. ދުޢާ ކުރާއިރު މިދުޢާއިން ފެށުމަށް ފަހު ދުޢާކޮށް ނިމޭއިރު މިދުޢާއިން ނިންމާށެވެ.
ހަތްވަނަ ކަމަކަށް މިރޭތަކުގައި ގިނަގިނައިން ދުޢާކުރާށެވެ. އެކި މަސައްކަތްތަކުގައި އުޅޭއިރު ދުޢާކުރާށެވެ. ހިނގާއިރުގައި ދުޢާ ކުރާށެވެ. ދުއްވާ އުޅަނދެއްގައި އިންނަ އިރު ދުޢާ ކުރާށެވެ. ތަނެއްގައި މަޑުކުރާއިރު ދުޢާކުރާށެވެ. ހާރުކާތަކެތި ތައްޔާރުކުރާއިރު ދުޢާކުރާށެވެ. ކޮންމެ ވަގުތެއްވެސް ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާށެވެ. އެންމެ ރަނގަޅު ވަގުތު ގައި ދުޢާ ކުރަން މަޑުނުކުރާށެވެ. އަބަދުވެސް ﷲ ތަޢާލާ މަތީން ހަނދުމަކުރުމުގައި ދޫތެތްކޮށް ބާއްވާށެވެ. ތިބާއަށް ﷲ ތަޢާލާ ތިބާގެ ދުޢާ އަދި ޢަމަލްތައް ޤަބޫލްކުރައްވާނީ ކޮން ވަގުތެއްގައިކަމެއް ނޭނގޭނެއެވެ. 
އަށްވަނަ ކަމަކަށް ޚުޝޫޢަތްތެރިކަން އިތުރުކުރާށެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
"أَسْوَأُ النَّاسِ سرقةُ الذِّي يَسْرِقُ مِنْ صَلاتِه"  قِيْلَ: "يَا رَسُولَ الله كَيفَ يَسْرِقُ صَلاتَه؟" قَالَ: "لَمْ يُتِمَ رُكُوعَهَا وَلاَ سُجُودَهَا".
މާނައީ: "އެންމެ ނުބައިކަން ބޮޑު ބަޔަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުންނެވެ. ދެން އެކަލޭގެފާނަށް ދެންނެވުނެވެ. އޭ اللهގެ ރަސޫލާއެވެ. ނަމާދުން ވައްކަންކުރަނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. އެއީ ނަމާދުގެ ރުކޫޢާއި ސަޖިދަ ފުރިހަމަ ނުކުރުމެވެ."
އެހެންކަމުން ޚޫޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމަށް މަސައްކަތް ކުރާށެވެ. ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާށެވެ. ސަޖިދަ ކުރާއިރު ދުޢާކުރާށެވެ. ސަޖިދަކުރުން ގިނަ ކުރާށެވެ. ސަޖިދައިގައި ﷲ ތަޢާލާގެ ޙަޟްރަތައް ތިބާ ބޭނުންވާ ކަންކަމަށް ދުޢާކުރާށެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ. މިއީ ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދު އޮންނަ ވަގުތުކޮޅެކެވެ.
ނުވަވަނަ ކަމަކަށް ޞަދަޤާތް ކުރާށެވެ. ކުޑަ އެއްޗެއް ނަމަވެސް ޞަދަޤާތް ކުރާށެވެ. ސިއްރުން ޞަދަޤާތް ކުރާށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ޞަދަޤަތް ދެއްވާ ކަމަށް އައިސްފައިވެއެވެ. އަދި ރަމަޟާން މަހު ފަހު 10 ގައި ޞަދަޤާތް ދިނުމުގެ ސަބަބުން ޘަވާބު އިތުރުވެގެން ދާނެއެވެ. އަދި ތިބާ ކޮސްފައިވާ ފާފަތައް ފުއްސެވުމަށް އޮތް ކަމަކަށްވެސް ވެގެންދާނެއެވެ. އެހެންކަމުން ޞަދަޤާތް ކުރުމަށް ތިބާގެ އަތާއި ހިތް ހުޅުވާލާށެވެ.
ދިހަވަނަ ކަމަކަށް ފަތިސް ނަމާދުގެ ކުރީގެ ވަގުތުތައް ދޫކޮށްނުލާށެވެ. އެއީ އެދުވަހުގެ އެންމެ ފަހު ވަގުތުވެސް ހެޔޮ ޢަމަލް ކޮސްގެން ލައިލަތުލް ޤަދްރި ޙާޞިލް ވެދާނެއެވެ. އެގޮތުން ދުޢާކުރާށެވެ. ޔާ ﷲ މިއަޅާގެ ފާފަތައް ފުއްސަވާ ދެއްވާނދޭވެ. ޔާﷲ މިއަޅާއަށް ސުވަރުގެ ޙާޞިލް ކޮށްދެއްވާނދޭވެ. އަދި ސުވަރުގެ އަށް ވަންނަ މީހުންގެ ތެރޭގައި މިއަޅާ ލައްވާދޭވެ. ކިތަންމެ ކުޑަ ކުރު ދުޢާ އެއް އެގަޑީގައި ކުރި ނަމަވެސް ޙަޔާތް ބަދަލުކޮސްލާފަދަ ކަމަކަށް ވެދާނެއެވެ. 
މިމަރަޟާން ،ަހުގެ ފަހު ދިހައިން ބޮޑުބައެއް ފާއިތުވެފައިވީނަމަވެސް މިލިޔުން ސޭވްކޮށްލައްވައި އަންނަ އަހަރުގެ ރޯދަމަހުގައިވެސް ޢަމަލުކުރެއްވުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ