އިއްޔެ ރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި 18 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދައިފަ އެވެ. ފެބްރުއަރީ މަހު 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. މަގުމަތީ އަގުން ބަލާ ނަމަ މިއީ ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ އަގުހުރި އެއްޗިއްސެވެ.
އެކަމަކު މިހެން މަސްތުވާތަކެތި އަތުލައިގަތުމަކީ އަދި މާ ބޮޑު އުފަލެއް ނޫނެވެ. ސަރުކާރުގެ އިސް ވެރިން ސޯޝަލް މީޑިއާގައި އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރިޔަސް ހަގީގީ މަންޒަރު މުޅިން ތަފާތެވެ. ހަގީގީ މަންޒަރަކީ ޓެގް އަޅުވާފައި ދޫކޮށްލާ ގިނަ މީހުންނަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބަޔަކަށް ވުމެވެ. ކުރިއަށް އޮތް ތަނުގައި ދޫކޮށްލާނީ ވެސް އޭގެ ގިނަ ބައެއް ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، އެތެރޭގެ މައުލޫމާތު ވެސް ހުރި، ބައެއް ބޭފުޅަކު ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނަކީ ރާއްޖޭގެ އެތައް ހާސް ޒުވާނުންގެ ކުރިމަގު ބަނަކުރުމުގެ ވަރަށް ބޮޑު މެދުވެރިއެކެވެ. މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމުގެ ބައި ކުރިއަށް ގެންދަނީ މި މީހުންނެވެ. މިއީ މި މުޖުތަމައުއަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ވެސް މެ އެވެ. މުޖުތަމައުއަށް ނުރައްކާވަނީ ތޫނު އެއްޗެހި ހިފައިގެން މާރާމާރީ ހިންގުން އެކަންޏެއް ނޫނެވެ. 'އަނދިރީ'ގައި ތިބެގެން މަސްތުވާތަކެތި ވިއްކާ މީހުންނާއި އެތެރެކުރާ މީހުންނަކީ ވެސް ބޮޑެތި ނުރައްކާތަކެވެ.
ޓެގް އަޅުވާފައި ދޫކޮށްލަން ސަރުކާރުން ފެށި ޕްރޮގްރާމްގައި މިހާތަނަށް ނުވަ މީހަކު ވަނީ ދޫކޮށްލައިފަ އެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އުފުލާފައިވާ ދައުވާތަކުގެ ތަފުސީލެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކުން އަދި ނުދެ އެވެ. ދޭނެ ކަމަކަށް ވެސް، އަޅުގަނޑާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން، އުއްމީދެއް ނުކުރައްވަ އެވެ. ސަބަބަކީ މި ޕްރޮގްރާމްގެ ތެރެއިން ދޫކުރާނެ މީހުންގެ ކުށުގެ ސީރިއަސްކަން ބޮޑުކަމެވެ.
"މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ކުޑައެއް ބޮޑެއް އެހެން ބެލޭނެ ކަމެއް ނޫން. ގާނޫނުގައި އެ އޮންނަ ޓްރެފިކްކުރުން، އެގޮތަށް ބަލަން ޖެހޭނީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކައިގެ މާނައަކީ މިސާލަކަށް ދެ ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ހުރި މީހާ ދޫކޮށްލަން ދައްކާނެ ނުރަސްމީ އުޒުރަކީ އެއީ 10 ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތު އޮތް މީހަކަށް ނުވުމެވެ. ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ސީރިއަސްކޮށް މަސައްކަތްކުރާ ނަމަ އެއް ކިލޯ އެތެރެކުރުމުގެ ތުހުމަތު އޮތް މީހާއާ މެދު ވެސް ދެކެން ޖެހޭނީ 10 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ނުވަތަ ގެންގުޅުނު މީހާއާ އެެއްގޮތަކަށެވެ.
އަޅުގަނޑާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ މިހާރު މި ގެންދާ ޕްރޮގްރާމުން މަސްތުވާތަކެއްޗާ ދެކޮޅަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދެއްކެވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހެެއްގެ ފައިގައި ޓެގް އަޅުވާފައި ދޫކޮށްލުމެކޭ، ޓެގް ނާޅުވާ ދޫކޮށްލުމޭ އެއް ގޮތް ވުމެވެ.
"ޓެގް އަޅުވާފައި ދޫކޮށްލީމާ ފުލުހުންނަށް އެނގޭނީ އޭނާ އުޅޭ ހިސާބެއްތާ. އޭނާ ކުރާ ކަމެއް ނޭނގޭނެ. އަނެއްކާ ފުލުހުންގެ ތެރޭގައި އެކަން ބެލުމުގެ އެހާ ބޮޑު ގާބިލްކަމެއް ވެސް ނެތް،" މައުލޫމާތު އެނގިވަޑައިގެން ހުންނެވި އެ ބޭފުޅާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން ފައިގެ ޓެޑާ އެކު ވެސް އެކުރާ ކަމެއް ކުރާނެ އެވެ. އެހެންކަމުން އެ މީހުންގެ ފަރާތުން މުޖުތަމައު ސަލާމަތްކުރެވެން އޮތީ، އަޅުގަނޑާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި، ޝަރީއަތްތައް އަވަސްކޮށް، އެ މައްސަލަތައް ނިންމައިގެންނެވެ. އޭރުން ގިނަ ބަޔަކު 'ވާނުވާގައި' ވެސް ތިބޭކަށް ނުޖެހޭނެ އެވެ.
މަސްތުވާތަކެއްޗާ ގުޅޭ ޝަރީއަތްތަކަކީ ވެސް ބޮޑު އަރަތެކެވެ. އެއް މައްސަލައެއްގައި ޝަރީއަތް ހިންގާ ދެ މީހުންގެ ތެރެއިން އެކަކަށް ހުކުމް އިއްވާފައި އަނެކެއްގެ ޝަރީއަތް ދިގުދަންމާލަ އެވެ. އޭނާ މިނިވަންކަމާ އެކު އުޅެ އެވެ. އަނެއްކާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް ބަންދުކުރެ އެވެ.
އެއް މައްސަލައެއްގައި ހައްޔަރުކުރާ ދެ މީހުންގެ ތެރެއިން އެކަކަށް ހުކުމް އިއްވާފައި އޮއްވާ އޭގެ ތެރޭގައި ހިމެނޭ އެ މައްސަލައިގެ އެންމެ ބޮޑު މީހާގެ ދައުވާ އަނބުރާ ގެންދަން ވެސް ނިންމަފާނެ އެވެ. އެހެންކަމުން މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ދައުލަތުން ގެންގުޅޭ ސިޔާސަތުގައި އޮތީ އަޖައިބެއް ކަހަލަ އޮޅުންބޮޅުންގަނޑެކެވެ.
މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މިހުންގެ ގާތްގަނޑކަށް 300 މީހުން ޓެގް އަޅުވާފައި ދޫކޮށްލާނެ އެވެ. އެވަރަށް އެކަން ބެލެހެއްޓޭނެ ގާބިލްކަން ފުލުހުންގެ ތެރޭގައި ނެތް ކަމަށް ވެސް، ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ ކުޑަ މައްސަލައެއްގެ ގޮތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ނަގާ ނަމަ ރާއްޖޭގައި އިޖުތިމާއީ ބޮޑު ވޭނަކަށް ވެފައި މި އޮތް ވަބާގެ އަސްލު ހާލަތު ގަބޫލުނުކުރަނީ އެވެ. ނުވަތަ އެކަމާ އަޅާނުލައި، ކޮންމެވެސް ބައެއްގެ ރުހުން ހޯދުން (ބަންދުގައި ތިބި މީހުންގެ އާއިލާތަކާއި އެ މީހުންނާ ގުޅިފައިވާ ނުފޫޒު ގަދަ ފަރާތްތަކެވެ.) މުހިންމުވަނީ އެވެ.
އަޅުގަނޑު ދެރަވެ އެވެ. ޒުވާން ދަރިން މަސްތުވާތަކެއްޗަށް ގޮސް ހަލާކުވުމުގެ ފުން ހިތާމައިގައި ތިބި މައިންބަފައިން ދައްކާ ވާހަކަތައް އަޑުއަހަން ފަސޭހައެއް ނޫނެވެ. އެ އާދައިގެ ތެރެއަށް ވަންނަނީ ހަމައެކަނި ލޯބި ނުދީ، ރަނގަޅަށް ނުބަލަހައްޓާ ކުދިން ކަމަށް ހީކުރުން މުޅިން ގޯހެވެ. ރަނގަޅު ތައުލީމު ދީ، ވަޒީފާއަށް ނުކުންނަ ހިސާބުން ވެސް އެތައް ޒުވާނުންނެއްގެ ކުރިމަގު މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެ ދަނީ އެވެ. މައިންބަފައިން އުފުލަން ޖެހޭ ކެކުޅުމާއި ވޭން ހާދަ ބޮޑެވެ.
ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ގަބޫލުކުރަން އެބަ ޖެހެ އެވެ. މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހެނީ އެ މީހުންގެ ނުރައްކާ ބޮޑުކަމުންނެވެ. އާއެނކެވެ. އެއީ މުޅި މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން އެ މީހުން ފަސޭހައިން ދޫވެދާނެ ޕްރޮގްރާމްތައް ހިންގައިގެން ނުވާނެ އެވެ. އެފަދަ ދޫކުރުންތައް ކުރިއަށް ގެންދާ ނަމަ ބުނަން ޖެހޭނީ މަސްތުވާތަކެއްޗާ ދެކޮޅު ވާހަކަތަކަކީ ދަޅައެއް ކަމަށެވެ. މަސްތުވާތަކެތި ހޯދާފައި ސޯޝަލް މީޑިއާއަށް ދޫކޮށްލާ ކާމިޔާބީގެ މެސެޖްތަކުން ލިބޭ ނަތީޖާއެއް އަސްލު ނެތް ކަމެވެ. އެއްކޮޅުން މަސްތުވާތަކެތި ހޯދުމެވެ. އަނެއް ކޮޅުން މަސްތުވާތަކެތީގެ 'ވިޔަފާރިވެރިން' ކަމަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމެވެ.
އެއްކޮޅުން މަސްތުވާތަކެތި ހޯދަނީ އަނެއްކޮޅުން ޓްރެފިކްކުރާ މީހުން ދޫކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ