މީރާ މެދުވެރިކޮށް އެކަނިވެސް ދައުލަތަށް 16.8 ބިލިއަން ރުފިޔާ ލިބެންޖެހޭ!

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް އެކަނިވެސް 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް 16.8 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށް އެ އިދާރާގެ މާލީހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، އެ އިދާރާ މެދުވެރިކޮށް މިދިޔަ އަހަރު އެކަނިވެސް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ އެތައް ބިލިއަން ރުފިޔާއެއް އިތުރުވެފައެވެ. މީރާގެ މާލީބަޔާންތަކަށް ބަލާއިރު، 2023 ވަނަ އަހަރު އެ އިދާރާ މެދުވެރިކޮށް ދައުލަތުގެ ބައިތުލްމާލަށް ވަންނަންޖެހޭ ފައިސާގެ އަދަދަކީ 7.5 ބިލިއަން ރުފިޔާއެވެ.
މީރާއިން ހިސާބު ހެދިއިރު, މިދިޔަ އަހަރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 16.8 ބިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރޭގައި ލިބެންހުރި ފައިސާގެ އަދަދެއްކަމަށް ބުނެފައިވަނީ 12.7 ބިލިއަން ރުފިޔާއެވެ. އަދި ލިބޭނޭކަމަށް ޝައްކުވާ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 4.1 ބިލިއަން ރުފިޔާއެވެ.
- ރިސޯޓްތަކުގެ ކުލި: 4.2 ބިލިއަން ރުފިޔާ
- އެގްރީމެންޓާ ހިލާފްވެގެން: 3.4 ބިލިއަން ރުފިޔާ
- އާއްމު ޖީއެސްޓީ: 2.9 ބިލިއަން ރުފިޔާ
- ޤާނޫނާ ހިލާފްވެގެން ކުރެވުނު ޖޫރިމަނާ: 2.5 ބިލިއަން ރުފިޔާ
- ޓީޖީއެސްޓީ: 1.4 ބިލިއަން ރުފިޔާ
- ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: 1.07 ބިލިއަން ރުފިޔާ
- ވިތްހޯލްޑިން ޓެކްސް: 240 މިލިއަން ރުފިޔާ
- ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް: 36.6 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 194 މިލިއަން ރުފިޔާ
- އެއާޕޯޓް ސާވިސްޗާޖް: 274 މިލިއަން ރުފިޔާ
ޓެކްސްތަކާއި އެކިއެކި ފީތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދުތައް ބިލިއަނުން އިތުރުވަމުންދާ މައްސަލާގައި ކޮމިޝަނަރ ޖެނެރަލް އޮފްޓެކްސޭޝަން ޙަސަން ޒަރީރު އަހަރީ ރިޕޯޓްގައި ވިދާޅުވެފައިވަނީ، އެ އަދަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް ހާލަތުން އަރައިގަނެ އާއްމު ހާލަތަށް އައިނަމަވެސް ވިޔަފާރިތަކުގެ ޓެކްސް ދެއްކުމުގެ ވައްޓަފާޅި އެންމެ އެދެވޭ ގޮތެއްގައި އިއާދަވެފައި ވެފައި ނެތުމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޓެކުހުން ނުލިބިވާ ފައިސާގެ އަދަދުތައް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށްބޮޑުތަން އިތުރުވެގެންދިޔަކަން ޒަރީރު ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނަރ ޖެނެރަލްކަމާ ހަވާލުވުމަށްފަހު މިދިޔަ ދުވަސްތަކުގައި އެންމެ އިސްކަމެއްދިނީ ދައުލަތަށް ބޮޑެތި އަދަދުތަކުން ނުލިބިވާ ފައިސާ ހޯދުންކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ މިގޮތުން ކުރެވުނު މަސައްކަތްތަކުން ޓެކްސް ދައްކާ ފަރާތްތަކުން އެދެވޭ އިޖާބައެއް ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ނުލިބިހުރި ފައިސާ ލިބިގެންދިޔަކަން ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ.
މީރާއަށް ނުލިބިހުރި ފައިސާ ހޯދުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުން އެކަނިވެސް 3.7 ބިލިއަން ރުފިޔާ ހޯދިފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީރާއަށް މިދިޔަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 28 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ