ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީގެ މެންބަރުކަމުން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް ދެ ފަނޑިޔާރަކު ވަކިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން، ބިލެއް ހުށަހަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މި ބިލާ ގުޅޭ ގޮތުން ސަރުކާރުން އަދި ޕީއެންސީން ވެސް ބަހެއް ނުބެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށާއި ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެދިވަޑައިގެންނެވި އެވެ.
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލާފައިވެ އެވެ.
"މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް. ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" އެކްސްގައިވާ ޕޯސްޓުގައިވެ އެވެ.
ފަނޑިޔާރުން ވަކިކުރުން ކުރިއަށް ގެންދާން ޕީއެންސީގެ މެންބަރަކު ހުށަހެޅުއްވިއިރު، ސަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ޕީއެންސީގެ މެންބަރު ސައްތާރުގެ ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާން ހިމަނާފައި ވަނީ "ހުދުމުހުތާރު ގޮތެއް"ގަ އެވެ.
އެ ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން އިންތިގާލީ މަރުހަލާގައި އެކުލަވާލި ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެ ފަހުން، އާސަރުކާރަކާއި އާ ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރުމަށް ފަހު، 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލީ ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރި އެވެ.
އެފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދުރުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ.
ނަމަވެސް އެމްޑީޕީ ވެރިކަމަށް އަލުން އައުމަށް ފަހު، 2019 ގައި ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކޮށް މިހާރު އޮތް ސުޕްރީމް ކޯޓު އުކުލަވައިލި އެވެ.
ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަސައްކަތް ފެށުން ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަސައްކަތް ފެށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ