ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ދިވެހި އަސްކަރިއްޔާގެ ޤަބިލއްޔަތުކަން އިތުރުކޮށް، އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުވޭނެ ކަމުގެ ޔަޤީންކަން އެކުވެރި ޤައުމުތަކަށް ދިނުންކަމަށް ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ވިދާޅުވެއްޖެއެވެ.
އެއީރޯ ސްޕޭސް އިންޑިއާ އެގްޒިބިޝަންގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިފާޢީ ވުޒާރާ ސްޓޭޓް މިނިސްޓަރ މުޢާޒް ވަނީ ދިފާޢީ ދާއިރާގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަދުގެ ބަދަލުވަމުން އަންނަ ދުނިޔޭގައި ހަމައެކަނި ކުރިމަތިލަނީ އަސްކަރީ ނުރައްކެލެއް ނޫން ކަމަށާއި، ސައިބަރސެކިއުރިޓީއާއި އަވަސްއަވަހަށް ތަރައްޤީވަމުން އަންނަ ހަނގުރާމައިގެ ޓެކްނޮލޮޖީތަކަކީވެސް ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތަކެއްކަމަށް މުޢާޒް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މުޢާޒް ވަނީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތީ ބަދަހިގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިފާޢީ ދާއިރާޢިން އިންޑިއާއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ އިންޑިއާއަކީ އަސްކަރީ އުފެއްދުންތެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއްކަމަށެވެ.
މުޢާޒް ވަނީ، ދިވެހިރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަން ގުޅިފައިވަނީ ހަމައެކަނި އަސްކަރިއްޔާ އޮންނަ ތައްޔާރީ ހާލަތަށް ނޫންކަމަށެވެ. އަދި މެރިޓައިމް ސެކިއުރިޓީއަށާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަކީ ރާއްޖެއިން އިސްކަންދޭ މަސައްކަތްތަކެއްކަމަށް މުއާޒު ވިދާޅުވިއެވެ.
" ދިވެހިރާއްޖެއަށް ރައްކާތެރިކަމަކީ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮތުން އެކަންޏެއް ނޫން. އަޅުގަނޑުމެން މެރިޓައިމް ސެކިއުރިޓީއަށާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުން ހުއްޓުވުމަށް އިސްކަން ދެން. މިއީ ހުރިހާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސުލްޙަ ޤައިމްވެފައި އޮތުމަށް މަގުފަހިވާ ކަންކަން. އަޅުގަނޑުމެންނަށް އަބަދުވެސް ޤައުމީ އަދި ސަރަހައްދީ ސަލަމާތްތެރިކަން މުހިންމު" މުޢާޒް ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މި ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުންވެސް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖޭގެ އަސްކަރީ ޤާބިލްކަން އިތުރުކުރުންކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދިފާޢީ ދައިރާގެ ތަޞައްވުރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމިއްލަ ޤަބިލީއްޔަތުކަން އިތުރުކުކޮށް، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރިކުރުން ހިމެނޭ. މީގެ ސަބަބުން އަޅުގަނޑުމެންގެ އެކުވެރި ސަރަހައްދީ ޤައުމުތަކަށާއި، އަދި އެހެން ޤައުމުތަކަށްވެސް އިންޑީއާކަނޑުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލްކާމާއި މެދު ޔަޤީންކަން އޮންނާނެ. " މުޢާޒް ވިދާޅުވިއެވެ.
މުޢާޒް ވިދާޅުވީ ހުރިހާ ޤައުމަކުންވެސް ދޭދޭ ޤައުމުތަކާއި ގުޅުން ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި މިއީ ވިލުންތެރި، ސުލްޙަވެރި މުސްތަޤުބަލެއް ހޯދުމަށް އޮތް މަގެއްކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.
ރާއްޖޭގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަކީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ބާރެއް: މުއާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ