ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދީ؛ ނާޖާއިޒް ފައިދާއެއް ނުނެގޭނެ: އިބްރާހިމް ދީދީ

ގައުމު ހިންގަން ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުމަށް، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އިބްރާހީމް ދީދީ މި ގޮތަށް ވާހަކަ ދެއްކެވީ، ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - އިބްރާހީމް ދީދީ ވިދާޅުވީ މިފަދަ ގާނޫނުތަކުން ފުލުހުންނާއި ވަޒީރުންނަށް އަދި ރައީސަށް ވެސް ބާރުތައް ދޭންވީ ކަމަށެވެ. އެ ފަރާތްތަކުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ނަމަ މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"... އެ ގެންނަ އިސްލާހުތަކަކީ ބަޔަކަށް ބާރުތަކެއް ލިބިގެން ނާޖާއިޒު ފައިދާ ނަގަންޏާ އެކަން ހުއްޓުވަން އެ މައްސަލަ ބަލަން ވެސް ތިބީ މި މަޖިލީހުން. އަޅުގަނޑުމެން އެކަން ކުރީމަ ފުލުހުންނަށް ބާރު ދިނަސް، ލާހިކެއް ނޫން ފުލުހުންނަށް ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން. ގެންނަންވީ މަޖިލީހަށް. އެ ފުލުސް މީހާ ކަނޑާލެވޭނެ، ވަޒީރު ވެސް ކަނޑާލެވޭނެ މަޖިލީހުން، އެ ކަންކަން ނުބެލެންޏާ،" ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބައްޕަ އިބްރާހީމް ދީދީ ވިދާޅުވި އެވެ.
"ބާރުތަކެއް ދީގެން މައްސަލައެއް ނުޖެހޭނެ. ރައީސުލްޖުމްހޫރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅާ ވަރަށް ބާރު ގައުމު ހިންގަން."
މިސާލެއްގެ ގޮތުން ޗައިނާ ނަންގަވައި އިބްރާހީމް ދީދީ ވިދާޅުވީ އެންމެ އަމާން، ކުށް މަދު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފަދަ ބާރުތައް ރައީސަށް ލިބިފައިވާ ގައުމުތައް ކަމަށެވެ.
"ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމުތައް މިތިބީ ދުނިޔޭގެ އެހެން ގައުމުތަކަކީ ވެސް. އެހެންވީމަ ކޮންމެހެން އަޅުގަނޑުމެން ނުޖެހޭ ބަލާކަށެއް. ބައްލަވާ، ތަރައްގީ ރައްޔިތުން ބޭނުންވަނީ. ސުލްހަވެރިކަން ބޭނުންވަނީ. އަމާންކަން ބޭނުންވަނީ،" ޓޫރިޒަމުން އެތައް މިލިއަން ރުފިޔާއެއް ރާއްޖެ ވަންނައިރު ވެސް ރާއްޖެ ކުރިއަރަންޖެހޭ ވަރަށް ކުރިނާރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
"ހުދުމުހުތާރޭ ކިޔަނީ، އެކަމަކު އެ ގައުމުތައް މާ އާމަން، މާ ތަރައްގީ، މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީ ނުހިނގާ މަގުތައް ހެދިފައި އޮތީ. ގައިމު ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ