ހިތަދޫގައި މީހަކު ރަހީނުކުރުން: ކުޑަކުއްޖާ ދޫކޮށްލައި، ހަތަރު މީހަކަށް މުއްދަތު ޖަހައިފި

މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖާ ދޫކޮށްލައި، ހަތަރު މީހަކަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު 01:35ހާއިރު ސ. ހިތަދޫގައެވެ. އެގޮތުން ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި، އަނިޔާކުރި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައިގައި ކުށުގެ ވެށިން ހަތަރު މީހަކާއި 15 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އޭގެ ތެރެއިން 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ބާކީ ހަތަރު މީހުން ކޯޓަށް ހާޒިރުކުރިއިރު، އޭގެ ތެރެއިން، ސ. ހިތަދޫ، ވިޝަން ޑްރީމް ސަމާހް ތައުފީގް (20އ) އާއި ސ. ހިތަދޫ، ނޫރަތި، އަޝްރަފް މުޙައްމަދު (22އ)ގެ ބަންދަށް 15 ދުވަސް ކޯޓުން ޖެހި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ސ. ހިތަދޫ، ގްރޭސް، މުޙައްމަދު ޔައީޝް އަޒާދް (19އ) އާއި ސ. ހިތަދޫ، މެރީ ގާޑެން އަލީ މާޒިން ހަސަން (20އ) ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރުކުރީ، މައިލޯ ދަނޑު ސަރަހައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ބަޔަކަށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން އުޅުނުތަން ފެނުމުންނެވެ. އެގޮތުން ފުލުހުން ބެލި ބެލުމުން ރަހީނުކޮށްފައި ހުރި މީހަކު ފެނުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ މީހާގެ ބޮލުން ބައެއް ބާލާފައި ހުރިއިރު އެ މީހާއަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާކޮށްފައި ހުއްޓައި ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ