ބޭސް ލިބުން ދަތިވި ސަބަބު ރައީސް ސާފުކޮށްދެއްވައިފި

ބޭސް ލިބުން ދަތިވީ، އާސަންދައިން ނާޖާއިޒު ފައިދާ ނަގައި ބޭސް ވިއްކަމުން ދިޔަ ވިޔަފާރިތަކަށް، އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުވުމުން ބޭސް ތާށިކުރުމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑޮކްޓަރީ ބޭސް ލިބުން ދަތިވެ އާއްމުކޮށް ބޭނުންކުރާ ގިނަ ބޭސްތައް ނުލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެގޮތުން ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައިންވެސް ޒަރޫރީ ބޭސް ލިބެން ނެތުމުން އެކަމުގެ ޝަކުވާ ބޮޑުވެ އެވެ.
ދ މީދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި، އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން ބޭސް ވިއްކާ ފަރާތްތަކުން ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާ ލައިފަ އެވެ.
ނަމަވެސް އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، އެ ފަރާތްތަކުން މިހާރު ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކާ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކު އެސްޓީއޯ އިން މިހާރު އަންނަނީ ރާއްޖެ އަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"އެހެންވީމާ، މި މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.
އޭގެ އެއް މަސް ދުވަސް ފަހުން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހުރިހާ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ ކަމަށް ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭހާ ގުޅޭގޮތުން މި އެޅި ފިޔަވަޅުތަކުން ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ