ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާ: ފައިނަލަށް ޓީމް މަލާ އާއި ޓްރީޑީ ސްޕޯޓްސް ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާގެ ސެމީ ފައިނަލް މެޗްތައް މިރޭ އައްޑޫސިޓީ ޑަބްލިއުޑީސީ ބެޑްމިންޓަން ފިއެސްޓާ ފަށައިފި އައްޑޫ ބެޑްމިންޓަން ފިއެސްޓާ މާދަމާ ފަށާނެ މަގުބޫލު ލިޔުނ

އައްޑޫސިޓީ ހިތަދޫގެ އަންހެނުންނަށް އަމާޒުކޮށްގެން އެސިޓީގެ ޑަބްލިއުޑީސީން ހިންގި ފަހެލި ބޫޓް ކޭމްޕް ނިންމާލައިފިއެވެ. އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ހިތަދޫގައި ހުންނަ ވިލާކޮލެޖްގެ ޖަލްސާކުރާ މާލަމްގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ. ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވަމުން ޢަލީ ނިޒާރު ވިދާޅުވީ އައްޑޫ ޑަބްލިއުޑީސީއަކީ މިރާއްޖޭގައި އެންމެ ހީވާގިކޮށް، އެންމެ ހިންގުންތެރިކަމާއެކު، އަދި އެންމެ ގިނަ ޙަރަކާތްތަކާއެކު މަސައްކަތްކުރަމުން އަންނަ ކޮމިޓީކަމަށެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީގެ އަންހެނުން ބާރުވެރިކުރުވުމަށް ޑަބްލިއުޑީސީން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ކޮމިޓީގެ ރައީސާއަށާއި ހިންގުންތެރި މެންބަރުންނަށް މޭޔަރ ޝުކުރު އަދާކުރެއްވިއެވެ.
100 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށި މިބޫޓް ކޭމްޕު ކާމިޔާބު ކަމާއެކު ނިންމާލެވުނީ އޭގެތެރެއިން 53 ބައިވެރިންނަށެވެ. މިރަސްމިއްޔާތުގައި ބޫޓްކޭމްޕުން އެކިއެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމް ދިނުން ވެސް އޮތެވެ.
އެގޮތުން 3.85 ކިލޯ ގެ ބަރުދަން ލުއިކޮށްގެން 3 ވަނަ ޙާސިލްކުރީ ޙައްވާ ރަޒްނާ އެވެ. 2 ވަނަ ޙާސިލްކުރި ބައިވެރިއަކީ ޙައްވާ މުޙައްމަދެވެ. އޭނާވަނީ ބަރުދަނުން 4 ކިލޯ 55 ގްރާމް ލުއިކޮށްފައެވެ. 5 ކިލޯ 45 ގްރާމް ލުއިކޮށްގެން މުޅި ކޭންޕުން ފަޚުރުވެރި 1 ވަނަ ޙާސިލްކުރި ބައިވެރިއަކީ އާސިޔަތު ސަދާ ޢަލީއެވެ. މިކޭމްޕްގެ ބެސްޓް މޯޓިވޭޓަރ އަކަށް ހޮވިފައިވަނީ ޙައްވާ ރަޒިއްޔާއެވެ.
1 މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޭންޕްގެ އިންސްޓްރަކްޓަރަކީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ސީނިއަރ ޕޮލިޓިކަން ޑިރެކްޓަރ ޔާސްމީން އުސްމެނެޖިކްއެވެ. ކޭންޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވަމުން ޔާސްމީން ވިދާޅުވީ ނިމިގެންދިޔަ ބޫޓް ކޭމްޕަކީ ކަސްރަތަށް އެކަނި ޚާއްސަ ކޭންޕެއް ނޫންކަމަށާއި ބައިވެރިންނަށް ވަނީ އޭގެ އިތުރުން މެރިޓައިމް ސޭފްޓީ އާއި މެންޓަލް ހެލްތާއި އެކުއަރ އެރޮބިކްސްފަދަ މުހިންމު އެތައް މަޢުލޫމާތުތަކެއް ފޯރުކޮށްދީފައި ކަމަށެވެ. ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް ހިމަނަން މުހިންމު އެތައްކަމެއް މިކޭންޕްގެ ބައިވެރިން ދަސްކުރިއިރު ޔާސްމީން ވަނީ ޖުލައިމަހުންފެށިގެން އެބޭފުޅާގެ ޕަވަރ އަވަރ ސްޓޫޑިއޯ ގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ކޭންޕްގެ ބައިވެރިންނަށް ފަހިކޮށްދީފައެވެ.
ފަހެލި ކަސްރަތު ޕްރޮގްރާމްގެ ނަމުގައި އައްޑޫސިޓީ ޑަބްލިއުޑީސީން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމް ގެ އެއް ބެޗް މީގެ ކުރިންވެސް ހިންގާފައިވެއެވެ. ޑަބްލިއުޑީސީގެ ރައީސާ ނުސްރަތު ރަޝީދު ވިދާޅުވީ މި ކޭންޕަށް ލިބުނު ބޮޑު ތަރުޙީބަށް ބަލައި މި ސިލްސިލާގެ އިތުރު ކޭންޕެއް ވަރަށް އަވަހަށް ފަށަން ނިންމަވާފައިވާ ކަމަށެވެ.
އައްޑޫސިޓީ ހިތަދޫގެ އަންހެނުންނަށް އެއް މަސްދުވަހަށް ހިންގި މި ކޭންޕު ނިމުނުއިރު ހުރިހާ ބައިވެރިންވެސް ވަނީ ބަރުދަނުން އެވްރެޖްކޮށް ދެތިން ކިލޯ ލުއިކޮށްފައެވެ. އޭގެ އިތުރުން ސިއްޙީ މައްސަލަތަކާއި އަމިއްލަ ދުޅަހެޔޮ ކަމަށްވެސް ބޮޑު ބަދަލެއް އައިކަން ބައިވެރިން ވަނީ ފާހަގަ ކޮށްފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ