އަނަސްގެ މަރުގެ ދައުވާލިބޭ އެންމެން އެންމެފަހުން ސުޕްރީމް ކޯޓުން ބަންދަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން އެންމެފަހުން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށްފަހު އެ މީހުން ބަންދުކުރަން އެދުމުން ހައި ކޯޓުން ކުރިން ނިންމީ އެ މީހުން ބަންދު ނުކުރުމަށެވެ.
އެ މައްސަލަ އޭރު ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ފުރަތަމަ އެންގީ އެ މައްސަލަ އަލުން ހައި ކޯޓުން ބެލުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. އަދި އެ މީހުންނަށް ތުހުމަތު ކުރެވެނީ މީހަކު މަރާލިކަމުގެ ތުހުމަތު ކަމަށްވާތީ އެ މީހުންގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެހެންވެ, ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މީހުން ބަންދު ކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.
އެހެން ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ނިންމެވީ އެ މީހުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ