ބްލެކްޕިންކް ބްރޭކަށް ފަހު އާ މިއުޒިކް އަންނަ މަހު
ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް އަދި މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގްރޫޕު، "ބެލްކްޕިންކް" ބްރޭކަށް ފަހު އެނބުރި އަންނަން ތައްޔާރުވެ، އަންނަ މަހުގެ ތެރޭގައި އާ މިއުޒިކް ރިލީޒްކުރުމަށް ނިންމައިފިއެވެ. ކޮރިއާގެ މިއުޒިކް ލޭބަލް ވައިޖީގެ އެންމެ ބޮޑު ގްރޫޕު ބްލެކްޕިންކް ބްރޭކަކަށް ދާން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2022 ވަނަ އަހަރެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ގްރޫޕު އެއްކޮށް މަސައްކަތް ކުރުން ހުއްޓާލަން ތައްޔާރުވަނީ ކަމަށެވެ. އަދި ގުރޫޕުގެ ހުރިހާ މެމްބަރުން ސޯލޯ ކެރިއަރާއެކު ކުރިއަށް ދާން ފެށުމުން ފޭނުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވިއެވެ. އެހާ ހިސާބުން ވައިޖީ ބުނަމުން އަންނަނީ ވަރަށް އަވަހަށް ގްރޫޕު އެނބުރި އަންނާނެ ކަމަށެވެ. އަދި ގްރޫޕު އެނބުރި އަންނާނީ ވޯލްޑް ޓުއާ އަކާއެކުގައި ކަމަށްވެސް ކުންފުނިން ބުނެއެވެ. ނަމަވެސް، ޓުއާ ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ. ވައިޖީން ގްރޫޕް އެނބުރި އަންނަކަން ކަށަވަރުކޮށްދީފައިވަނީ މި އަހަރުގެ ފެބްރުއަރީގައެވެ. އެއަށް ފަހު އާންމުކޮށްފައިވަނީ އާ މިއުޒިކާ އެކު ގްރޫޕު ޓުއާވެސް ފަށާނެ ކަމެވެ. އަންނަ މަހުގެ ފަހުކޮޅުގައި ޓުއާ ފަށާނެކަން އިއުލާނުކުރިއިރު ވެސް އާ މިއުޒިކާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުުވެއެވެ. ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ކުރީކޮޅުގައި ގްރޫޕުން އާ މިއުޒިކް ނެރޭނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންނަ މަހުގެ ކުރީކޮޅުގައި ގްރޫޕުން އަލްބަމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުރު އަލްބަމެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ގްރޫޕުން އަންނަ މަހު ޓުއާ ފަށާއިރު އާ މިއުޒިކްތައް ވެސް ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއާ ދޭއިރު އެންމެ ގިނަ ޝޯތަކެއް ދެނީ އޭޝިއާއާއި އެމެރިކާގައެވެ. ޔޫރަޕުގެ ތިން ސަރަހައްދެއްގައި ވެސް ޝޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ