އަސެންސިއޯ އާއި ޑިސާސީ އެސްޓަން ވިލާއަށް

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދިޔަ މާކޯ އަސެންސިއޯ އާއި ޗެލްސީގެ ޑިފެންޑަރ އެކްސެލް ޑިސާސީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ބަދަލުވެއްޖެ އެވެ.
ތިން ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަސެންސިއޯގެ ހުރިހާ ހަރަދަކާއި އެސްޓަން ވިލާއިން ހަވާލުވެފައިވާއިރު ޑިސާސީ ހޯދުމަށް އެ ކްލަބުން ވަނީ ޗެލްސީއަށް 5 މިލިއަން ޕައުންޑުގެ ފީއެއް ދީފަ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާ އެސްޓަން ވިލާ އިން ޖެނުއަރީ ޓްރާންސްފާ ގައި ގިނަ ކުޅުންތެރިންތަކެއް ހޯދާފައިވަނީ އެ ކްލަބަށް މި ސީޒަނުގައި މުހިންމު ލަނޑުތަކެއް ޖަހައިދިން ކޮލަމްބިއާގެ ޖޯން ދުރާން އާއި ޑިފެންޑަރ ޑިއެގޯ ކާލޯސް ވިއްކާލާފަ އެވެ.
ސައުދި އަރަބިއްޔާގެ އަލް ނަސްރަށް 71 މިލިއަން ޕައުންޑަށް ދުރާން ވިއްކާލާފައިވާއިރު, ޑިފެންޑަރ ޑިއެގޯ ކާލޯސް ތުރުކިޔޭގެ ފެނަބާޗޭ އަށް ވިއްކާލާފައިވަނީ 8.45 މިލިއަން ޕައުންޑަށެވެ.
2023 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑް އިން ޕީއެސްޖީ އާއި ގުޅުނު އަސެންސިއޯ ވަނީ އެ ކްލަބަށް ކުޅުނު 47 މެޗުގައި ހަތް ގޯލު ޖަހާފަ އެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ޕީއެސްޖީ އިން ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް މި ސީޒަނުގައި އޭނާއަށް ވަނީ އެންމެ އެދެވޭ ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ.
އަސެންސިއޯ ބުނެފައިވަނީ އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ އަށް އަކީ އޭނާ ދަންނަ ކޯޗަކަށް ވާތީ އެ ކްލަބުގެ ހުށައެޅުން ގަބޫލުކުރަން ފަސޭހަވި ކަމަށެވެ. އަދި އެސްޓަން ވިލާއަށް އޭނާ އައުމުގައި އެމެރިކާގެ ދައުރު ބޮޑު ކަމަށްވެސް އަސެންސިއޯ ވަނީ ބުނެފަ އެވެ.
ޑިސާސީ ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން ވެސް މަސައްކަތް ކުރަމުންދަނިކޮށް ޓްރާންސްފާގެ ފަހު ދުވަހު އެސްޓަން ވިލާއަށް ޑިސާސީ ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ކްލަބަށް ފުރުސަތު ލިބިފައިވުމެވެ.
އަސެންސިއޯ އާއި ޑިސާސީ އެސްޓަން ވިލާއަށް ބަދަލުވެފައިވާއިރު މި ހަފްތާގައި އެ ކްލަބުން ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދިޔަ ފޯވަޑް މާކަސް ރަޝްފޯޑް ގެ ސޮއި ހޯދާފަ އެވެ. އަދި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އިން ނެދަލޭންޑްސްގެ ފޯވަޑް މަލެން އާއި ސްޕެއިންގެ ލެވަންޓޭ އަށް ކުޅެމުންދިޔަ ޑިފެންޑަރ ގާސިއާ ވެސް ވަނީ އެސްޓަން ވިލާ އާއި ގުޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ