އެމްޓީސީސީއަށް ޑީއާރުޕީން ދައްކަން ޖެހޭ ދަރަންޏަކަށް އެ ޕާޓީގެ ކުރީގެ ޒައީމް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާކުރުވަން އެމްޓީީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.
މައްސަލައިގެ ފެށުން - ސިވިލް ކޯޓުން 2010 ވަނަ އަހަރު، ޑީއާރުޕީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރުޕީގެ ބޭންކް އެކައުންޓްތަކުން ހޯދުނީ އެންމެ 2،609.33ރ. އެވެ.
ތަފްސީލް - ދެން މައްސަލާގައި ކަން ހިނގި ގޮތަކީ:
ބާކީ ފައިސާ ހޯދަން އެމްޓީސީސީން ސިވިލް ކޯޓަށް ދިޔައީ އެ ދަރަންޏަށް މައުމޫން ޒިންމާ ވާން ޖެހޭނެ ކަމަށް ބުނެ
އެމްޓީސީސީން ހަވާލާދެނީ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ މާއްދާއާ
ސިވިލް ކޯޓުން މައްސަލަ ނިންމީ އެ މަނިކުފާނު އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް
އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލަ ބޭރުކޮށްލުމަށް މައުމޫން އެދިވަޑައިގެންނެވި، ނަމަވެސް ހައި ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށް
ހައި ކޯޓުގެ މި ނިންމުން މައުމޫން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ސުޕްރީމް ކޯޓުން މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައި ވެސް ގަތް
ނަމަވެސް އެމްޓީސީސީން މައުމޫނަށް ކުރާ ދައުވާ އަނބުރާ ނެގިކަން އެނގުނީ، ހައި ކޯޓުން އިއްޔެ ނެރުނު އެ މައްސަލައިގެ ހުކުމުންނެވެ. ހުކުމުގައި ބުނެފައިވާ ގޮތުން:
އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ އެމްޓީީސީސީން ކޯޓަށް ހުށަހެޅި
އެމްޓީސީސީގެ ހުށަހެޅުން ބެލުމަށް ފަހު ދައުވާ ފޯމު ބާތިލްކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި
އެމްޓީސީސީން މައްސަލަ އަނބުރާ ނެގީ ކީއްވެގެން ކަމެއް، ހުކުމަކުން ނޭނގެ އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ:
ހުސައިން މަޒީދު
ފާތިމަތު ފަރުހީޒާ (ރިޔާސަތު)
ދީބަނާޒް ފަހުމީ
އެނގުން މުހިންމު - މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޑީއާރުޕީގައި ގާނޫނުގައި ލާޒިމުކޮށްފައިވާ އަދަދަށް މެންބަރުން ހަމަނުވެގެން އެ ޕާޓީ މިހާރު ވަނީ އުވާލައިފަ އެވެ.
ޑީއާރުޕީ އުވާލި ފަހުން އެ ޕާޓީގެ ދަރަނީގެ މައްސަލަތަކުގެ ތެރެއިން، ހުކުމެއް އޮތް ނަމަވެސް ނުދައްކާ ދަރަނީގެ ހުކުމް ތަންފީޒުކުރަން ހުށަހެޅި ގިނަ މައްސަލަތަކެއް މި ފަހުން ސިިވިލް ކޯޓުން ނިންމީ، ކުރިއަށް ގެންދެވެން ނެތް މައްސަލަތަކެއް ގޮތަށެވެ.
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ މަގުބޫލުކަން ވެއްޓެން ފެށީ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި ހިސާބުންނެވެ.
މައޫމޫން އިސްވެ ތިން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން އެ މަނިކުފާނު ވަކިކުރި ފަހުން އެމްއާރުއެމް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ.
ޕީޕީއެމް އުވާލަން އެ ޕާޓީން ނިންމި އިރު، ޑީއާރުޕީއެކޭ އެއްގޮތަށް އެމްއާރުއެމް ވެސް ގާނޫނުގައި ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވާތީ ޕާޓީ ވަނީ އުވާލައިފަ އެވެ.
ޑީއާރުޕީގެ ދަރަންޏަކަށް މައުމޫން ޒިންމާކުރުވަން ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ