ރެއާލަށް ޖާދުލެއް ނުހެދުނު، 16 އަހަރަށް ފަހު އާސެނަލް ސެމީއަށް
ޔުއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް, އާސެނަލުން 16 އަހަރަށް ފަހު އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލްގެ މައްޗަށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު އާސެނަލްގެ ދަނޑުގައި މިދިޔަ ހަފުތާގައި 3-0 އިން އާސެނަލް ކާމިޔާބުކޮށްފައިވާއިރު ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު 2-1 އިން ކާމިޔާބުކޮށްފައިވަނީ އާސެނަލުންނެވެ. މެޗަށް ނުކުތްއިރު ރެއާލުން ގެންދިޔައީ އެނބުރި އައުމަކަށް ތައްޔާރުވަމުންނެވެ. އެ ޓީމަށް އޮތީ ތިން ލަނޑުގެ ތަފާތު ނައްތާލުމެވެ. އެ އުންމީދުގައި ރެއާލުން މެޗު ފެށީ ވެސް ވަރަށް ފޯރިއާ އެކެވެ. އެކަމަކު، 13 ވަނަ މިނެޓުގައި އާސެނަލަށް ލިބުނު ޕެނަލްޓީއަކާ އެކު ރެއާލަށް ކަންބޮޑުވުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް، ބުކާޔޯ ސާކާ ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ އެ ޕެނަލްޓީ ހިފަހައްޓާފައެވެ. އެ ޕެނަލްޓީ ހިފަހައްޓައި ރެއާލުން އިތުރަށް ހިތްވަރުދެއްކި ނަމަވެސް އާސެނަލްގެ ޑިފެންސް ފޫއަޅުވައިލަން ރެއާލުން ކުރި މަސައްކަތް މާ ކާމިޔާބެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ އެ ޓީމަށް އާސެނަލްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައިނުލެވިއެވެ. އެ ޓީމުގެ ގޯލަށް ހަމަލާއެއް އުފެއްދުނީ 55 ވަނަ މިނެޓުގައެވެ. ނަތީޖާ އަނބުރާލައި، އެނބުރި އަންނަން ރެއާލުން މަސައްކަތްކުރި ނަމަވެސް މެޗުގެ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ ބޭކާރުކޮށްލި ސާކާއެވެ. އެ ލަނޑާ އެކު އާސެނަލުން ސެމީ ފައިނަލާ ގާތަށް ޖެހިލި ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅަ ޖަހައިގަނެ، ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި، އުންމީދު އާކޮށްދީފައެވެ. ލަނޑެއް ޖަހަން ރެއާލުން މަސައްކަތްކުރަނިކޮށް އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އާސެނަލް މޮޅުވި ލަނޑު ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީއެވެ. މިއީ އާސެނަލްގެ ތާރީޚުގައި މި މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ޖާގަ ހޯދުނު ތިންވަނަ ފަހަރެވެ. މިއީ 2009 ވަނަ އަހަރުގެ ސީޒަނަށް ފަހު ސެމީ ފައިނަލްގެ ޖާގައެއް ހޯދުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ސެމީ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާއެވެ. ދެ ޓީމު ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް މަރުހަލާގައި ބައްދަލުކޮށްފައެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު އެ މެޗު 2-0 އިން ކާމިޔާބުކުރީ އާސެނަލުންނެވެ. ނަމަވެސް، އެ ކުރިމަތިލުމަށް ފަހު ޕީއެސްޖީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު މި މަހުގެ 30 ވަނަ ދުވަހު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގު ކުޅޭނީ މެއި މަހުގެ އަށްވަނަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ