ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ ވާހަކަތަކެއް އާއްމުވުމާއެކު، އެ މައްސަލާގައި އެންމެފަހުން އެކުންފުނިން މިވަނީ ވާހަކަދައްކާފައެވެ. މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވެމްކޯއިން ނެރެފައިވާ ބަޔާނަށް ބަލާއިރު، މައިގަނޑު ދެކަމެއް ފާހަގަކުރެވެއެވެ.
އެއީ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން ނުދާ މައްސަލައަށް އެކުންފުނިން އެއްބަސްވުވުމާއި، ޕެންޝަން ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް އުޅޭކަމަށް އެއްބަސްވުމެވެ.
ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ މައްސަލައާ ގުޅޭގޮތުން ވެމްކޯއިން އެންމެ ފުރަތަމަ ބުނެފައިވަނީ، ފައިސާ ޖަމާނުކޮށް 8 މަސްދުވަސް ވެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މިއަދާ ހަމަޔަށްވެސް ފައިސާ ދައްކަމުން އަންނަކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯގެ ބަޔާނަށް ބަލާލުމުން އިތުރުކަމެއް ފާހަގަކުރެވުނެވެ. އެއީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ފައިސާ ނުދެއްކިގެން އެކަމުގައި ޕެންޝަން އޮފީހާ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ބަޔާންކޮށްފައި އޮތުމެވެ.
މި ބަޔާނުގައި ވެމްކޯގެ މާލީ ހާލަތާ ގުޅޭގޮތުން އެކުންފުނިން ދައްކާފައިވާ ވާހަކަ ވަރަށް ސާފެވެ. ވެމްކޯގެ މުއައްޒަފުންނަށް މުސާރަ ހަމަޖައްސަމުންދަނީ ލިބޭ އާމްދަނީގެ ތެރެއިންނެވެ. ވެމްކޯގެ ބަޔާނުގައި ވަނީ އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ދައްކަމުން ނުދާކަން ފާހަގަކޮށްފައެވެ. އެގޮތުން މާލެސިޓީ ކައުންސިލުން އެކަނިވެސް 66 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
މި ބަޔާނުގައި ވެމްކޯއިން ވަނީ އެކުންފުނީގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ދައްކައި ހަލާސްކުރުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ބުނެފައެވެ. އެގޮތުން އެއްވެސް މުއައްޒަފެއްގެ ޕެންޝަން ފައިސާގެ ހައްޤަށް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ.
ވެމްކޯ މުއައްޒަފުންގެ ޕެންޝަން މައްސަލާގައި ޕެންޝަން އޮފީހުން ވަނީ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށްގެން އެކުންފުނީގެ ނަން "ޕެންޝަނަށް ފައިސާ ޖަމާކުރަމުން ނުދާ" ފަރާތްތަކުގެ ލިސްޓަށް އަރުވާފައެވެ. ޕެންޝަން ފައިސާ ނުދައްކައިގެން އެ ލިސްޓަށް ވެމްކޯގެ ނަން އަރުވާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. މިއަދާހަމަޔަށް އާއިރުވެސް މި ލިސްޓްގައި ވެމްކޯގެ ނަން އެބައޮތެވެ.
އާއްމުގޮތެއްގައި ޕެންޝަން ނުދައްކާ ފަރާތްތަކުގެ ލިސްޓަށް ނަން އެރުވުމުގައި ޕެންޝަން އޮފީހުން އުސޫލްތަކެއް ގެންގުލެއެވެ. މި އުސޫލްތަކުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން ނުދާ ފަރާތްތަކަށް ވަރަށްގިނަ މުހުލަތުތަކެއް ދޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕެންޝަނަށް ފައިސާ ނުދައްކައިގެން ނަން އާއްމުކުރަނީ، އެކަން ރަނގަޅުކުރަން ނޯޓިސް ދޭތާ 110 ދުވަހަށް ފަހުކަން ފާހަގަކޮށްލެވެއެވެ.
ޕެންޝަނަށް ފައިސާ ނުދައްކައިގެން މުހުލަތުދޭ ގޮތުގެ ތާވަލް
ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަނީ ވަޒީފާ ދޭފަރާތުން ނަގާ 7 އިންސައްތަ އާއި މުއައްޒަފުގެ އަސާސީ މުސާރައިގެ 7 އިންސައްތައެވެ. ޤާނޫނު މިހާރު އޮންނަގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ލިބެނީ އުމުރުން 65 އަހަރުވުމުންނެވެ.
ވެމްކޯގެ މުއައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލައިގެ ހަގީގަތަކީ ކޮބައި؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ