ކުރިން އަންދާޒާކުރެވުނު ގޮތުގައި އެސްޓްރޮއިޑު ދުނިޔޭގައި ޖެހުމުގެ ފުރުސަތު އޮތީ %1.2 ގައި؛ ނަމަވެސް މިހާރު އެ އަންދާޒާ ވަނީ %2.4 އަށް އިތުރުވެފަ

ފުޓްބޯޅަ ދަނޑެއްގެ ސައިޒުގެ އެސްޓްރޮއިޑެއް ދުނިޔެއާ ދިމާއަށް އަންނަކަމުގެ ޚަބަރު ފެތުރުމާއެކު، އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ޕޯސްޓްތައް ގިނަވެ، އެސްޓްރޮއިޑުން ސަލާމަތްވާނެ ގޮތްތަކާމެދު ސުވާލުތައް އުފެދެމުންދާއިރު، ނާސާގެ އެސްޓްރޮއިޑް ހަންޓާ ޑޭވިޑް ރޭންކިން ބުނަނީ "މިކަމާ ކަންބޮޑުވާން ނުޖެހޭ" ކަމަށެވެ.
އެސްޓްރޮއިޑްގެ ނުރައްކާ: ސައިންޓިސްޓުން ކަންބޮޑުވޭ
ތަރިތަކުގެ ދިރާސާކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި އާ ހޯދުމެއްގެ ގޮތުގައި ފެނުނު 130 ފޫޓުގެ ފުޅާ އެސްޓްރޮއިޑް އެއް 2032 ވަނަ އަހަރު ދުނިޔޭގެ ބިމުގައި ޖެހުމުގެ ފުރުސަތު 43 އިން 1 އަށް އެބައޮތެވެ.
ދުނިޔެއާ ކައިރިވާ މި އެސްޓްރޮއިޑް ފެނިފައިވަނީ މިދިޔަ އަހަރު އެވެ. އަދި މިއީ ދުނިޔެއާ 60،000 މޭލު ދުރުން ދަތުރުކުރާނެ އެއްޗެއް ކަމަށްވާތީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ވާހަކަތައް ދެކެވެމުންދެ އެވެ. ތަރިތަކުގެ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އެސްޓްރޮއިޑް ބިމުގައި ޖެހިއްޖެނަމަ ވަރަށް ބޮޑު ގޮވުމަކާއި އެކު ބޮޑު ވަޅުގަނޑެއް އުފެދިގެންދާނެ އެވެ.
އެސްޓްރޮއިޑްގެ ހޯދުން އަދި ސައިޒު
'އެސްޓްރޮއިޑް 2024 ވައިއާރު4' ގެ ނަމުން ނަންދީފައިވާ މި އެސްޓްރޮއިޑްގެ ވާހަކަ ފުރަތަމަ ރިޕޯޓުކުރެވުނީ ޑިސެމްބަރ 27، 2024 ގައި މައިނާ ޕްލެނެޓް ސެންޓަރަށެވެ. އޭރު އަންދާޒާކުރެވުނު ގޮތުގައި ބިމުގައި ޖެހުމުގެ ފުރުސަތު އޮތީ %1.2ގަ އެވެ. ނަމަވެސް މިހާރު އެ އަންދާޒާ ވަނީ %2.4 އަށް އިތުރުވެފަ އެވެ. އެސްޓްރޮއިޑްގެ ދަތުރުގައި ބިމާ އެންމެ ކައިރިވާނެކަމަށް ލަފާކުރެވެނީ ޑިސެމްބަރ 22، 2032ގަ އެވެ.
ޖެނުއަރީ 29 ގައި، މި އެސްޓްރޮއިޑް  ޑިސެމްބަރ 22، 2032 ގައި ބިމާ ޖެހުމުގެ ފުރުސަތު އޮތީ %1.3 އެވެ. އޭގެފަހުން ފެބްރުއަރީ 1 ގައި އެ ފުރުސަތު %1.7 އަށް އިތުރުވެ، ޖެހިގެން އައި ދުވަހު %1.4 އަށް ދަށްވިއެވެ.
ބުރާސްފަތި ދުވަހު (ފެބްރުއަރީ 6) އެ ފުރުސަތު %2.3 އަށް މައްޗަށް ދިޔުމަށްފަހު، ހުކުރު ދުވަހު %2.2 އަށް ކުޑަކޮށް ދަށްވި އެވެ. މާނައަކީ ބިމާ ޖެހުމުގެ ފުރުސަތު 45 އިން 1 އަށް އޮތުމެވެ. (ނަމަވެސް ދުނިޔޭގައި ނުޖެހި ދިއުމުގެ ފުރުސަތު 45 އިން 44 އަށް އެބައޮތެވެ).
މިހާރުގެ އަންދާޒާތަކުން ދައްކާގޮތުގައި އެސްޓްރޮއިޑް ބިމާ 60,000 މޭލާ އާ ހަމައަށް ކައިރިވެދާނެ އެވެ. އެހެންނަމަވެސް މި ދުރުމިނަށް ގާތްގަނޑަކަށް 765,000 ކިލޯމީޓަރުގެ އިތުރު އުނި އަންނާނެކަމަށް ބެލެވެ އެވެ. މާނައަކީ އެސްޓްރޮއިޑް ބިމާ ވަރަށް ކައިރިވުމާއި ވަރަށް ދުރުވުމުގެ ފުރުސަތު އެބައޮތެވެ.
ސައިންޓިސްޓުން ލަފާކުރާ ގޮތުގައި މި އެސްޓްރޮއިޑްގެ ފުޅާމިނުގައި 130 ފޫޓް އަދި ދިގުމިނުގައި 300 ފޫޓު ހުންނާނެ އެވެ. ޕްލެނެޓަރީ ސޮސައިޓީން ބުނާ ގޮތުގައި މި އެސްޓްރޮއިޑަކީ ހިލައިގެ ބާވަތެއްގެ އެއްޗެއްކަމަށް ލަފާކުރެވެ އެވެ.
ދަތުރުގެ މައުލޫމާތު
އެސްޓްރޮއިޑްތަކަކީ ޖައްވުގެ ތެރޭގައި ދައުރުވާ އެއްޗެހިކަމަށްވާއިރު، 2024 ވައިއާރު4 2028 ވަނަ އަހަރު ބިމާ ކައިރިވާނީ ހަނދާއި ބިމާ ދެމެދު ހުންނަ ދުރުމިނުގެ 20 ގުނައަށެވެ. އެހެންކަމުން އެ އަހަރު ބިމުގައި ޖެހުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް ނާސާއިން ބުނެ އެވެ.
ނާސާގެ ސެންޓާ ފޯ ނިއާ އާތު އޮބްޖެކްޓް ސްޓަޑީސް (ސީއެންއީއޯއެސް) އިން ލަފާކުރާ ގޮތުގައި މި އެސްޓްރޮއިޑް އެންމެ ކައިރިވާނީ ޑިސެމްބަރ 22، 2032 ގަ އެވެ. މިހާރު މި އެސްޓްރޮއިޑް ވަނީ ބިމާ 30 މިލިއަން މޭލު ދުރުގަ އެވެ.
ސައިންޓިސްޓުންގެ ބަސް
"މީހުން މިކަމާ ކަންބޮޑުވާން ނުޖެހޭ. އަދި މި ފުރުސަތު ދަށްވާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" އެސްޓްރޮއިޑް ހޯދި ޑޭވިޑް ރޭންކިން ސްޕޭސް.ކޮމް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އޭނާ އިތުރަށް ބުނީ އެސްޓްރޮއިޑެއްގެ އޯބިޓްގެ ބައެއް ސިފަތައް އަނެއް ބައި ސިފަތަކަށްވުރެ ޔަގީންކަން ބޮޑުކަމަށެވެ.
އެސްޓްރޮއިޑެއް ފެނުމުން އެ އެއްޗެއް ގަވާއިދުން މޮނިޓާކޮށް، އާ މަަލޫމާތު ލިބޭ ވަރަކަށް ލަފާތައް އަޕްޑޭޓްކުރެވެ އެވެ. ރޭންކިން ބުނާ ގޮތުގައި އެސްޓްރޮއިޑް ދަތުރުކުރާ މަގު އެނގޭ ވަގުތުގައި އޭގެ އޯބިޓްގެ ރަނގަޅު މައުލޫމާތު އެނގުނު ނަމަވެސް، ކުޑަ ތަފާތެއް އައުމުން ބިމާ ކައިރިވާއިރު އޭގެ މަގަށް ބޮޑު ބަދަލެއް އަތުވެދާނެ އެވެ.
ނުރައްކަލުގެ މިންގަނޑު
ޓޮރިނޯ އިމްޕެކްޓް ހެޒަރޑް ސްކޭލްގައި މި އެސްޓްރޮއިޑް ވަނީ 3ގަ އެވެ. މި ސްކޭލްގައި 0 އިން 10 އަށް ޕޮއިންޓް ދެވެ އެވެ. 0 އަކީ ބިމާ ޖެހުމުގެ ފުރުސަތެއް ނެތުމެވެ. 10 އަކީ ބިމާ ޖެހޭނެކަން ޔަގީންވެ، ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމެވެ.
ޕްލެނެޓަރީ ސޮސައިޓީން ބުނާ ގޮތުގައި އަލަށް ހޯދޭ އެސްޓްރޮއިޑްތަކުގައި ޓޮރިނޯ ސްކޭލްގެ 1 ގެ ރޭޓިން ލިބުމަކީ އާންމު ކަމެކެވެ. ނަމަވެސް އިތުރަށް ދިރާސާކުރުމުން އެ ރޭޓިން އަބަދުވެސް 0 އަށް ދަށްވެފައިވެ އެވެ.
ބިމާ ޖެހުމުގެ ފުރުސަތު ދެގުނަވުމުގެ މާނަ
މި އެސްޓްރޮއިޑް 2032 ގައި ބިމުގައި ޖެހުމުގެ ފުރުސަތު މިހާރު އޮތީ 43 އިން 1 އަށެވެ. ނަމަވެސް މި ނަންބަރުތަކާ ގުޅޭ ގޮތުން ސައިންޓިސްޓުން ވަނީ އިތުރު މައުލޫމާތު ހިއްސާކޮށްފަ އެވެ.
ސްޕޭސް.ކޮމް އިން ފާހަގަކުރާ ގޮތުގައި 2032 ގައި އެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ފުރުސަތު ދެގުނަ ވެފައިވީ ނަމަވެސް، ނުޖެހުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ދަށްވެފައެއް ނުވެ އެވެ. މިއީ ތަފާސްހިސާބުގެ ނަޒަރިއްޔާތުން ބަލާއިރު، ކުދި އަދަދުތަކުގެ ސާމްޕަލްތަކަށް އިންސައްތައިން ބަލާ ބެލުމުން އޮޅުން އަރާފަދަ މިންތަކެއް ކަމުގައި ވެދާނެ އެވެ.
ތާރީޚުގައި ހިނގާފައިވާ އެސްޓްރޮއިޑް/ މީޓިއޯ ދުނިޔޭގެ ބިމުގައި ޖެހުމުގެ ބައެއް ހާދިސާތައް
2 ބިލިއަން އަހަރު ކުރިން: ވްރެޑެފޯޓް ޖެހުން
 މިހާރުގެ ސައުތު އެފްރިކާގެ ފްރީ ސްޓޭޓް ޕްރޮވިންސްގައި އެސްޓްރޮއިޑެއް ޖެހި، 190 ކިލޯމީޓަރުގެ ރޭޑިއަސްއެއް އޮތް ވްރެޑެފޯޓް ވަޅުގަނޑު އުފެދުނެވެ. މިއީ ބިމުގައި ޔަގީންކުރެވިފައިވާ އެންމެ ބޮޑެތި އިމްޕެކްޓް ސްޓްރަކްޗަރތަކުގެ ތެރެއިން އެކެކެވެ.
1.8 ބިލިއަން އަހަރު ކުރިން: ސަޑްބަރީ ބޭސިން ޖެހުން
މިހާރުގެ ކެނެޑާގެ އޮންޓާރިއޯގައި އެސްޓްރޮއިޑެއް ޖެހި، 130 ކިލޯމީޓަރުގެ ރޭޑިއަސްއެއް އޮތް ސަޑްބަރީ ބޭސިން އުފެދުނެވެ.
580 މިލިއަން އަހަރު ކުރިން: އަކްރަމަން ޖެހުން
ސައުތު އޮސްޓްރޭލިއާގައި އެސްޓްރޮއިޑް އެއް ޖެހި، ލަފާކުރެވޭ ގޮތުގައި 90 ކިލޯމީޓަރުގެ ރޭޑިއަސްއެއް އޮތް އަކްރަމަން ވަޅުގަނޑު އުފެދުނެވެ.
214 މިލިއަން އަހަރު ކުރިން: މެނިކޮއަގަން ޖެހުން
ކެނެޑާގެ ކުބެކްގައި ބޮޑު އެސްޓްރޮއިޑް އެއް ޖެހި، 100 ކިލޯމީޓަރުގެ ރޭޑިއަސްއެއް އޮތް މެނިކޮއަގަން ވަޅުގަނޑު އުފެދުނެވެ.
66 މިލިއަން އަހަރު ކުރިން: ޗިކްޒުލަބް ޖެހުން
10 އިން 15 ކިލޯމީޓަރު ފުޅާމިނުގެ އެސްޓްރޮއިޑް އެއް މެކްސިކޯގެ ޔުކަޓާން ޕެނިންސުލާގައި ޖެހި، ޗިކްޒުލަބް ވަޅުގަނޑު އުފެދުނެވެ. މި ހާދިސާގެ ސަބަބުން ކްރެޓޭޝަސް-ޕެލިއޯޖީން އެކްސްޓިންކްޝަން ހިނގި، ޑައިނަސޯތަކާއި އެހެން ގިނަ ބާވަތްތަކެއް ނެތިގެން ދިޔައެވެ.
50,000 އަހަރު ކުރިން: މީޓިއާ ކްރޭޓާ
50 މީޓަރު ޑައިމީޓަރުގެ އެސްޓްރޮއިޑް އެއް މިހާރުގެ އެމެރިކާގެ އެރިޒޯނާގައި ޖެހި، ބެރިންގާ ކްރޭޓާ ގެ ނަމުންވެސް މަޝްހޫރު މީޓިއާ ކްރޭޓާ އުފެދުނެވެ.
1908: ޓަންގުސްކާ ހާދިސާ
ރަޝިޔާގެ ސައިބީރިއާގެ ޓަންގުސްކާ ސަރަހައްދުގައި ބޮޑު ގޮވުމެއް ހިނގައި، 2,150 އަކަކިލޯމީޓަރުގެ ވަނަ ސަރަހައްދެއް ހަލާކުވިއެވެ. މި ހާދިސާ ހިނގީ 50 މީޓަރު ސައިޒުގެ އެސްޓްރޮއިޑް ނުވަތަ ކޮމެޓް އެއް ވައިގައި ގޮވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
1947: ސިކޯޓް-އަލިން މީޓިއޮރައިޓް ވެއްޓުން
ރަޝިޔާގެ ސިކޯޓް-އަލިން ފަރުބަދަތަކުގައި، 90,000 ކިލޯގްރާމްގެ ބަރުދަން ހުރި އަނގަރު މީޓިއޮރައިޓް އެއް ޖައްވުގައި ފަޅައިގެން ގޮސް، ގިނަ ވަޅުގަނޑުތަކެއް އުފެދި، ބައިވެފައިވާ މީޓިއޮރައިޓް އެތަނުގައި ހުއްޓެވެ.
2013: ޗެލްޔަބިންސްކް މީޓިއޯރައިޓް
20 މީޓަރު ފުޅާމިނުގެ އެސްޓްރޮއިޑެއް ރަޝިޔާގެ ޗެލްޔަބިންސްކްގެ މަތީގައި ގޮވި އެވެ. މި ގޮވުން 500 ކިލޯޓަން ޓީއެންޓީއާ އެއްވަރެވެ. މި ގޮވުމުގެ ސަބަބުން އުފެދުނު ޝޮކްވޭވްއިން ކުދިކުދިވި ބިއްލޫރިތަކުގެ ސަބަބުން 1,600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ