އިމާރާތުގައި ކަމެއް ކުރިކަން އެނގުނީ މާފަހުން، މައްސަލައަށް ނުފޫޒެއް ނުފޯރުވަން: އަމީން
އޭނާ ދިރިއުޅޭ އިމާރާތުގައި ކަމެއް ހިނގިކަން އެނގުނީ ފަހުން ކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ. ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ރޭ ވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. ސޯޝަލް މީޑިއާގައި ތުހުމަތު ކުރެވެނީ، މި މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރީ މިނިސްޓަރު އަމީން ދިރިއުޅޭ ގޭގައި ކަމަށެވެ. މި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެއެވެ. އެ ދެ މީހުންނާ ވެސް ފުލުހުންވަނީ ސުވާލުކޮށްފައެވެ. އެއާއެކު މި މައްސަލައަށް އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް ސޯޝަލް މީޑިއާގައިވަނީ ތުހުމަތުކޮށްފައެވެ. މި ކަމާ ގުޅިގެން އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅޭ ގޭގައި އެ ފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ އަނެއް ދުވަހުގެ ހަވީރު ކަމަށެވެ. އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމަށާއި، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ. މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ގުޅާފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ