ޗެމްޕިއަން ލިވަޕޫލް ބްރައިޓަންގެ އަތްދަށު ވެއްޖެ
އިންގްލިޝް ޕްރިިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އިން މި ފަހަރުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު, ދެ ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. މި މެޗުގައި ލިވަޕޫލް އިން ދެ ފަހަރެއްގެ މަތިން މެޗުގެ ލީޑު ނަގާފައިވީ ނަމަވެސް ބްރައިޓަންއިން ވަނީ ދެ ފަހަރު ވެސް ފަހަތުން އަރާ އެއްވަރު ކުރުމުގެ އިތުރުން އެންމެ ފަހުން މެޗުގެ ލީޑު ވެސް ނަގާފައެވެ. މި މެޗުގެ ފެށުން ރަނގަޅުވީ ލިވަޕޫލްގެއެވެ. މިގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ހާވީ އެލިއޮޓް ކާމިޔާބު ކޮށްދިން ލަނޑުން ލިވަޕޫލް ލީޑު ނެގިއެވެ. މި މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކޮށްދިނީ ޔަސިން އަޔާރީއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޑިމިނިކް ސޮބޯޒްލާއި ކާމިޔާބު ކޮށްދިން ލަނޑާއެކު މި މެޗުގެ ފުރަތަމަ ހާފު ލިވަޕޫލްއިން ނިންމާލީ ދެ ލަނޑު އެއް ލަނޑުން ކުރީގައި އޮވެގެންނެވެ. މި މެޗުގެ ދެވަނަ ހާފު ވެގެންދިޔައީ ބްރައިޓަންގެ ހާފަކަށެވެ. މިގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ކައޯރޫ މިޓޯމާ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އެ ޓީމުން ހިތްވަރު އާކުރިއެވެ. އަދި މި މެޗުން މޮޅުވި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިޔާ ޖެކް ހިންޝެލްވުޑްއެވެ. އެންމެ ފުރަތަމަ އޮފް ސައިޑް ލަނޑެއްގެ ގޮތުގައި ބެލި މި ލަނޑު ބަލައިގެންފައި ވަނީ ވީއޭއާރުން ބެލުމަށްފަހުއެވެ. މި ކާމިޔާބީ އާއެކު ބްރައިޓަން މިހާރު ވަނީ 37 މެޗުން 58 ޕޮއިންޓް ހޯދާ ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފަހު މެޗުގައި މިއަންނަ އާދިއްތަ ދުވަހު ބްރައިޓަން ރަށުން ބޭރުގައި ބައްދަލުކުރާނީ ޓޮޓްނަމް ހޮޓްސްޕާ އާއެވެ. އަދި ތާވަލްގެ އަށް ވަނައަށް ދާ ޓީމަށް ފަހަރެއްގައި މި އަންނަ ސީޒަންގެ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގައެއް ލިބުމުގެ ފުރުސަތު ލިބިގެން ހިނގައިދާނެއެވެ. ނަމަވެސް މިކަން އެހެން ވެގެންދާނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ޗެލްސީއިން ރެއާލް ބެޓިސް ބަލިކުރުމާއެކު ޕްރިމިއާ ލީގުގެ ތާވަލްގެ ހަވަނަ ނުވަނަ ހަތް ވަނައަށް ހިނގައްޖެނަމައެވެ. ނުވަތަ ނިއުކާސްލް ޔުނައިޓެޑް ތާވަލްގެ ހަތް ވަނައަށް ހިނގައްޖެނަމައެވެ. އަދި ޗެމްޕިއަން ލިވަޕޫލް އުޅެނީ 83 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ