ޕާކިސްތާނުގެ ވަރުގަދަ ހަމަލާތަކެއް އިންޑިއާއަށް!
އިސްލާމް އާބާދު (10 މެއި 2025) : އިންޑިއާއިން ތަކުރާރުކޮށް ޕާކިސްތާނަށް ހަމަލާތައް ދެމުން ގެންދާތީ ރޭ ފަތިހުން ފެށިގެން އިންޑިއާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުން ގެންދާކަން ޕާކިސްތާނުން އިއުލާނުކޮށްފިއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާގޮތުން އިންޑިއާއާ ދެކޮޅަށް ފަށާފައިވަނީ "އަލްބުންޔާނުލް މަރުސޫސް" ގެ ނަމުން ނަންދީފައިވާ އަސްކަރީ ދިފާއީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ މަގްސަދަކީ އިންޑިއާ އިސްވެދޭ ހަމަލާތަކަށް ރައްދު ދިނުމެވެ. ހަމަލާތައް ފުޅާކޮށް ބޮޑު ހަނގުރާމައަކަށް ދިޔުމެއް ނޫނެވެ. މި އޮޕަރޭޝަންގެ ބޭނުމަކީ ޕާކިސްތާނަށް ހަމަލާދީފައި އިންޑިއާއަށްވެސް ސަލާމަތްކަން ނުލިބޭނެކަން ނުވަތަ ފިލައި ނޯވެވޭނެކަން އިންޑިއާގެ މަސްއޫލުވެރިންނަށް އަންގައި ދިންކަމަށްވެސް ޕާކިސްތާނުގެ ބަޔާނުގައި ވަނީ ބުނެއެވެ. އިންޑިއާ ވަނީ މީގެ ތިން ދުވަސްކުރިން ޕާކިސްތާނުގެ ކަޝްމީރު ފަޅީގެ މުޒައްފަރު އާބާދަށާއި ޕަންޖާބުގެ ޕާކިސްތާނު ފަޅީގެ ސަރަހައްދެއް ކަމަށްވާ އަހްމަދުޕޫރު ޝަރްގިޔާއަށް މިސައިލާއި ރޮކެޓުން ހަމަލާތަކެއްދީ 31 މީހަކު މަރާލައި މާއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެއާއެކު ޕާކިސްތާންވަނީ ސަރަހައްދީ ރޮގު ހުރަސްކޮށް ވައިގެ މަގުން ހަމަލާދީ އިންޑިއާގެ ފަސް ފައިޓާޖެޓް ވައްޓާލިކަން ހާމަކޮށްފައެވެ. ޕާކިސްތާން ބުނާގޮތުން އެއަށްފަހުވެސް އިންޑިއާ ގެންދިޔައީ ގިނަ އަދަދެއްގެ ޑްރޯންތައް ފޮނުވައިގެން ޕާކިސްތާނަށް ހަމަލާތައް ދެމުންނެވެ. ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު އަހުމަދު ޝަރީފް ޗައުދަރީ ރޭ ވިދާޅުވިގޮތުގައި އިންޑިއާ ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ ކައިރީގައިވާ މަރުކަޒެއް ހިމެނޭގޮތަށް ޕާކިސްތާނުގެ ތިން އަސްކަރީ މަރުކަޒަކަށް ފާއިތުވި 24 ގަޑީއިރު ތެރޭގައި މިސައިލުން ހަމަލާތަކެއް ދީފައެވެ. އޭނާ ވިދާޅުވިގޮތުގައި އިންޑިއާގެ މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައް ޕާކިސްތާނުގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލިއެވެ. އެހެންކަމުން އެ ހަމަލާތަކުގެ ގެއްލުންތައް އެހާ ބޮޑެއް ނޫނެވެ. ޕާކިސްތާނުން ނެރުނު އަސްކަރީ ބަޔާން ބުނާގޮތުން "އަލްބުންޔާނުލް މަރުސޫސް" ގެ ނަމުގައި އިންޑިއާއާ ދެކޮޅަށް އަސްކަރީ ދިފާއީ އޮޕަރޭޝަނެއް ފަށަން މަޖުބޫރުވީ އިންޑިއާގެ މި ހަމަލާތަކާ ގުޅިގެންނެވެ. އެއަށްފަހު ޕާކިސްތާނުން ނެރުނު އިތުރު އަސްކަރީ ބަޔާނެއް ބުނާގޮތުން "އަލްބުންޔާނުލް މަރުސޫސް" އޮޕަރޭޝަނުގައި ޕާކިސްތާނުގެ ވައިގެ ސިފައިން އިންޑިއާއަށް ދިން ހަމަލާތަކުގައި އިންޑިއާގެ ވައިގެ ސިފައިންގެ ދެ ބޭސް އަކާއި މިސައިލް ރައްކާކުރާ ގުދަނަކަށް ބޮންއަޅައި އެތަންތަންވަނީ ހަލާކުކޮށްލާފައެވެ. ޕާކިސްތާނުން ދިން މި ހަމަލާތަކާ ގުޅިގެން އިންޑިއާ އަދި ވަކި އެއްޗެއް ބުނިކަން ޚަބަރުތަކުން އެނގިފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ފައިޓާޖެޓްތަކުންނާއި މިސައިލާއި ރޮކެޓުން އިންޑިއާގެ 36 އަމާޒަކަށް ރޭ ފަތިހުވަނީ ހަމަލާދީފައެވެ. މީގެތެރޭގައި ހިމެނޭ ގިނަ ތަންތަނަކީ ކަޝްމީރުގެ އިންޑިއާ ފަޅިއާއި އިންޑިއާއާއި ޕާކިސްތާނުގެ ބޯޑަރުގެ ކައިރީގައިވާ އިންޑިއާގެ އަސްކަރީ ތަންތަނެވެ. އިންޑިއާގެ ކުރީގެ އަސްކަރީ ބަޔާނެއް ބުނާގޮތުން މީގެ ތިން ދުވަސްކުރިން އެ ގައުމުން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންގައި ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ހަމަލާތައް ދީފައިވާނެކަމަށާ ހަމަލަތައް އަމާޒުކުރީ އެ ސަރަހައްދުގައި ތިބި ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކާ ދެކޮޅަށް ކަމުގައެވެ. ޕާކިސްތާނުގެ ސިފައިންގެ އެއްވެސް އަސްކަރީ ތަނަކަށް ހަމަލާ ދީފައި ނުވާނެ ކަމަށްވެސް އިންޑިޔާ ސިފައިންގެ ބަޔާން ބުނެއެވެ. ޑްރޯން ބޭނުންކޮށްގެން ދިން ކަމަށް ޕާކިސްތާނުން ބުނާ ހަމަލާތަކާބެހޭގޮތުންނާ އަދި އިއްޔެ އިސްލާމް އާބާދުގެ ކައިރިއަށް މިސައިލުން ދިން ހަމަލާތަކާބެހޭގޮތުންވެސް އިންޑިއާ އެއްޗެއް ބުނެފައެއް ނުވެއެވެ. ޕާކިސްތާނުން ވަނީ އެ ގައުމަށް ހަމަލާދިން އިންޑިއާގެ ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓާލިކަމަށް ބުނެ ބައެއް ޑްރޯންތަކުގެ ފޮޓޯތައްވެސް ދައްކާލާފައެވެ. އޭގެތެރޭގައި ގިނައީ އިސްރާއީލުގައި އުފައްދާފައިވާ ޑްރޯން ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުން ރޭ ފަތިހު ހަމަލާދިން ތަންތަނުގެ ތެރޭގައި އިންޑިއާގެ އުދަމްޕޫރުގައި ހުންނަ އިންޑިއާގެ ވައިގެ ސިފައިންގެ ބޭސްއަކާއި ޕަތަންކޮޓްގައި ހުންނަ އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒެއް ހިމެނެއެވެ. ޕާކިސްތާނުގެ ހަމަލާތަކުގައި އެ ތަންތަން ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީ މިއަދު ހެނދުނު ބުނިގޮތުގައި ޕަންޖާބު, އިންޑިއާ ފަޅީގެ ސަރަހައްދެއްކަމަށްވާ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް މަރުކަޒަށްވެސް ޕާކިސްތާނުގެ ވައިގެ ސިފައިން ރޭ ފަތިހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ