އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ނަޕޯލީން ހަތަރު ވަނަ ފަހަރަށް ހޯދައިފި
އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ނަޕޯލީން ހޯދައިފިއެވެ. މި މުބަރާތުގެ ޗެމްޕިއަންކަން ނަޕޯލީ ހޯދީ ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ކަގްލިއާރީއާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިކާމިޔާބީ އާއެކު ނަޕޯލީއަށް ސެރީއާގެ ޗެމްޕިއަންކަން ލިބުނީ ކުޅުނު 38 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ސެރީއާގެ ފަހު މެޗުތަކަށް ރޭ ހުރިހާ ޓީމެއް ނުކުތް އިރު ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮތް ހަމައެކަނި ޓީމަކީ ނަޕޯލީއެވެ. އެޓީމު އެ މެޗު ކާމިޔާބު ކޮށްފިނަމަ ލީގު ކާމިޔާބު ކުރެވޭނެކަން ޔަގީންވެފައިއޮތެވެ. ނަމަވެސް މިމެޗު އެއްވަރުވި ނަމަ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާންއަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުނީހެވެ. ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު އިންޓާއަށް ނިންމާލަން ޖެހުނީ ނަޕޯލީއަށްވުރެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮވެގެންނެވެ. ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ރޭގެ މެޗުގައި ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ފެނުނެވެ. ނަޕޯލީން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދަމުންދިޔައިރު ކަގްލިއާރީއަށް ޑިފެންސަށް އިސްކަން ދިނުން ނޫން އެހެން ގޮތެއް ނެތް މަންޒަރު ފެނުނެވެ. ނަމަވެސް ނަޕޯލީއިން އުފައްދަމުންދިޔަ ގިނަ ހަމަލާތައް ކާމިޔާބު ނުވެ، މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނިދާނެކަމަށް ހީވެފައިވަނިކޮށް ނަޕޯލީއަށް މެޗުގެ ލީޑު ނަގައިދިނީ މިސީޒަންގައި އެޓީމަށް މޮޅު ކުޅުމެއް ކުޅެމުންދާ ސްކޮޓް މެކްޓޮމިނޭއެވެ. ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓެ -- ފޮޓޯ/ އޭޕީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިން މިލަނޑާއެކު ސްޓާޑިއޯ ޑިއެގޯ އަރުމަންޑޯ މަރަޑޯނާ އެއް އަޑަކުން ގުގުމައިގެންދިޔަތަން ފެނުނެވެ. މިމެޗުގައި ނަޕޯލީން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނި ރޮމެލޫ ލުކާކޫއެވެ. މިމެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ނަޕޯލީއަށް ލިބުނު ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިކާމިޔާބީއާއެކު ނަޕޯލީއިން މިވަނީ ސެރީއާގެ ތަށި ހަތަރު ވަނަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. ނަޕޯލީން ވަނީ 2022-2023 ވަނަ އަހަރުގެ ސީޒަންގައިވެސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި މިފަހަރުގެ ތަށްޓާއެކު ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓެ ވެފައިވަނީ ތަފާތު ތިން ކްލަބަކާއެކު ތަށި ކާމިޔާބު ކުރި ފުރަތަމަ ކޯޗަށް ވެފައެވެ. އޭނާވަނީ މީގެ ކުރިން ޔުވެންޓަސް އާއި އިންޓާ އާއެކުވެސް މިމުބާރާތުގެ ތަށި ކާމިޔާބު ކޮށްފައެވެ. ނަޕޯލީއާ އެންމެ ގާތުން ލީގަށް ވާދަކުރި އިންޓާ ރަށުން ބޭރުގައި ކޯމޯއާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ އިންޓާއެވެ. ނަމަވެސް ނަޕޯލީގެ ކާމިޔާބީއާއެކު އެ ޓީމަށް މިފަހަރު މިވަނީ ދެވަނަ މަގާމާއެކު ފަރު ޖައްސާލަން ޖެހިފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރަމުންދިއުމާއެކު އިންޓާއަށް އަދިވެސް އުފާވެރި ކަމާއެކު ސީޒަން ނިންމާލުމުގެ ފުރުސަތު ކުރިއަށް އެބައޮތެވެ. މިމެޗުގައި އިންޓާގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ސްޓެފަން ޑި ވީރު އާއި ހޯކިން ކޮރެއާއެވެ. ސެރީއާގެ ފަހު ބުރުގެ އެހެން މެޗުތައް ވަނީ މިރެއާއި މާދަމާރެއަށް ބަހާލައިގެން ކުޅެގޮތަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ