ރަށްތަކަށް ފޮނުވޭ ޢީދު ލައިޓްތަކަކީ ކައުންސިލްތަކުގެ އެސެޓްގެ ގޮތުގައި ހަމަޖައްސައި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި "ޢީދު އަލި" ހަރަކާތް މިއަހަރު 61 ރަށަކަށް ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ މިދިޔަ އަހަރު 24 ރަށަކަށް ކުރިއަށްގެންދެވުނު ހަރަކާތް އިތުރަށް ފުޅާކުރުމެކެވެ.
މި ހަރަކާތުގެ ދަށުން މާލޭގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭގެ މަގުތަކާއި މާބަގީޗާތަކުގައި ޢީދުގެ ޝިއާރުތަކާއެކު ލައިޓްތައް ހަރުކުރެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހަރަކާތް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައި މި މަސައްކަތް ކުރިއަށްދަނީ ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއެކުގައެވެ. މިފަދަ ހަރަކާތްތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އުފާވެރިކަން ގެނެސްދޭ، އިސްލާމީ ޤައުމުތަކުގައިވެސް ގެންގުޅޭ ސަގާފަތެއްކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ "ޢީދު އަލި" ހަރަކާތުގެ ދަށުން ރަށްތަކަށް ފޮނުވޭ ލައިޓްތައް ކައުންސިލްތަކުގެ އެސެޓްގެ ގޮތުގައި ހަމަޖެއްސުމަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ތަކެތި ބޭނުންކުރެވޭނެ ގޮތް ހަމަޖެހިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
ރަށްތަކަށް ފޮނުވާ ޢީދު ލައިޓްތަކަކީ ކައުންސިލްތަކުގެ އެސެޓްގެ ގޮތުގައި ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ