ނަންބަރު އައިނު ހެއްދުމަށް ދައުލަތުގެ ސިއްހީ އިންޝޫރެންސް ނިޒާމު، އާސަންދައިގެ ދަށުން ދޭ ފައިސާގެ އަދަދު ބޮޑުކޮށްފައިވާ ކަމަށާއި، އެ އަދަދު ހަމަޖެއްސުމުން އަމިއްލަ ކުންފުނިތަކުން "ފީކަޅާ ދުނިގަނޑު" ހެއްދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އައިނު ވިއްކުމުގެ ވިޔަފާރިއަށް ސަރުކާރުން ވަންނަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ހަމަޖައްސައިދެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1،000 ރުފިޔާ އެވެ. އެ އަދަދު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2،000 ރުފިޔާ އަށް ބޮޑުކުރާނެކަން ރައީސް އިއުލާނު ކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
"އެ ކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި، މިހާރު އަޅުގަނޑު ވާނީ، ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި. ޖޫން 1 އިން ފެށިގެން، އައިނު ހެއްދުމަށްޓަކައިދޭ 1000 ރުފިޔާ، 2000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީވެސް މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭ ކަމެއް،" އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އެ ކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް އަމިއްލަ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި އައިނު ހައްދަން އާސަންދައިން ދޭ ފައިސާގެ އަދަދު ބޮޑު ކުރިޔަސް އެ ކުންފުނިތަކުން ދެނީ "ފީކަޅާ ދުނިގަނޑުތަކެއް" ކަމަށް ރައީސް ވިދާޅުވި އެވެ.
"އައިޖީއެމްއެޗުގައި އަޅުގަނޑުމެން މި މަސައްކަތް ފަށާނަން. އައިޖީއެމްއެޗުގެ އައިނު ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓަރުގެ އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް،" ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ދުންފަތުގެ ވިޔަފާރި ހުއްޓާލައި އެހެން ކަމަކާ އުޅުމަށް ގޮވާލަމުންދާ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓަރުގައި މިކަން ކުރާ ބޭފުޅުން ވެސް ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓު ކުރަން. އަޅުގަނޑުމެން މިކަން ކުރާނަން ސަރުކާރުން ހޮސްޕިޓަލުން. ހަމަ ޕްރައިވެޓް ސެކްޓަރުން ވެސް ޖެހޭނީ އެ ފެންވަރުގެ ދުނިގަނޑާއި އައިނު ހައްދައިދޭން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަނެއްކާ ވެސް އާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާނެކަން ރައީސް މުއިއްޒު މިއަދު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވެސް އެބަހުއްޓެވެ.
ސަރުކާރުގެ ނާގާބިލުކަމުން ބޭހަށް ޖެހުމުން ވެސް އެކަމުގެ ޒިންމާ ވެސް ރައީސް މަތިކުރެއްވީ އަމިއްލަ ވިޔަފާރިތަކާ އެވެ. ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މިނިވަން ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ދޭތެރެ ދޭތެރެއިން ޕޯޑިއަމްތަކުގައި އިންޒާރު ދެއްވަމުންނެވެ. އެގޮތުން، ބައެއް ވިޔަފާރިތައް "ސިންގަލް އައުޓް" ކޮށް "އެހެން ކަމަކައިގެން އުޅެން" ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަމިއްލަ ކުންފުނިތަކުން ހިތްހަމަނުޖެހުނަސް ސަރުކާރުން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނަން: ރައީސް އަމިއްލަ ކުންފުނިތަކުން ހިތްހަމަނުޖެހުނަސް ސަރުކާރުން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ