ވޯސޯ، ޕޮލެންޑް (މެއި 29) - މުޅިން އަލަށް ޔޫރަޕްގެ ފައިނަލެއްގައި ކުޅުނު، ރެއާލް ބެޓިސް ފަަހަތުން އަރައި 4-1 އިން ބަލިކޮށް، ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކޮންފަރެންސް ލީގުގެ ތަށްޓާ އެކު، ޗެލްސީން މި ވަނީ ޔޫރަޕްގެ ހުރިހާ ލެވަލެއްގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ. ޗެލްސީން ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔޫރޮޕާ ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕާއި ކަޕް ވިނާސް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި، ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން މި ފަހަރު ހޯދި ޗެލްސީން އަންނަ އަހަރު ކުޅޭނީ ޗެމްޕިއަންސް ލީގުގަ އެވެ.
މިއީ، މީގެ ތިން އަހަރު ކުރިން، ފެށި ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަތަރު ވަނަ ފައިނަލެވެ. މި މުބާރާތުގެ ފުރަތަމަ ފައިނަލުގައި، ރޯމާ އިން ވަނީ 1-0 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. ދެ ވަނަ ފައިނަލުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފިއޮރެންޓީނާ 2-1 އިން ބަލިވިއިރު، މިދިޔަ އަހަރުގެ ފައިނަލުގައި އޮލިމްޕިއާކޯސް އަތުން ފިއޮރެންޓީނާ ބަލިވީ 1-0 އިންނެވެ.
ޕޮލެންޑުގައި ކުޅުނު ފައިނަލް މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި، ބެޓިސް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުން، އަބްދެ އެޒަލްޒޫލީ އެވެ. މި ގޯލާ އެކު، ލީޑުގައި އޮވެ، މެނުއަލް ޕެލެގްރީނީ ކޯޗުކޮށްދޭ ބެޓިސް އިން ވަނީ ފުރަތަމަ ހާފު ނިންމާލައިފަ އެވެ.
ޗެލްސީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، ކޯލް ޕާމާ އެވެ. އެ ގޮތުން، 65 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭޒް ވަނީ ޕާމާ ނެގި ހުރަހަކުން ބޮލުން ގޯލު ޖަހައި އެއްވަރުކޮށްދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ޕާމާ ނެގި ހުރަހަކުން ނިކޮލަސް ޖެކްސަން ބޮލުން ޖެހި ގޯލުން ޗެލްސީން ލީޑުނެގި އެވެ.
ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ކިއެރަން ޑިއުސްބަރީ-ހޯލް އާއި ޖޭޑަން ސަންޗޯ ގުޅިގެން ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަަނަ މިނިޓްގަ އެވެ. ޑިއުސްބަރީ-ހޯލް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، ސަންޗޯ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބެޓިސް އިން ކުރިއަށް ޖެހިގެން ކުޅެ، ލަނޑެއް ޖެހޭތޯ ބަލަމުން ދަނިކޮށް ޗެލްސީގެ ހަތަރު ވަނަ ގޯލު އިތުރު ވަގުތުގައި ކައުންޓަ އެޓޭކެއްގައި ޖެހީ، އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން މޮއިސަސް ކައެސޭޑޯ އެވެ.
ފަހަތުން އަރައި ބެޓިސް ބަލިކޮށް ޗެލްސީން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި ފަހަތުން އަރައި ބެޓިސް ބަލިކޮށް ޗެލްސީން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ