ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.
ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވަނީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެނގުމާ ގުޅިގެންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.
އެގޮތުން ކަނޑުދަތުރަށް ނިކުންނައިރު އަންގަންވާ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރަށް ނުފުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުތަކުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސްވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން މުދާ އުފުލާ އުޅަނދުތަކުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައު ބެހެއްޓުމަށާއި، ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްއެންޑީއެފުން ވަނީ ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިރުޝާދުދެއްވާފައެވެ. އެގޮތުން މެޓުން ނެރޭ މޫސުމީ ސަމާލުތަކުގެ މަޢުލޫމާތު ހޯދައި، އެކަމަށް ސަމާލުވާންވެސްވަނީ އެދިވަޑައިގަންނަވާފައެވެ.
މެޓު އޮފީހުންވަނީ ވައިގަދަވާނެކަމަށް ލަފާކޮށް، ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ހުދު ސަމާލު ނެރެފައެވެ. މިގޮތުން ހެނދުނު 10 އިން ފެށިގެން ހަވީރު 16:00 އަށްވަނީ ހުދު ސަމާލު ނެރެފައެވެ. މިގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
މޫސުމީ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް އަދި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ދަށުން އަމަލުކުރުމަކީ މުހިއްމުކަމެކެވެ.
ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ