އެސްއޯއީތައް އުފައްދާފައި ވަނީ ދައުލަތުގެ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް، އާރުޓީއައި ހިނގާނެ: ސުޕްރީމް ކޯޓު

ސަރުކާރު ކުންފުނިތަކުގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވައިދުގައި އޮތް މާއްދާ ބަތިލު ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އުފެދިފައި އޮތް ސުވާލަކީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ ދަށުން، އެކުލަވާލާ ގަވައިދެއްގައި ހިމެނޭ މާއްދާގެ އެއް އަކުރަކީ އެ ގަވައިދު ހަދަން ބާރުދިން ބެލެނިވެރި ގާނޫނުގެ މާއްދައަކާއި ހިލާފު އަކުރެއްތޯ ނުވަތަ ނޫންތޯ އެވެ.
މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވައިދުގެ 67 ވަނަ މާއްދާގެ (ޅ) ބާތިލު ކުރުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެކެވެ. އެ މައްސަލަ ހުށަހެޅި އެމްޓީސީސީން އެދިފައި ވަނީ އެ މާއްދާއަކީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގަނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާން ކުރާ ދައުލަތުގެ އިދާރާގެ މާނައާއި ފުށުއަރާކަމަށް ބުނެ އެ އަކުރު ބާތިލުކޮށްދިނުމަށެވެ.
މައްސަލައިގައި ކުންފުނިން ބުނެފައި ވަނީ ދައުލަތުގެ އިދާރާ، އެ ގާނޫނުގައި މާނަކޮށްފައި ވަނީ ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ބާރާއި މިނިވަން މުވައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުން ކަމަށެވެ. އަދި އޭގެ އިތުރުން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއުލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަކެޓުން ހިންގާ ކޮންމެތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެންވާ ކޮންމެ ތަނެއް ހިމެނޭ ގޮތުންކަމަށް ވަނީ ބުނެފަ އެވެ.
މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ދައުލަތުގެ އިދާރާ މާނަކުރުމުން ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް އެއީ ގާނޫނުގެ ބޭނުމަށް އިދާރާތަކަށް ބަދަލުވެގެން ދާކަމަށެވެ. މިއީ އެ ގާނޫނުގެ މަގްސަދަށް ނުވާތީ، މާއްދާ ބާތިލުކޮށްދޭން އެދި މައްސަލަ ހުށަހެޅީކަމަށް އެމްޓީސީސީ ބުންޏެވެ.
މައްސަލައިގައި ހައިކޯޓުން ނިންމީ، ގަވައިދުގެ އެބައި ގާނޫނާ ހިލާފު ނޫންކަމަށެވެ. އެހެންވެ މައްސަލަ ސުޕްރީމް ކޯޓުގައި އެމްޓީސީސީން އިސްތިއުނާފު ކުރުމުން، ނެރުނު ހުކުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުން އެހީ ލިބިގެންވާ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެކަމަށް ބުނެފައި ވާތީ އެކަން އިތުރު ތަފްސީލުކޮށްދިނުމަށް ގަވައިދުގައި އެފަދަ މާއްދާއެއް ހިންގުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އޮންނާނެ ކަމަށެވެ. އެހެންވެ ގަވައިދު، އެގޮތަށް ހިމެނުމަކީ ގާނޫނާ ހިލާފުކަމެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ބުނެފައި ވަނީ ކުންފުނިތަކަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދައިގެން ހިންގާ ކުންފުނިތަކެއް ކަމަށެވެ. އަދި ދައުލަތުގެ ހިއްސާ ހިމެނޭ ކޮންމެ ކުންފުންޏަކީ ވެސް ދައުލަތުގެ ކޮންމެވެސް މަސްލަހަތެއް ހިމާޔަތް ކުރުމަށް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އުފައްދާ ކުންފުނިތަކެއްކަމަށް ވެސް ހުމުމްގައި ފާހަގަކުރި އެވެ.
ހުކުމުގައި ވަނީ އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ޖެހޭ ކުންފުންޏެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ކަނޑައެޅިދާނެ ކަމަށެވެ.
އެހެންކަމުން މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް، ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހުމުމް ކުރި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުއަށް ތާއީދު ކުރެއްވި، މި މައްސަލައިގެ ބެންޗުގައި ހިމެނެނީ ފަނޑީޔާރު ޑރ. މުހައްމަދި އިބްރާހީމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ