އީރާނާއި އެމެރިކާގެ މަޝްވަރާތައް މާދަމާ އޮމާންގައި ބާއްވަނީ

ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، އީރާނާއި އެމެރިކާގެ މަތީ ފަންތީގެ ނިއުކްލިއާ މަޝްވަރާތަކެއް މާދަމާ އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ކަށަވަރުކޮށްދެއްވައިފި އެވެ.
އަރަގްޗީ އިއްޔެ ވިދާޅުވި ގޮތުގައި، މި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މަސްކަޓް ގަޑިން ހެނދުނު 10ގަ އެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްދިން ކަމަށްޓަކައި އޮމާނަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޝުކުރު އަދާކުރައްވާފަ އެވެ.
މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހުނީ، އިންސާފުވެރި އަދި ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ޑިޕްލޮމެޓުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވުމާ ގުޅިގެންނެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ވެސް ވަނީ އެމެރިކާ މި މަޝްވަރާތަކުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ.
މި މަޝްވަރާތައް ބާއްވާނެ ތަނަކާ މެދު މީގެ ކުރިން ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މިފަހަރުގެ މަޝްވަރާތައް ބާއްވާ ގައުމަކަށް ތުރުކީގެ ބަދަލުގައި ހަމަޖެއްސީ އޮމާނެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، ގަތަރާއި ތުރުކީ އަދި މިސްރުގެ މެދުވެރިން ވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރުމާއި ބެލިސްޓިކް މިސައިލާއި ސަރަހައްދީ ބާރުތަކަށް ދޭ އެހީތެރިކަން ހަނިކުރުން ހިމެނޭ އޮނިގަނޑެއް ހުށަހަޅާފަ އެވެ.
މި މަޝްވަރާތައް މި ފެށެނީ، އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ފައުޖުތައް އަރަބި ކަނޑަށް ޖަމާކުރުމަށް އަމުރުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ނިއުކްލިއާ ޕްރޮގްރާމުގެ އިތުރުން މިސައިލާއި ހަތިޔާރު އެޅި ޖަމާއަތްތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް ވެސް މި މަޝްވަރާތަކުގައި ހިމެނުމަށް ވޮޝިންޓަނުން އުއްމީދުކުރާ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު 1980 ވަނަ އަހަރުން ފެށިގެން ރަސްމީ ހާރިޖީ ގުޅުމެއް ނެތެވެ. މިދިޔަ އަހަރު މަސްކަޓްގައި ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ