ތަލަޕަތީ ވިޖޭގެ 27 އަހަރުވީ ކައިވެނި ރޫޅާލަން އެދި އަނބިމީހާ ކޯޓަށް

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ތަލަޕަތީ ވިޖޭގެ ކައިވެނި ނިމުމަކަށް ގެނެސް އެކްޓަރުގެ ފަރާތުން ވަރިވުމަށް އެދި އަންހެނުން ސަންގީތާ ސޯނަލިންގަމް ޗެންގަލްޕައްޓޫ ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސަންގީތާ މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މިއީ މި ދެމަފިރިން ގާނޫނީ ގޮތުން ވަކިވުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބަޔާންކޮށްފައެވެ. ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް ތަރި އަދި ސިޔާސީ ޕާޓީއެއްގެ އިސްވެރިޔާގެ ގޮތުގައި ހުރި ވިޖޭ، މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކޯޓުގައި ފެށޭނެ ކަމަށް ބެލެވެއެވެ. ދެކުނު އިންޑިއާގެ ސުޕަސްޓާރު ވިޖޭ އާއި ސަންގީތާ ކައިވެނި ކުރީ 1999 ވަނަ އަހަރުގެ އޮގަސްޓް 25 ގައެވެ. މި ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެ ކުދިންނަކީ ވެސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ދެ ޗައިލްޑް އާޓިސްޓުންނެވެ. ވިޖޭ އާއި ސަންގީތާގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ސަންގީތާ ބޭނުންވީ ކައިވެނިން ބޭރުން ވިޖޭ ފިލްމީ ބަތަލާއަކާ އެކު ލޯބީގެ ގުޅުމެއް ހިންގަން ފެށުމާ ގުޅިގެން ކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ތަލަޕަތީ ވިޖޭ އަދި އަނބިމީހާ ސަންގީތާ--ފޮޓޯ/އެންޑީޓީވީ އެކަން ސަންގީތާއަށް އެނގުނީ 2021 ވަނަ އަހަރުގެތެރޭ ކަމަށާއި ދެ މީހުންގެ ކައިވެންޏަށް ނިމުން ގެންނަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެކަމުގެ ސަބަބުން ސަންގީތާއަށް ނަފުސާނީ ގޮތުން ވެސް އަސަރުކޮށްފައިވާތީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ވިޖޭގެ އަމިއްލަ ދިރިއުޅުމާގުޅޭ މައްސަލައެއް ފެންމަތިވެ އާއްމުންގެ ސަމާލުކަމަށް އެކަން އައިއިރު އެކްޓަރުގެ ކެރިއަރުގެ އެންމެ ފަހު ފިލްމު ކަމަށްވާ "ޖަނަ ނާޔަގަން" ވެސް ވަނީ ވާނުވާ ނޭނގޭ މައްސަލަގަނޑެއްގެ ޝިކާރައަކަށްވެފައެވެ. މި ފިލްމު ކަނޑައެޅި ތާރީޚުގައި ރިލީޒްކުރުން ލަސްވީ އިންޑިއާގެ ސެންސަރު ބޯޑުގެ ޒިންމާދާރުކަން ކުޑަވުމާ ގުޅިގެން ކަމަށް ބުނެ ކޯޓު މަރުހަލާތަކެއް ވެސް ކުރިއަށްދިޔައެވެ. މި ފިލްމު މިހާރު ވަނީ އަލުން ސެންސަރު ބޯޑުގެ ހުއްދައަށް ފޮނުވާފައެވެ. ފިލްމީ ދާއިރާއަށް އަލްވަދާޢު ކިޔުމަށްފަހު ވިޖޭ ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ ރޭހުގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ