ބޭރަށް ފޮނުވަން ޖެހޭ ބަލިތަކަށް ރާއްޖޭގައި ފަރުވާ ދޭނެ ނިޒާމު ގާއިމް ކުރަން ޖެހޭ: އޮޑިޓު

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދާއިރު، އެ އަދަދު ކުޑަކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ދާއިރާތައް ފާހަގަކޮށް އެ ދާއިރާތަކުގެ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްކުރުމަށް އޮޑިޓު އޮފީހުން ލަފާދީފި އެވެ.
ވީ ކިހިނެއް؟  - އޮޑިޓު އޮފީހުން ވަނީ އާސަންދަ ސްކީމުގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެ ސްކީމު ހިންގުމުގައި ހުރި މައްސަލަތަކާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަން ހުރި ކަންތައް ފާހަގަކޮށް ރިޕޯޓެއް އިއްޔެ އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުންް، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ފޮނުވާ ބަލިމީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވި ނަމަވެސް އެ އަދަދު މަދުކުރުމަށް ރާއްޖޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގޮސްފައެއް ނުވެ އެވެ.
އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 2019 އިން 2023އާ ހަމައަށް 1.64 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ އެވްރެޖުކޮށް އަހަރަކަށް 28 މިލިއަން ރުފިޔާ އެވެ. އެގޮތުން:
އާސަންދައިގެ ދަށުން އެންމެ ގިނަ ބަލިމީހުން ފޮނުވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ ހޮސްޕިޓަލުތަކުން ދޭ ފަރުވާގެ ތެރެއިން ބައެއް ސްޕެޝަލިޓީތަކަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ އަދަދު ވަނީ މަދުވެފަ އެވެ. އެގޮތުން:
އައިޖީއެމްއެޗުގައި ނެޝަނަލް ކާޑިއެކް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފެށި ފަހުން ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ފޮނުވަން ޖެހޭ ކޭސްތައް ވަނީ މަދުވެފައި
ބައެއް ސްޕެޝަލިޓީތަކުގެ ފަރުވާގެ ނިޒާމު ރާއްޖޭގައި ގާއިމުކުރުމަށް ފަހު ވެސް އެ ފަރުވާ އާ ގުޅޭ ގިނަ ކޭސްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. މިހެން ދިމާވަނީ:
އެ ބަލިތަކުގެ ފަރުވާ ރާއްޖޭގައި ގާއިމްކުރުމަށް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކޮށްފައި ނުވުމުގެ ސަބަބުން
ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްވެފައި ނުވާތީ
ބައެއް ހާލަތްތަކުގައި، ރާއްޖެއިން އެ ފަރުވާ ލިބުނު ނަމަވެސް ފަރުވާ އާމެދު ރައްޔިތުންގެ އިތުބާރު ކުޑަވުމުން
ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާދޭ ސެންޓަރެއް ގާއިމްކުރި ނަމަވެސް، އެކަމާ ގުޅޭ އެއްބަސްވުން ތަންފީޒުކޮށްފައި ނުވާތީ ވަށާޖެހޭ ފަރުވާނެ ނިޒާމެއް އެ ހޮސްޕިޓަލުގައި ގާއިމްވެފައިނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
2015 އިން 2024ގެ ނިޔަލަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެންމެ ގިނައިން ފޮނުވާފައިވަނީ ކެންސަރު ބަލީގެ ކޭސްތައް
އެ މުއްދަތުގައި 14،311 ކޭސް ބޭރަށް ފޮނުވާފައިވޭ
މި މުއްދަތުގައި ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވި ކޭސްތަކުގެ އަދަދު %126 އިތުރުވެފައިވޭ؛ މިއީ އެވްރެޖުކޮށް އަހަރެއްގެ މައްޗަށް %9ގެ އިތުރުވުމެއް
ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން މިހާ ބޮޑު ހޭދައެއް ކުރަންޖެހޭ އިރު ވެސް، ރާއްޖޭގައި އެ ބައްޔަށް ފަރުވާ ހޯދޭނެެ އިންތިޒާމު ހަމަޖެއްސުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަން އޮޑިޓު އޮފީހުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
އާސަންދަ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ އެކު ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ ސެންޓަރެއް ގާއިމް ކުރުމަށް 15 އޭޕްރިލް 2017ގައި ވެފައިވާ އެއްބަސްވުމުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5އަށް ބަލިމީހުން ބެލުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އެ ނޫން ގަޑިތަކުގައި ވެސް ދިމާވާ އިމަޖެންސީ ކޭސްތަކަށް ޑޮކްޓަރު އެޓެންޑުވާން ޖެހޭނެ ކަމަށް އޮތް ނަމަވެސް މިގޮތަށް ހިދުމަތް ދެމުން ނުދޭ
ޑޮކްޓަރުން މަސައްކަތް ކުރަނީ ވިޒިޓިން ޑޮކްޓަރުގެ ގޮތުގައި
ކޮންމެ މަހަކު ވެސް ކެންސަރު ބަލީގެ 10-15 މީހުން އަލަށް ރެޖިސްޓްރީ ކުރާ ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރުވާކަން ރެކޯޑުތަކުން ދައްކާއިރު، ބަލިތައް އިތުރުވާ ސަބަބުތައް ދެނެގަނެ، ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަކީ އާސަންދަ ސްކީމުގެ ހަރަދުތައް ދެމެެެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް މުހިއްމު ކަމެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ޔޫރޯ ފާޓިލިޓީ ސެންޓަރެއް ގާއިމް ކުރުމަށް ފަހު ވެސް އެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވާ އަދަދު އިތުރުވެފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އައިޖީއެމްއެޗާއި އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ދެމެދު 2 މެއި 2016ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، ކުޑަކަމުދާ ނިޒާމާއި ކިޑްނީ އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ޔޫރޯ-ފާޓިލިޓީ ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.
އެ ސެންޓަރު ހިންގުމަށް ބޭނުންވާ މެޝިނަރީ ގަތުމަށާއި މުވައްޒަފުންގެ މުސާރައަށް އަދި ހިދުމަތުގެ ފީ އާއި ފައިދާގެ ގޮތުގައި އެންޔޫ ހޮސްޕިޓަލަށް އައިޖީއެމްއެޗުގެ ބަޖެޓުން 466 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ނަމަވެސް އެ ސެންޓަރުގެ ހިދުމަތް ފެށި ފަހުން ވެސް ބޭރުގެ ހޮސްޕިޓަލުތަކަށް ފޮނުވާ ކޭސްތައް އިތުރުވެފައިވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
2015 އިން 2024އަށް ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކުގެ 10،463 ކޭސް ބޭރުގެ ހޮސްޕިޓަލުތަކަށް ވަނީ ފޮނުވާފައި
އެއީ %58 އިތުރުވުމެއް
މި މުއްދަތުގައި އިންޑިއާގެ އެންޔޫ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފޮނުވި ކޭސްތަކަށް 254 މިލިއަން ރުފިޔާ ހޭދަކުރި
ރާއްޖެއިން ބޭރަށް ފޮނުވާ ބަލިމީހުންގެ އަދަދު އިތުރުވެފައިވާއިރު ފަރުވާއަށް ބޭރަށް ރެފާ ކުރުމުގެ ޕްރޮސެސް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް އޮޑިޓުގައި ލަފާދީފައިވެ އެވެ. އަދި ރާއްޖެއިން ލިބެން ހުންނަ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކަންތައް ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ފޮނުވާ ކޭސްތަކަކީ ހަގީގަތުގައި ވެސް ރާއްޖެއިން ލިބެން ނެތް ފަރުވާތަކެއްކަން ކަށަވަރު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލައި އެންސްޕާއާ އެކު މަޝްވަރާ ކޮށް ގޮތެއް ނިންމުމަށް އާސަންދަ ކުންފުންޏަށް ވަނީ ލަފާދީފަ އެވެ.
މީގެ އިތުުރުން، އާސަންދަ ސްކީމުން ފޯރުކޮށްދޭ ހިދުމަތްތައް ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ހަރަދުތައް ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަން ވެސް ވަނީ ލަފާދީފަ އެވެ.
އެގޮތުން، ރާއްޖެއިން ލިބެންހުރި ފަރުވާއަށް ރާއްޖެއިން ބޭރަށް އެއްވެސް ސަބަބަކާ ހެދި ފޮނުވަން ޖެހިއްޖެ ނަމަ އެކަން އެނގޭނެހެން ރެކޯޑުތައް ބަލަހައްޓައި ހިދުމަތްދޭ ފަރާތްތަކުން އާސަންދައަށް ބިލްކުރާ ހިދުމަތްތަކަކީ ނުވަތަ ފަރުވާތަކަކީ ހަގީގަތުގައި ވެސް ފަރުވާ ހޯދި ފަރާތަށް ލިބިފައިވާ ހިދުމަތެއްކަން ކަށަވަރުކުރުމަށް ބިލުތައް ފަރުވާ ހޯދި ފަރާތުން ޗެކްކޮށްފައިވާކަން ކަށަވަރުކޮށް، ލިޔެކިޔުން ބަލަހައްޓަން ވަނީ ލަފާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ