އިރާނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ހިމަނަން

އެމެރިކާ އާއި އިޒްރޭލާ އެކު ވެވޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި، ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުން ހިމަނަންޖެހޭނެ ކަމަށް އިރާނުން މެދުވެރިން ގާތު ބުނެފި އެވެ.
އިރާނުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ތެހެރާނުން ބޭނުންވަނީ އިރާނާއި ސަރަހައްދީ ގުރޫޕްތަކަށް އަމާޒުކޮށްގެން ކުރާ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށެވެ. މީގެ އިތުރުން، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް އިރާނުން އަދިވެސް ދިރާސާކުރަމުންދާ ކަމަށާއި އެ ހުށަހެޅުންތަކަށް އަދި އިންކާރުކޮށްފައި ނުވާ ކަމަށް އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.
އޮފިޝަލުން ބުނާ ގޮތުގައި، މި މަހުގެ މެދުތެރެއިން ފެށިގެން އިރާނުން ދަނީ ހިޒްބުއްލޯއަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަދެއްކި އޮފިޝަލަކު ބުނީ، އިރާނުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ލުބުނާނުގެ މަސްލަހަތަށް ކަމަށާއި ލުބުނާނުގެ ސިޔާދަތަށް އިޒްރޭލުން އަރައިގަތުމަށް އިރާނުން އެއްބަސްނުވާނެ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހިޒްބުއްލޯގެ ހަތިޔާރު އަތުލުމާއި އިރާނުން ހިންގާ ޕްރޮކްސީ ހަރަކާތްތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، އިޒްރޭލުން ބުނަމުންދަނީ އެ ގައުމުން އިރާނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި ހިޒްބުއްލޯއާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަމަނުޖެހުންތަކަށް މިހާރު މަހެއްހާ ދުވަސް ވެފައިވާއިރު، މުޅި ސަރަހައްދަށް ވަނީ ހަނގުރާމައިގެ ނުރައްކާ ފެތުރިފަ އެވެ. އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,000އަށް ވުރެ ގިނަ މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހި ގެދޮރު ދޫކޮށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ