މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އޭވިއޭޝަން ދާއިރާގެ ދަތުރުފަތުރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާތީ، މުވައްޒަފުންގެ މުސާރައަށް ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާކަން ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން ހާމަކޮށްފިއެވެ.
ދިވެހި އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރާފައިވަނީ، މެދުއިރުމަތީގެ ތެރެއިން ނުވަތަ އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އެއަރލައިންތަކުގެ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަމުންދާތީއެވެ. ހަނގުރާމަ ވަރުގަދަވި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބުކިންތައް ކެންސަލްވުމާއި ކުރިއަށް ހުރި ދުވަސްތަކުގެ ބުކިންތައް މަދުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ބުނީ، މިކަމުގެ އަސަރު އެ ކުންފުނީގެ ދުވަހުން ދުވަހަށް އުފުލާ ފަސިންޖަރުންގެ އަދަދުން މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
ކުންފުނިން ފާހަގަކުރި ގޮތުގައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ކުރިން އަޅާފައިވީ ނަމަވެސް، މި ހީނަރުކަމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ވަނީ "ބޮޑު ފިއްތުންތަކެއް" ކުރިމަތިވެފައެވެ. މީގެ ކުރިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކަނޑާލުމާއި، ކެޕިޓަލް ހަރަދުތައް ހަމައެކަނި މުހިންމު ކަންކަމަށް ހަނިކުރުމާއި، ކުންފުނީގެ މާލީ ކޮންޓްރޯލްތައް ވަރުގަދަކުރުން ހިމެނެއެވެ. ނަމަވެސް، ޑިމާންޑް ދަށްވެފައިވާ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހަމައެކަނި އެ ފިޔަވަޅުތައް ފުދޭވަރު ނުވާކަމަށް މެނޭޖްމަންޓުން ވަނީ ބުނެފައެވެ.
"ފުންކޮށް ވިސްނުމަށްފަހު" ނިންމި މި ނިންމުމުގެ ދަށުން، 1 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށް މުސާރައަށް ބަދަލު ގެނައުމަށް ޓީއެމްއޭ އިން ވަނީ ނިންމާފައެވެ. މި ފިޔަވަޅު ފުރަތަމަ ތަންފީޒު ކުރާނީ ތިން މަސް ދުވަހުގެ މުއްދަތަށް، އެއީ ޖުލައި 2026 ގެ ނިޔަލަށެވެ. ފަސިންޖަރުންގެ އަދަދު އިތުރުވެ ހާލަތު ރަނގަޅުވުމުން، އެއީ މި މުއްދަތުގެ ތެރޭގައި ނުވަތަ އެއަށްވުރެ އަވަހަށް ކަމުގައި ވިޔަސް، މުސާރަތައް އަނބުރާ 2025 ވަނަ އަހަރުގެ މިންވަރަށް ރުޖޫއަކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
މި ނިންމުމަކީ މުވައްޒަފުންނަށް ކުރާނެ އަސަރު ރަނގަޅަށް އެނގި ތިބެ ނިންމި ނިންމުމެއްކަން ޓީއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ. "މުސާރައަށް ގެނެވޭ ބަދަލެއްގެ ސަބަބުން ތިޔަބޭފުޅުންނަށާއި، އާއިލާތަކަށާއި، އަދި އުފުލަންޖެހޭ ގިނަގުނަ ޒިންމާތަކަށް ކުރާނެ އަސަރު އަޅުގަނޑުމެންނަށް ފުރިހަމައަށް އިހުސާސްކުރެވޭ،" ކުންފުނިން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވެއެވެ. "ނަމަވެސް، މިއީ މި ދަތި ހާލަތުގައި އަޅުގަނޑުމެންގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށް، ކުންފުނީގެ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅެއް." މެމޯގައި އިތުރަށް ބުނެފައި ވެއެވެ.
ޓީއެމްއޭ އިން މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ